ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިވަޑައިގަތީ ރައީސް އިބްރާހީމް މުހައްމަދު ސާލިހްގެ ޒާތީ އެޖެންޑާއެއްގެ ސަބަބުން ކަމަށް އެމަނިކުފާނުގެ ގާނޫނީ ޓީމްގެ އިސް ވަކީލް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ސުޕްރީމް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމަށް ފަހު ރައީސް ޔާމީން މިނިވަންވުމާއި ގުޅިގެން އެމަނިކުފާނުގެ ގާނޫނީ ޓީމުން ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަދައްކަވަމުން ޑރ. ޖަމީލް ވިދާޅުވީ، ގިނަ ދުވަހުގެ މަސައްކަތަށް ފަހު މިމައްސަލަ ނިމިގެންދިޔައިރު އެމަނިކުފާނަށް މި ގޮންޖެހުންތައް ދިމާވީ ކީއްވެތޯ ސުވާލު އުފެއްދުން މުހިންމު ކަމަށާއި، އެކަން ދިމާވީ ކޯލިޝަން ސަރުކާރުގެ ޒާތީ އެޖެންޑާއެއްގެ ސަބަބުން ކަމަށެވެ.

އެއްވެސް މީހެއްގެ މައްޗަށް ހުކުމެއް ކުރަންވާނީ ޝައްކެއް ނެތް މިންވަރަށް އެކަމެއް ޔަގީންވުމުން ކަމަށް ގާނޫނު އަސާސީގެ 51 ވަން މާއްދާގައި ބަޔާންކޮށްފައިވާކަން ފާހަގަކުރައްވައި، ޑރ. ޖަމީލް ވިދާޅުވީ، ޝައްކެއްގެ މައްޗަށް ބިނާކޮށް މީހަކަށް ލިބޭ އަނިޔާ ފޫނުބެއްދޭނެ ކަމަށެވެ.

އަޅުގަނޑުމެން ކަފާލާތގެ މައްސަލައިގައި ތިބޭފުޅުން އަޑުއައްސަވާނެ އަޅުގަނޑުމެން ހައިކޯޓުގައިވެސް ދެންނެވީ އެއވަހަކައަކީ މީ. ކިހިނެއްހޭ ކަފާލާތު ނުދޭކަމުގައި ވާނަމަ މީހަކު ޖަލުގައި ހޭދަކުރާ ކުރުން ކޮމްޕެންސޭޓް ކުރާނީ. މިއަދު މިއޮތީ އެތަން އައިއްސަ. ކާކުހެއްޔޭ މި ދެންނެވި މުއްދަތަށް ޖަލުގައި ހޭދަކުރެއްވި މުއްދަތަށް ކޮމްޕެންސޭޓް ކުރަނީ.
ރައީސް ޔާމީންގެ ގާނޫނީ ވަކީލް ޑރ. މުހައްމަދު ޖަމީލް އަހުމަދު

ސަލާމަތީ ބާރުތަކުން ފަރުދުންނާއި ޖަމާއަތުގެ ތެރޭގައި، ރައީސް ޔާމީނާ ދޭތެރޭ ވަކީ ގޮތަކަށް އަމަލުކޮށް، ތުހުމަތުކުރެވޭ ކަމަށް ބުނާ ކުށަށް ތުހުމަތުވާ އެހެން މީހުންގެ މައްޗަށް ތަހުގީގީ އުސޫލާ އެއްގޮތަށް އެކަން ހިނގާފައިނުވާކަން ފާހަގަކުރައްވައި، ޑރ. ޖަމީލް ވިދާޅުވީ، އެފަދަ މައްސަލަތަކުގައި ތަފާތު އެތަކެއް ތުހުމަތުތަކެއް ކުރެވޭ ބޭފުޅުން މިއަދުވެސް ފެންނަމުންދަނީ ސަރުކާރުގެ މަގާމުތަކުގައި ތިއްބެވި މަންޒަރު ކަމަށެވެ.

ޑރ. ޖަމީލް ވަނީ މަނީ ލޯންޑަރިންގެ ގާނޫނު އޮންނަ ގޮތް ކަނޑައެޅިގެން އެނގި ތިބެ، ޕްރޮސިކިއުޝަނުން އެ ގާނޫނުގެ މުޅި މަފްހޫމް އޮޅުވާލާފައިވާ ކަމުގެ ތުހުމަތުވެސް ކުރައްވާފައެވެ.

އެމަނިކުފާނު ވަނީ، މައްސަލަ ތަހުގީގު ކުރުމުގައި ތަހުގީގީ އިދާރާތަކުން ރައީސް ޔާމީނާ މެދު ތަފާތު ކުރުންތަކެއް ގެންގުޅެފައިވާ ކަމަށް ބުނެ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

އަޅުގަނޑުމެންނަށް ފެނިގެން ދިޔައީ މި މައްސަލައިގެ ތެރޭގައި ދިވެހިރާއްޖޭގެ ގާނޫނު އަސާސީގެ 244 ވަނަ މާއްދާއިން، ފުލުހުންނަށް މަތިކޮށްފައިވާ މަސްއޫލިއްޔަތުތައް އަދާކުރުމުގައި ގާނޫނޫ އަސާސީގެ 245 ވަނަ މާއްދާ އާއި ޚިލާފަށް ދިވެހިރާއްޖޭގެ ފުލުހުންގެ މުއައްސަސާއިން، މި ކޯލިޝަން ސަރުކާރުން އިސްވެ އޮވެގެން ކޮށްފައިވާ ޣައިރު ގާނޫނީ އަމުރުތަކަށް ތަބާވެ ހިންގާފައިވާ ތަހުގީގެއް ވާކަން މި މައްސަލައިގެ ތެރެއިން އަޅުގަނޑުމެންނަށް ހަގީގަތުގައި ފެނިގެން ދިޔައީ.
ރައީސް ޔާމީންގެ ގާނޫނީ ވަކީލް ޑރ. މުހައްމަދު ޖަމީލް އަހުމަދު

އަދި، ފުލުހުން އެ ތަހުގީގު ކޮށްފައިވަނީ ކަނޑައެޅިގެން ގަނޫނުއަސާސީން ރައްކާތެރިކަން ދީފައިވާ، ދިވެހި ކޮންމެ ރައްޔިތަކަށް ލިބިގެންވާ ރައްކާތެރިކަން އެއްފަރާތްކޮށް، ގަނޫނު ރައްކާތެރިކުރުން ނަގާލައި، ސީދާ ރައީސް ޔާމީނަށް "ޑިޒައިންކޮށްގެން" ކަމަށްވެސް ޑރ. ޖަމީލް ވިދާޅުވިއެވެ.

ޑރ. ޖަމީލް ވިދާޅުވީ، މި މަސައްކަތަކީ ދިވެހިރާއްޖޭގެ ތާރީޚުގައި ކުރެވުނު އެންމެ ބޮޑު ގާނޫނީ މައްސަލައިގެ މަސައްކަތް ކަމަށާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކުރި ހުކުމުން ރާއްޖޭގެ ތާރީހުގައި ކުރެވުނު އެންމެ ބޮޑު ގާނޫނީ ބަހުސައް ހައްލު ލިބިގެން ހިގައްޖެ ކަމަށެވެ.

އަދި މި މަސައްކަތް މިހިސާބަށް ގެންދެވުނީ ފުރަތަމަ ދުވަހުން ފެށިގެންވެސް ރައީސް ޔާމީންގެ މައުސޫމުކަން އެންމެންނަށްވެސް ޔަގީންވުމުން ކަމަށް ޑރ. ޖަމީލް ވިދާޅުވިއެވެ.