ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ޖަލައްލުމަށް ޙުކުމްކުރި ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ޢަލީ ރަޝީދު މަގާމުން ވަކިކުރަން އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ގޮވާލައިފިއެވެ.

އަބަދުއްރަހީމް މިކަމަށް ގޮވާލެއްވީ، ޔާމީނަށް އިއްވާފައިވާ 5 އަހަރުގެ ޖަލު ހުކުމް ބާތިލުކުރުމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމް ކުރުމާ ގުޅިގެންނެވެ.

ކްރިމިނަލް ކޯޓުގައި ޔާމީނަށް ހުކުމް އިއްވެވި ފަނޑިޔާރު އަލީ ރަޝީދު ފަހުން ވަނީ ސުޕްރީމް ކޯޓްގެ ފަނޑިޔާރަކަށް އައްޔަން ކުރައްވާފައެވެ.

އިދިކޮޅުން މީގެކުރިން ވެސް ވަނީ ފަނޑިޔާރު އަލީ ރަޝީދު ޖަލަށްލާނެ ކަމުގެ އިންޒާރު ވެސް ދީފައެވެ.

ސުޕްރީމް ކޯޓުން މިއަދު އިއްވި ހުކުމުގައި ފަނޑިޔާރު މަހާޒުގެ ރައުޔު އިއްވަމުން ވިދާޅުވީ، މިމައްސަލައިގައި ތަހުގީގު މަރުހަލާގައި ދީފައިވާ ގާނޫނީ އިންޒާރުގައި މަނީލޯންޑްރިންގެ ތުހުމަތުކުރެވޭ ކަމަށް ބުނެފައި ނުވާކަމަށް ޔާމީންގެ ފަރާތުން ބުނިނަމަވެސް، ވަކީލުންގެ ހާޒިރުގައި ސޮއިކޮށްފައިވާ ބަޔާނުގައި މަނީލޯންޑްރިންގެ ކުށުގެ ވާހަކަ ބަޔާންކޮށްފައިވާ ކަމަށެވެ.

ސްޕްރީމް ކޯޓްގައި ކުރިއަށްދިޔަ އިސްތިއުނާފީ ހުކުމް އިއްވުމުގެ މަޖިލީހުގައި ފުރަތަމަ ރަޢުޔު އިއްވާފައިވަނީ ފަނޑިޔާރު މަހާޒްއެވެ.

ފަޑިޔާރު ވަނީ އިސްތިއުނާފީ 22 ނުކުތާގެ ތެރެއިން 13 ނުކުތާއަކަށް ރައުޔު އިއްވާފައެވެ. އެ ރައުއުއަށް ދެން ތިއްބެވި ދެ ފަނޑިޔާރުންވެސް ތާއީދު ކުރެއްވިއެވެ.

މިއަދު ކުރިއަށްދިޔަ ރައީސް ޔާމީންގެ ޖަލު ހުކުމްގެ މައްސަލައިގެ އިސްތިއުނާފީ ހުކުމް އިއްވުމުގެ މަޖިލީހުގައި ޖުމްލަ ގޮތެއްގައި މިމައްސަލައިގެ ރައުޔު އިއްވަވަމުން ފަނޑިޔާރު މަހާޒް ވަނީ ކްރިމިނަލް ކޯޓާއި ހައިކޯޓުގެ ޙުކުމް ބާތިލު ކުރުމަށް ފެނިވަޑައިގަންނަވާ ކަމަށް ނިންމަވާފައެވެ.

ނަމަވެސް ފަނޑިޔާރު ވަނީ ތަހުގީގީ އިދާރާތަކުން ބަލަމުންދާ ފައިސާތަކެއް އަމިއްލަފުޅަށް އިންވެސްޓު ކުރެއްވުމަކީ ޤާނޫނީ ވެރިކަމަށް ނުބައްލަވައި، އަމިއްލަ މަސްލަޙަތު އިސްކުރެއްވުން ކަމަށް ވިދާޅުވެފައެވެ. ވީމާ މިއީ ބެލޭނެ މައްސަލައެއް ކަމަށާއި، ދައުލަތަށް އެ ޙައްޤު ލިބިގެންވާކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.