ރާއްޖޭގައި ބާއްވާ ފަތުރުވެރިކަމުގެ އެންމެ ބޮޑު ހަރަކާތް، ޓީޓީއެމް މޯލްޑިވްސް 2021 ގައި އެމްއެމްޕީއާރުސީން ބައިވެރިވެއްޖެއެވެ.
ޓީޓީއެމް ހަރަކާތަކީ ހައިބްރިޑްކޮށް ނޮވެންބަރު 28 އިން 30 ވަނަ ދުވަހަށް ކުރިއަށްދިޔަ ހަރަކާތެކެވެ.
ޓީޓީއެމް މޯލްޑިވްސްގެ ތެރެއިން ހިންގާ ޓްރެވަލް ސަމިޓް ވަނީ 28 ނޮވެންބަރު ވަނަ ދުވަހު މީރު އިވެންޓްސް ކޮންފަރެންސް ފެސިލިޓީގައި ކުރިއަށް ގެންގޮސްފައެވެ. މި ސަމިޓުގައި ފަތުރުވެރިކަމުގެ ދާއިރާގެ ލީޑަރުންނާއި، އިންޑަސްޓްރީގެ ސީނިއާ ފަރާތްތަކުން ވަނީ ބައިވެރިވެފައެވެ. މި އަހަރުގެ ސަމިޓްގެ މައުލޫއަކީ "ފިއުޗާ އޮޕަޗުނިޓީޒް، ނިއު ނޯމަލް ޕްރޮސީޖާސް، އެންޑް ވަޓް އިސް ޓު ކަމް އިން ހޮސްޕިޓާލިޓީ އިންޑަސްޓްރީ އޮފް ދަ މޯލްޑިވްސް" އެވެ.
ޓީޓީއެމް ޓްރެވަލް ސަމިޓުގައި އެމްއެމްޕީއާރުސީގެ ސީއީއޯ ތޮއްޔިބް މުހައްމަދު ވާހަކަ ދައްކަވަމުން ވަނީ ރާއްޖެއަށް ފަތުރުވެރިން އަންނަ އަދަދު އިތުރުވެ، ރާއްޖޭގެ ބްރޭންޑަށް އޮތް އިތުބާރު މިއަދު ވަރަށް ބޮޑަށް އިތުރުވެފައިވާކަން ފާހަގަކުރައްވާފައެވެ.
އަދި މިކަންހާސިލްވީ މިދިޔަ 18 މަސް ދުވަހު އެމްއެމްޕީއާރުސީއިން ބައިނަލްއަގްވާމީ ފެންވަރުގައި ރާއްޖޭގެ ބްރޭންޑް އިޝްތިހާރުކުރުމަށް ކުރި މަސައްކަތުގެ ސަބަބުން ކަމަށް ތޮއްޔިބް ވިދާޅުވިއެވެ. މީގެއިތުރުން ބައިނަލްއަގްވާމީ ފެންވަރުގައި ރާއްޖޭގެ ބްރޭންޑް މީގެކުރިން ދުވަހަކުވެސް މަޤުބޫލުކަން ހޯދިފައިނުވާ މިންވަރަށް މިއަދު މަގުބޫލުކަން ހޯދާފައިވާ ކަމަށްވެސް ތޮއްޔިބް ވިދާޅުވިއެވެ.
ޓީޓީއެމް ފެއާގައި 150 އެގްޒިބިޓަރުން ބައިވެރިވާއިރު، މީގެތެރޭގައި ހޮޓެލިއަރުންނާއި، އެއާލައިންސް އަދި ސްޓޭކް ހޯލްޑަރުން ހިމެނެއެވެ.
އަދި ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ 30 މާކެޓަށް ނިސްބަތްވާ 200 އަށްވުރެ ގިނަ ޓުއަރ އޮޕަރޭޓަރުންވެސް މި ހަރަކާތުގައި ބައިވެރިވި ކަމަށް ވިޒިޓް މޯލްޑިވްސް އިން ބުނެއެވެ.
ޓީޓީއެމް ހަރަކާތުގެ ތެރެއިން 2000 ވުރެ ގިނަ ބައްދަލްވުންތައް ވަނީ ބާއްވާފައެވެ.