ރާއްޖެއިން ފަތުރުވެރިންނަށް ލިބޭ ތަފާތު ތަޖުރިބާތައް ނޯޑިކް ސަރަހައްދުގެ ޓްރެވަލް ޓްރޭޑްއާއެކު ކުރިއަށް ގެންދިޔަ ވެބިނާއެއްގައި ހިއްސާކޮށްފިއެވެ.

އެއް ގަޑިއިރުގެ މިވެބިނާ ސެޝަން ކުރިއަށް ގެންދިޔައީ މިމަހުގެ 30 ވަނަ ދުވަހުއެވެ.

މިއީ ނޯޑިކް މާކެޓުގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ހާއްސަކޮށް ކުރިއަށް ގެންދާ ވެބިނާ ސިލްސިލާއެއްގެ 2 ވަނަ ސެޝަނެވެ. މި ވެބިނާ ސީރީޒްގެ މަޤްސަދަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ އެންމެ ފަހުގެ މައުލޫމާތު ނޯޑިކް މާކެޓުގެ ފަތުރުވެރިކަމުގެ ދާއިރާގައި ހިމެނޭ ފަރާތްތަކާއި ފަތުރުވެރިންނަށްފޯރުކޮށްދިނުމެވެ.

އަދި ރާއްޖެއަށް މި މާކެޓުގެ ފަތުރުވެރިންގެ މެދުގައި އޮންނަ މަޤުބޫލުކަން އިތުރުކުރުމެވެ. އެގޮތުން މި ސިލްސިލާގެ ދެވަނަ ސެޝަން ބާއްވާފައިވަނީ "މޯލްޑިވްސް - އަ ސޭފް ހޭވަން ވިތް ޔުނީކް އެކްސްޕީރިއަންސަސް" ތީމްގެ ދަށުންނެވެ.

ސެޝަން ފެށުމުގެ ގޮތުން ވާހަކަ ދައްކަވަމުން އެމްއެމްޕީއާރުސީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ ތޮއްޔިބް މުހައްމަދު ވަނީ ރާއްޖެ އަކީ ރައްކާތެރި އަދި ތަފާތު ތަޖުރިބާތައް ފަތުރުވެރިންނަށް ފޯރުކޮށްދޭ މަންޒިލެއްކަން ފާހަގަކުރައްވާފައެވެ.

ހާއްސަކޮށް ރާއްޖޭގެ ރިޒޯޓް، ހޮޓެލް، ގެސްޓްހައުސް އަދި ލިވަބޯޑުތަކުގައި އެޅިފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި،މަންޒިލުން ފަތުރުވެރިންނަށް ލިބޭ ތަފާތު އެކި ހިދުމަތްތަކާއި، ތަޖުރިބާތަކުގެ ވާހަކަތައް ތޮއްޔިބް ވެބިނާގެ ބައިވެރިންނާ ހިއްސާކުރެއްވި ކަމަށް ވިޒިޓް މޯލްޑިވްސް އިން ބުނެއެވެ.

މިވެބިނާ ސެޝަންގައި އެމްއެމްޕީއާރުސީއާއެކު ކެނޮޕިސް މޯލްޑިވިސް އަދި ސެންޓްރަ ހޮޓެލްސް އެންޑް ރިސޯޓްސް ބައިވެރިވިއިރު ރާއްޖޭގެ ޕްރެޒެންޓޭޝަނެއްވެސް ވަނި ދީފައެވެ.

މި ސެޝަންގެ ތެރެއިން ވަކިވަކި އިންޑަސްޓްރީ ޕާޓްނަރުން ވަނީ އެ ފަރާތްތަކުން ފަތުރުވެރިންނަށްދޭ ހިދުމަތްތަކާ ބެހޭ މައުލޫމާތުވެސް ހިއްސާކޮށްފައެވެ. މިސިލްސިލާގެ ފުރަތަމަ ސެޝަން ބާއްވާފައިވަނީ މިދިޔަ ސެޕްޓެންބަރު މަހުގެ ތެރޭގައެވެ.

އެ ސެޝަން ހާއްސަކުރީ "ކަނެޓް ވިތް މޯލްޑިވްސް - ޔޯ ސޭފް ހެވަން"ގެ މައުލޫއަށެވެ.

ރާއްޖޭގެ އާންމު މައުލޫމާތާއި، ރާއްޖެއަށް ދަތުރުކުރުމުގެ ގަވައިދުތަކާއި، ރައްކާތެރިކަމުގެ ގޮތުން ރާއްޖޭގައި އަޅާފައިވާ ހަރުދަނާ ފިޔަވަޅުތަކުގެ މައުލޫމާތު ފުރަތަމަ ސެޝަންގައި ބައިވެރިވި ވެބިނާގެ ފަރާތްތަކާއި ހިއްސާކޮށްފައިވާ ކަމަށްވެސް ވިޒިޓް މޯލްޑިވްސް އިން ބުނެއެވެ.

އަދި ރާއްޖޭގެ ޕެކޭޖްތައް ނޯޑިކް ފަތުރުވެރިންނަށް ވިއްކޭނެ ގޮތްތައް ވަނީ ބުނެދީފައެވެ.

މިސިލްސިލާގެ ކޮންމެ ވެބިނާ ސެޝަނެއްގައި ނޯޑިކް ސަރަހައްދުގެ ބޮޑެތި ޓްރެވަލް އެޖެންޓުން ބައިވެރިވާނެ ކަމަށް ބެލެވެއެވެ.

މި ސިލްސިލާގެ އެންމެ ފަހުސެޝަން ބޭއްވުމަށް ހަމަޖެހިފައި ވަނީ "ލޯކަލް އައިލެންޑްސް، ލޯކަލް އެކްސްޕީރިއަންސަސް"ގެ މައްޗަށް ކަމަށް ވިޒިޓް މޯލްޑިވްސް އިން ބުނެއެވެ.