ހިޔާ ފުލެޓްތަކުގެ ފެން ބިލާ ގުޅޭ ގޮތުން ކަސްޓަމަރުންނަށް މައުލޫމާތު ދިނުމަށްޓަކައި ހިޔާ ފުލެޓް ޓަވަރ 13 ގައި އެމްޑަބްލިޔުއެސްސީ އިން ހެލްޕް ޑެސްކެއް ބަހައްޓައިފިއެވެ.

މި ހެލްޕް ޑެސްކް މެދުވެރިކޮށް ކަސްޓަމަރުން ފެން ބިލާ ބެހޭގޮތުން އޮޅުންފިލުވަން ބޭނުންވާ މަޢުލޫމާތު ސާފުކުރުމާއި، ފުލެޓްތަކުގެ ފެން މީޓަރު ރަޖިސްޓަރ ކުރުމާއި އަދި އެމްޑަބްލިޔުއެސްސީގެ ލީނިޔަންސީ ޕޮލިސީ މެދުވެރިކޮށް މަސް މަހަށް ބަހާލައިގެން ފައިސާ ދެއްކޭ ސްކީމަށްވެސް އެދުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ.

މި ހެލްޕް ޑެސްކް ގާއިމްކޮށްފައި ވަނީ މިމަހުގެ ތިރީސްވަނަ ދުވަހުން ފެށިގެން އަންނަ މަހުގެ ހަތަރުވަނަ ދުވަހަށް ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހަކު މެންދުރު 13:00 އިން ހަވީރު 17:00 އަށެވެ.

އެމްޑަބްލިޔުއެސްސީން މި ހެލްޕް ޑެސްކް ގާއިމްކުރުމުގެ މަގުސަދަކީ ހިޔާ ފުލެޓުތަކުގައި ދިރިއުޅޭ ފަރާތްތަކަށް ލުއިފަސޭހަ ކަމާއެކު ފެންމީޓަރު ރަޖިސްޓަރ ކުރުމުގެ ފުރުސަތު ދިނުމާއި، އެފަރާތްތަކަށް ވީހާވެސް ގާތުން ފެން ބިލާ ގުޅޭ މުހިންމު މައުލޫމާތު ފޯރުކޮށް ދިނުން ކަމަށް އެ ކުންފުނިން ބުންޏެވެ.

އެގޮތުން ހިޔާ ފުލެޓްގެ ފެން މީޓަރު ރަޖިސްޓްރީ ކުރުމަށް އެދޭ ފަރާތްތަކުން ވެރިފަރާތުގެ އައިޑީކާޑާއި ހިޔާ ފުލެޓް އެގްރީމަންޓްގެ 29 ވަނަ ސަފްޙާ ގެނައުމުން ފެން މީޓަރު ރަޖިސްޓްރީކޮށްދެވޭނެއެވެ.

އަދި ކަސްޓަމަރުން މަސް މަހަށް ބަހާލައިގެން ފެން ބިލަށް ފައިސާ ދެއްކުމަށް އެދޭނަމަ ހެލްޕް ޑެސްކް މެދުވެރިކޮށް އެމްޑަބްލިޔުއެސްސީގެ ލީނިއަންސީ ޕޮލިސީއަށްވެސް އެދުމުގެ ފުރުސަތު އެ ކުންފުނިން ވަނީ ހުޅުވާލާފައެވެ.

މީގެ އިތުރުން އެޕާޓްމަންޓުތަކުގައި ފެން ލީކެއް އުޅޭކަން ދެނެގަންނާނެ ގޮތްތަކާއި، ފެން ލީކެއް އުޅޭކަންފާހަގަ ކުރެވޭނަމަ ދެން ކަންތައްކުރަންވީ ގޮތުގެ މަޢުލޫމަތުވެސް ކަސްޓަމަރުންނަށް ހިއްސާ ކުރެވޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.