އެއިޑްސް ބައްޔަކީ އެޗްއައިވީ ވައިރަސްގެ ސަބަބުން ޖެހޭ ނުރައްކާތެރި ބައްޔެކެވެ. މިބައްޔަށް މިހާތަނަށް އަދި ފަރުވާއެއް ހޯދިފަނުވާއިރު މިބަލީގެ އާޚިރު ނަތީޖާ އަކީ މަރުވުމެވެ.

އެޗްއައިވީ އަކީ އިންސާނާގެ ހަށިގަނޑުގެ ދިފާޢީ ބާރު އެވައިރަސްގެ ސަބަބުން ދަށްކޮށްލާ ނުވަތަ ނައްތާލާ ވައިރަސް އެކެވެ. މީގެ ސަބަބުން އެކިއެކި ޖަރާސީމްގެ ސަބަބުން ޖެހޭ ބަލިތަކުން ދިފާޢުނުވެ، ބަލި ހަށިގަނޑުގައި ފެތުރެމުންދެއެވެ.

އެއިޑްސް ޖައްސާ ވައިރަސް އެޗްއައިވީ ހަށިގަނޑުގެ ތެރެއަށް ވަނުމަށްފަހު ދެހަފްތާއާއި ބާރަ ހަފްތާއާއި ދޭތެރޭގައި ލޭޓެސްޓްކުރުމުން އެޗްއައިވީގެ އެންޓިބޮޑީޒް ހަށިގަނޑުގެ ތެރެއިން ފެނިއްޖެނަމަ އެއިން އަންގައިދެނީ އެމީހަކު އެހެރީ އެޗްއައިވީ ނުވަތަ އެއިޑްސް ޖައްސާ ވައިރަސް އާއި ތަޣައްޔަރުވެ އިންފެކްޓްވެފައި ކަމެވެ.

އޭޑްސް ބަލީގެ ޖަރާސީމް ހަށިގަނޑަށް ވަންނަނީ ހަންގަނޑާއި، ތެތް ދުލިފަށް އަދި މާބަނޑު މީހާގެ ބަނޑުގައިވާ މަސް ހުރަސް ކޮށެވެ. އެކަކު ގައިން އަނެކަކު ގަޔަށް އާންމު ގޮތެއްގައި އެޗްއައިވީ އަރަނީ ހަށިގަނޑުގެ ދިޔައިންނެވެ.

ބަލި ޖައްސާ ވައިރަސް އަންހެނާގެ ކުރިމަތި ފަރާތުން ބޭރުވާ ދިޔަ، މަނި، ކުޅު، ލޭ، ކަރުނަ، ކުޑަކަމުދާ ތަކެތި، ކިރު އަދި ހަށިގަނޑުން ބޭރުވާ އެހެން ދިޔައިގެ ތެރޭގައި ވެސް ހުރެއެވެ. އާންމު ގޮތެއްގައި މިބަލި ފެތުރެނީ އަންހެނާގެ ކުރިމަތި ފަރާތުން ބޭރުވާ ދިޔަ ނުވަތަ ތެތްކަން، މައިމީހާގެ ގާތުންދޭ ކިރު، މަނި، އަދި ލޭގެ ޒަރީޢާ އިންނެވެ. މިއީ އެއިޑްސް ޖެހުމަށް މެދުވެރިވާ ސަބަބުތަކެވެ.

ރާޢްޖެއިން އެންމެފުރަތަމަ އެޗްއައިވީ ޖެހިފައިވާ މީހެއް ފެނިފައިވަނީ 1991 ވަނަ އަހަރުއެވެ. އަދި 2017 ވަނަ އަހަރުގެ ނިޔަލަށް، 25 ދިވެއްސަކަށް އެޗްއައިވީ ޖެހިފައިވާކަން ރިކޯޑް ކުރެވިފައިވާ ކަމަށް ހެލްތު މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ.

އެޗްއައިވީއަށް ޕޮޒިޓިވާ މީހުންގެ މައުލޫމާތަކީ ވަރަށް ބޮޑަށް ސިއްރު ކުރެވިފައިވާ މައުލޫމާތަކަށް ވާއިރު އެއިޑްސް ބަލިޖެހިގެން ރާއްޖެއިން މިހާތަނަށް 15 މީހަކު ވަނީ މަރުވެފައެވެ.

އެޗްޕީއޭ އިން ބުނީ ރާއްޖޭގައި މަސައްކަތް ކުރަން އަންނަ ބިދޭސީންގެ މެޑިކަލް ޗެކަޕް ހެދުމުގެ ތެރޭގައި 415 އަށް ވުރެ ގިނަ މީހުންގެ ގައިން އެޗްއައިވީ ފެނިފައިވާ ކަމަށެވެ. 25 ދިވެހިން މިހާރު އެޗްއައިވީއަށް ޕޮޒިޓިވް ވެފައި ވީނަމަވެސް، އެޗްއައިވީ ވައިރަސް އެމީހެއްގެ ހަށިގަނޑުގައި ހުރިކަން ނޭނގޭ އެތައް ބަޔަކު ދިވެހިންގެ ތެރޭގައި މިހާރު ތިބުން އެކަށީގެންވާ ކަމަށާއި އަދި ކުއްލިއަކަށް ގިނަ ބަޔަކަށް އެޗްއައިވީ ޖެހުމުގެ ފުރުސަތު ރާއްޖޭގައި ބޮޑުކަން، ކަމާއި ބެހޭ ފަރާތްތަކުން މީގެ ކުރިންވެސް ފާހަގަކޮށްފައިވެއެވެ.

ހެލްތު މިނިސްޓްރީން ޢާއްމުކޮށްފައިވާ ގޮތުގައި 2017ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގައި ތިބީ މިބަލި ޖެހިފައިވާ 25 ދިވެހިންނެވެ. އަދި އޭގެ 3 އަހަރުފަހުން މިނިސްޓްރީން ޢާއްމުކުރި ތަފާސްހިސާބު ދައްކާގޮތުން ރާއްޖޭގައި މިވަގުތު މިބައްޔަށް ހުށައެޅިފައިވާ 37 ދިވެހިން އެބަތިއްބެވެ. މީގެތެރޭގައި ހިމެނެނީ 31 ފިރިހެނުންނާއި 6 އަންހެނުންނެވެ. މީގެތެރެއިން މިވަގުތު 22 މީހަކަށް އޭއާރްވީ ފަރުވާ އަންނަނީ ދެމުންނެވެ.

ދުނިޔޭގެ ސިއްހަތު ޖަމްޢިއްޔާއިން އަންދާޒާކުރާ ގޮތުގައި މިވަގުތު ދުނިޔޭގައި މިބަލި ޖެހިފައިވާ 37.7 މިލިއަން މީހުން ތިބިއިރު މިބަލީގައި މިހާތަނަށް 1 މިލިއަން މީހުން ވަނީ މަރުވެފައެވެ.

މިހާތަނަށް ފުރިހަމަ ފަރުވާއެއް ހޯދިފައި ނުވާ އެއިޑްސް ބަލި ޖައްސާ ހިއުމަން އިމިއުނޯޑިފިޝެންސީ ވައިރަސް ނުވަތަ އެޗްއައިވީ ނައްތާލެވޭ އައު ހޯދުމެއް ސައިންސްވެރިން ކާމިޔާބުކަމާއިއެކު ޓެސްޓުކުރީ 2019 ވަނަ އަހަރުއެވެ. މި ޓެސްޓުތައް ހަދާފައިވަނީ އެޗްއައިވީގެ އަސަރު ކޮށްފައިވާ މީދާތަކެއް ބޭނުންކޮށްގެންނެވެ. މި ދިރާސާގެ ނަތީޖާތައް ވަނީ "ނޭޗަރ ކޮމިއުނިކޭޝަން" ޖާނަލްގައި ޝާއިއުކޮށްފައެވެ.

އެމެރިކާގެ ޓެމްޕްލް ޔުނިވަސިޓީގެ ލިއުވިސް ކެޓްޒް ސްކޫލް އޮފް މެޑިސިން އަދި ޔުނިވަސިޓީ އޮފް ނެބްރާސްކާ މެޑިކަލް ސެންޓަރުގެ ސައިންސްވެރިން ހަދާފައިވާ މި ދިރާސާގެ ނަތީޖާއަށް ބަލައިލާއިރު، އެ މީހުން ވަނީ އެޗްއައިވީގެ އަސަރު ކޮށްފައިވާ މީދާތަކެއްގެ ޑީއެންއޭއިން އެޗްއައިވީގެ އަސަރު މުޅިން ނައްތާލާފަ އެވެ.

ބަލީގެ ހާލަތު މިހެން އޮތްއިރު އެއިޑްސް ބައްޔާ ގުޅޭގޮތުން ރާއްޖޭގައި ހަދާފައިވާ އެސެސްމަންޓްތަކާއި ދިރާސާތަކުން ދައްކާ ގޮތުގައި ރާއްޖޭގައި އެޗްއައިވީ އެއިޑްސް ބަލި ފެތުރިގެން ދިޔުމަށް މަގުފަހިވާ ފަދަ އާދަތައް ފެންނަންއެބަހުރި ކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ. އެގޮތުން ނަހަމަ ގޮތުގައި ޖިންސީ ގުޅުން ހިންގުން އިތުރުވެފައިވާކަން ވަނީ ފާހަގަކޮށްފައެވެ.

ކޮންމެ އަހަރެއްގެ ޑިސެމްބަރު މަހުގެ ފުރަތަމަ ދުވަސް އެއިޑްސް ދުވަހުގެ ގޮތުގައި ފާހަގަކުރަމުން އަންނައިރު ޑަބްލިއުއެޗްއޯއިން ވަނީ "އެންޑް އިންއީކުއެލިޓީސް، އެންޑް އެއިޑްސް" ނުވަތަ "ތަފާތުކުރުން ނައްތާލާ، އެއިޑްސް ނައްތާލާ." މިޝިޢާރު މިއަހަރު ކަނޑައަޅާފައެވެ.