ގައުމު ވައްޓާލާފައިވާ އިގުތިސާދީ އަނދަވަޅުން ނަގާ ކޮޅައްޖެހޭނެ ހުރީ އެންމެ ލީޑަރެއް ކަމަށް ކުރީގެ ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރ މުހައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.

މަލީހް މިފަދައިން ވިދާޅުވީ ރައީސް ޔާމީނަށް އިއްވާފައިވާ 5 އަހަރުގެ ޖަލު ހުކުމް ސުޕްރީމް ކޯޓުން ބާޠިލްކުރުމުން ކުރެއްވި ޓުވީޓެއްގައެވެ.

މަލީހްގެ ޓުވީޓުގައި ވިދާޅުވެފައި ވަނީ ގައުމު މިއަދު ވައްޓާލާފައިވާ އަނދަވަޅުން ނަގާ ކޮޅަށް ޖެހޭނެ ހުރީ އެންމެ ލީޑަރެއް ކަމަށެވެ. އެއީ ގައުމީ ވަތަނީ ފިކުރުގެ ބާނީ ޕީޕީއެމްގެ ރައީސް ކުރީގެ ރައީސް އަބްދުﷲ ޔާމިން އަބްދުލްގައްޔޫމް ކަމަށެވެ.

"ޤައުމު ވައްޓާލާފައިވާ އިޤުތިސާދީ އަނދަވަޅުން ނަގާ ކޮޅައްޖެހޭނެ ހުރީ އެންމެ ލީޑަރެއް. އެއީ ޤައުމީ ވަތަނީ ފިކުރުގެ ބާނީ ޕީޕީއެމްގެ ރައީސް ރައީސް ޔާމީން. 17 ނޮވެމްބަރ 2023ގައި އެމަނިކުފާނުގެ ރިޔާސީ 2 ވަނަ ދައުރު ފައްޓަވާނީ މާތްﷲގެ ވާގިފުޅާއި އެކު މުޅީން އާާރޫހެއްގައި."
މުހައްމަދު މަލީހް ޖަމާލް

މަލީހް އިތުރަށް ވިދާޅުވެފައިވަނީ ކުރިއަށް އޮތް 2023 ވަނަ އަހަރުގެ އިންތިޚާބުގައި ރައީސް ޔާމިން އެމަނިކުފާނުގެ ރިޔާސީ 2 ވަނަ ދައުރު ފައްޓަވާނި މާތްﷲގެ ވާގިފުޅާއިއެކު މުޅީން އައު ރޫޙެއްގައި ކަމަށެވެ.

ރައީސް ޔާމީން މިނިވަންވީ މަނީ ލޯންޑަރިންގެ ކުށުގައި އެމަނިކުފާނުގެ މައްޗަށް ކުރި ފަސް އަހަރުގެ ޖަލު ޙުކުމް ސުޕްރީމް ކޯޓުން ބާޠިލްކުރުމުންނެވެ.

ދަށު ކޯޓުގެ ހުކުމް ސުޕްރީމް ކޯޓުން ބާތިލްކުރީ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ.