އޮމިކްރޮން ވޭރިއެންޓްގެ ޒަރީއާއިން ކޮވިޑްބަލި ފެތުރުން ހުއްޓުވުމުގެ ގޮތުން، އިންގްލެންޑްގައި މިއަދުން ފެށިގެން މާސްކްއެޅުން މަޖުބޫރުކޮށް އިތުރު ފިޔަވަޅުތައް އަޅައިފިއެވެ.

އެގޮތުން، މިއަދުން ފެށިގެން އެތެރޭގެ ދަތުރުފަތުރު ކުރުމާއި، ފިހާރަތަކަށް ގޮސް އުޅުމުގައާއި، ބޭންކްތަކާއި، ސެލޫންތަކަށް ދިއުމާއި، އެނޫންވެސް އާންމު ޚިދުމަތްތައް ހޯދަންދާ މީހުން މާސްކްއަޅަން މަޖުބޫރު ކޮށްފައި ވެއެވެ.

އިނގިރޭސިވިލާތުން މިހާތަނަށް އޮމިކްރޮންގެ 11 ކޭސް ފެނިފައި ވެއެވެ.

އޮމިކްރޮން ވޭރިއެންޓް ފެތުރޭ ހަލުވިމިނާއި، އެ ވޭރިއެންޓް ވެކްސިނަށް ގުޑާ މިންވަރު ދެނެގަތުމުގެ ކުރިން މި ވޭރިއެންޓް ފަތުރުން މަޑުޖެއްސުމަށް މިފިޔަވަޅު ތަކަކީ މުހިންމު ފިޔަވަޅުތަކެއް ކަމަށް އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން ޕާލަމެންޓުގައި ވާހަކަފުޅު ދައްކަމުން މިއަދު ވިދާޅުވިއެވެ.

އިންގްލެންޑްގައި މާސްކްއެޅުން މަޖުބޫރު ކުރުމުގެ އިތުރުން، އެގައުމަށް ބޭރުން އަންނަ ހުރިހާ ދަތުރުވެރިން އިނގިރޭސިވިލާތަށް އަންނަތާ ދެވަނަ ދުވަހުގެ ކުރިން ޕީސީއާރް ޓެސްޓް ހެދުމަށްވެސް ސަރުކާރުންވަނީ މަޖުބޫރު ކޮށްފައެވެ.

އަދި ޕީސީއާރް ޓެސްޓުގެ ނަތީޖާ ލިބެންދެން އެމީހަކު ހުންނަންޖެހޭނީ އައިސޮލޭޝަންގައި ކަމަށްވެސް ކަނޑައަޅާފައި ވެއެވެ.

އެކަމަކު، އެފްރިކާގެ ދެކުނު ބިތުގެ 10 ގައުމަކުން އިނގިރޭސިވިލާތަށް އަންނަ އެންމެން ކަނޑައަޅާފައިވާ ހޮޓާތަކެއްގައި ކަރަންޓީނުވާންޖެހޭ ގޮތަށް ކުރިން ވަނީ ކަނޑައަޅާފައެވެ.

ބޮޑުވަޒީރު ބޮރިސް ޖޯންސަން ވިދާޅުވީ، އޮމިކްރޮން ވޭރިއެންޓް ފެތުރުން ހުއްޓުވަން މިއަދު އެޅި ފިޔަވަޅުތައް ތިން ހަފްތާފަހުން ރިވިއު ކުރައްވާނެ ކަމަށެވެ.

އިނގިރޭސި ސަރުކާރުން މިހާރު ތައްޔާރުވަމުންދަނީ ބޫސްޓަރ ޑޯޒް ޖެހުމުގެ ޕްރޮގްރާމް ފުޅާކުރުމަށެވެ.

ދޮށީ އުމުރުގެ އެންމެންނަށް ބޫސްޓަރ ޑޯޒްޖެހުން ކުރިއަށް ގެންދިއުމަށް އިނގިރޭސިވިލާތުގެ ވެކްސިން އެޑްވައިޒަރުން ސަރުކާރަށް އިއްޔެ މަޝްވަރާ ދީފައިވާއިރު، ހެލްތު މިނިސްޓަރ ސާޖިދު ޖާވިދު ވިދާޅުވީ، ވެކްސިން ޕްރޮގްރާމް ކުރިއަށް ދާނޭ ގޮތުގެ އިތުރު ތަފްސީލް މި ހަފްތާގައި ހާމަކުރައްވާނެ ކަމަށެވެ.