ކޮވިޑް-19 އާ ގުޅިގެން އިއުލާނު ކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ މުއްދަތު އަނެެއްކާވެސް އިތުރު ކޮށްފިއެވެ.

މިފަހަރު މުއްދަތު އިތުރުކޮށްފައިވަނީ މިމަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށެވެ.

ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ސޮއިކުރައްވާ ނެރުއްވާފައިވާ ގަރާރުގައި ވަނީ ކޮވިޑް-19 އަދިވެސް އިތުރަށް ފެތުރުގެ ނުރައްކާ އޮތް ކަމަށާއި އަދި ރާއްޖޭގައި ވެސް ފުޅާ ދާއިރާއެއްގައި މި ބަލި ފެތުރުމުގެ ނުރައްކާ އަދިވެސް އޮތުމާއެކު މާޗް 12، 2020 ގައި އިއުލާނު ކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު ދެމި އޮތް ކަަމަށާ އަދި އެ ނުރައްކާ ކުޑަކޮށް އާންމު ރައްޔިތުންގެ ސިއްހަތަށާއި ރައްކާތެރިިކަން ކަށަވަރު ކުރުމަށްޓަކައި ހާއްސަ ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށް ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ގަބޫލުކުރޭ ކަމަށް ލަފާ ދެއްވާފައިވާތީ، މި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު ދެމެހެއްޓުމަށް ނިންމާފައިވާ ކަމަށެވެ.

މި ގަރާރުގައި މިނިސްޓަރު ނަސީމް ވަނީ ރައްކާތެރިކަމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އަޅުއްވަމުން ގެންދެވުމަށް ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް އަންގަވާފައެވެ.

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ފުރަތަމަ އިއުލާންކުރީ 2020 ވަނަ އަހަރުގެ މާޗުމަހުގެ 12 ވަނަ ދުވަހުގައެވެ. އެ ދުވަހުން ފެށިގެން އަންނަނީ މުއްދަތު ދަމަހައްޓަމުންނެވެ. އަދި މިއީ މި މުއްދަތު އިތުރުކުރި 21 ވަނަ ފަހަރެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިއަދާ ހަމައަށް ރާއްޖެއިން 91،650 މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.

އަދި މިބަލީގައި މިހާތަނަށް 250 މީހުން ވަނީ މަރުވެފައެވެ.