ކުރީގެ ރައީސް އަބްދުﷲ ޔާމިނަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ޖަލު ހުކުމް ބާތިލުކޮށް އެ މަނިކުފާނު މިނިވަންކުރުމަށް ސުޕްރީމް ކޯޓުން ހުކުމް ކޮށްފިއެވެ.

ސްޕްރީމް ކޯޓްގައި މިއަދު ކުރިއަށް ދިޔަ އިސްތިއުނާފީ ހުކުމް އިއްވުމުގެ މަޖިލީހުގައި ފުރަތަމަ ރަޢުޔު އިއްވާފައި ވަނީ ފަނޑިޔާރު މަހާޒް އެވެ. ފަޑިޔާރު ވަނީ އިސްތިއުނާފީ 22 ނުކުތާގެ ތެރެއިން 13 ނުކުތާއަކަށް ރައުޔު އިއްވާފައެވެ. އެ ރައުއު އަށް ދެން ތިއްބެވި ދެ ފަނޑިޔާރުން ވެސް ތާއީދު ކުރެއްވިއެވެ.

މިއަދު ކުރިއަށްދިޔަ ރައީސް ޔާމީންގެ ޖަލު ހުކުމްގެ މައްސަލައިގެ އިސްތިއުނާފީ ހުކުމް އިއްވުމުގެ މަޖިލީހުގައި ޖުމްލަ ގޮތެއްގައި މި މައްސަލައިގެ ރައުޔު އިއްވަވަމުން ފަނޑިޔާރު މަހާޒް ވަނީ ކްރިމިނަލް ކޯޓާއި ހައިކޯޓުގެ ޙުކުމް ބާތިލު ކުރުމަށް ފެނިވަޑައިގަންނަވާ ކަމަށް ނިންމަވާފައެވެ. ނަމަވެސް ފަނޑިޔާރު ވަނީ ތަހުގީގީ އިދާރާތަކުން ބަލަމުންދާ ފައިސާތަކެއް އަމިއްލަފުޅަށް އިންވެސްޓު ކުރެއްވުމަކީ ޤާނޫނީ ވެރިކަމަށް ނުބައްލަވައި، އަމިއްލަ މަސްލަޙަތު އިސްކުރެއްވުން ކަމަށް ވިދާޅުވެފައެވެ. ވީމާ މިއީ ބެލޭނެ މައްސަލައެއް ކަމަށާއި، ދައުލަތަށް އެ ޙައްޤު ލިބިގެންވާކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.

ރައުޔުގެ ތަފުސީލަށް ބަލާއިރު، ސުޕްރީމް ކޯޓަށް ހުށައެޅިފައިވާ އިސްތިއުނާފީ ނުކުތާތަކާއި ގުޅޭގޮތުން ފަނޑިޔާރު މަހާޒް ވިދާޅުވީ، ޝަރީއަތުގެ ކުރީގެ މަރުޙަލާއާ ގުޅޭ 7 ނުކުތާއެއް ރައީސް ޔާމީނު ހުށައަޅުއްވާފައިވާ ކަމަށެވެ. އެގޮތުން މި މައްސަލައިގައި ޔާމީނަށް މަނީ ލޯންޑަރިންގެ ތުހުމަތާއި ގުޅިގެން ޤާނޫނީ އިންޒާރު ދީފައިވާކަން އެނގެން އޮންނަކަމަށާއި، އެ އިންޒާރުގައި ރައީސް ޔާމީން ސޮއި ކުރައްވާފައިވާކަންވެސް އެނގެން އޮންނަކަން ފަނޑިޔާރު ވިދާޅުވިއެވެ.

އެމްއެމްޕީއާރްސީ އަށް ލިބެން ޖެހޭ ފައިސާގެ ތެރެއިން 1000000 (އެއް މިލިއަން) ޑޮލަރު ނުވަތަ 15400000 (ފަނަރަ މިލިއަން ހަތަރު ލައްކަ) ދިވެހި ރުފިޔާ ރައީސް އަބްދުﷲ ޔާމީން އަބަދުލް ޤައްޔޫމްގެ އެކައުންޓަށް ޖަމާވި ކަމަށް ބުނެ ޔާމީން 5 އަހަރަށް ޖަލަށް ލުމަށާއި 5000000 (ފަސް މިލިއަން) އެމެރިކާ ޑޮލަރުން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ 2019 ވަނަ އަހަރުގެ 28 ވަނަ ދުވަހުއެވެ.

އެ ހުކުމް ރައީސް ޔާމީންގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، ހައިކޯޓުން 2021 ވަނަ އަހަރުގެ ޖަނަވަރީ މަހު ވަނީ ކްރިމިނަލް ކޯޓުގެ ހުކުމަށް ތާއިދު ކޮށްފައެވެ.

އެހެންވެ، އެ ހުކުމް ރައީސް ޔާމީންގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމަށް ހުށަހެޅުމުން އެ ކޯޓުން އެ މައްސަލަ ބަލައިގަތީ މިދިޔަ އޭޕްރިލް މަހުގެ 19 ވަނަ ދުވަހުއެވެ. އަދި މައްސަލައިގެ އަޑުއެހުންތައް މިދިޔަ ސެޕްޓެމްބަރު 12 ވަނަ ދުވަހު ފަށާފައިވާއިރު ޖުމްލަ 8 އަޑުއެހުމެއް ވަނީ ސުޕްރީމް ކޯޓުގައި ކުރިއަށް ގެންގޮސްފަ އެވެ.

ހުކުމް އިއްވުމަށް މިއަދު އޮތް މަޖިލީހުގެ ކުރިން، އެންމެ ފަހުން މި މަހުގެ 18 ވަނަ ދުވަހު ބޭއްވި އަޑުއެހުމުގައި ފަނޑިޔާރުން ވަނީ ޑިޕޮސިޓް ސްލިޕްގައި އޮތް ޗެކް ނަމްބަރާއި އެސްއޯއެފްގެ އެކައުންޓް ސްޓޭޓްމަންޓްގައި އޮތް ޗެކް ނަމްބަރު ދިމާ ނުވަނީ ކީއްވެތޯ އަދި އެ ޗެކަކީ މިމައްސަލައިގައި ހިމެނޭ އެއްމިލިއަން ޑޮލަރުގެ ޗެކްތޯ ދައުލަތާ ސުވާލުކޮށްފަ އެެވެ.

ޖަވާބުގައި ދައުލަތުގެ ބުނީ ސުޕްރީމް ކޯޓުން ހިއްސާ ކޮށްފައިވާ ޗެކަކީ މިމައްސަލައިގައި ވާހަކަ ދެކެވޭ އެއްމިލިއަން ޑޮލަރުގެ ޗެކް ކަމަށެވެ.

ފަނޑިޔާރު މަހާޒް ހުކުމް އިއްވަމުން ވިދާޅުވީ ސުޕްރީމް ކޯޓުގެ މަރުހަލާގައި ބަލަން ޖެހޭނީ ހައި ކޯޓުގެ މަރުހަލާގައި ގާނޫނާ ޚިލާފު ކަމެއް ހިމެނޭތޯ ނުވަތަ ނޫންކަން ކަމަށެވެ.

މިގޮތުން ޔާމީންގެ އެކައުންޓަށް ފައިސާ ލިބުނު ޗެކް ނަންބަރާއި ޑިޕޮސިޓް ސްލިޕްގައިވާ ނަންބަރު ދިމާނުވާތީ، އެސްއޯއެފްއަށް ޖަމާވީ ގއ. ވޮޑަމުލާ ދޫކޮށް ދައުލަތަށް ލިބެން ޖެހޭ ފައިސާކަން ފާހަގަވެފައި ނުވާ ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.

ސުޕްރީމް ކޯޓުގައި ރައީސް ޔާމީންގެ ޖަލު ހުކުމްގެ އެންމެ ފަހު މަރުހަލާގެ އިސްތިއުނާފީ މައްސަލަ ބެއްލެވީ 3 ފަނޑިޔާރުންގެ ބެންޗަކުންނެވެ. އެއީ ފަނޑިޔާރު އަލްއުސްތާޛް މަހާޒް އަލީ ޒާހިރު، ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު އަދި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމްއެވެ. ބެންޗްގެ ރިޔާސަތުގައި އިންނެވީ ފަނޑިޔާރު މަހާޒް އެވެ.