ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑަށް އެޕާޓްމަންޓް ގަތުމަށް ފައިސާ ދައްކާފައިވާ ފަރާތްތަކަށް "ވިނަރެސް" ހައުސިންގ މަޝްރޫއުގެ ދަށުން އެޕާޓްމަންޓް ގަތުމުގެ ފުރުސަތު އަލުން ހުޅުވާލައިފިއެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ކޮށްފައިވާ އިއުލާނުގައި ބުނެފައި ވަނީ އެޗްޑީސީން ގިނަ ފަރާތްތަކަށް ރަޖިސްޓަރ ކުރުމަށް ދެވުނު މުއްދަތުގައި ރަޖިސްޓްރީ ކުރެވިފައި ނުވާ ކަމުގެ ޝަކުވާ ލިބެމުންދާ ކަމަށެވެ.

އެހެން ކަމުން ކުރިން ހުޅުވާލި ފުރުސަތުގައި ރަޖިސްޓަރ ކުރެވިފައި ނުވާ ފަރާތްތަކަށް ރަޖިސްޓްރީ ވުމަށް އެފުރުސަތު އަލުން ހުޅުވާލާ ކަމަށެވެ.

ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑްއަށް އެޕާޓްމަންޓް ގަތުމަށް ފައިސާ ދައްކާފައިވާ ފަރާތްތަކުގެ ތެރެއިން ހަވާލާދީފައިވާ އިއުލާނު މެދުވެރިކޮށް ރަޖިސްޓަރ ނުކުރެވުނު ފަރާތްތަކުން، 06 ޑިސެމްބަރ 2021 ވާ ހޯމަ ދުވަހުގެ 15:30 ކުރިން ރަޖިސްޓްރީ ކުރުމަށްވެސް އެޗްޑީސީން ބުނެފައިވެއެވެ.

ވިނަރެސްއިން އެޕާޓްމަންޓްގަތުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ރަޖިސްޓްރީ ކުރުމަށްއެދޭ ލިންކް އަދި، މިކޯޕަރޭޝަނުން ފައިސާ ރީފަންޑު ކޮށްދީފައިވާ ފަރާތްތަކުގެ އިތުރުން، އެހެން ފަރާތްތަކުން ސީލައިފްގެ އެޕާޓްމަންޓް ގަތުމަށް ފައިސާ ދައްކާފައިވާނަމަ، ފައިސާ ދެއްކިކަން ސާބިތު ކޮށްދޭ ލިޔުން residentialehdc.com.mv އަށް އީމެއިލް ކުރުމަށް ފަހު ރަޖިސްޓަރ ކުރުމަށްވެސް ވަނީ އެދިފައެވެ.

3000 ހައުސިން ޔުނިޓް އެޅުމަށް، ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑުން އިއުލާނު ކޮށްފައިވަނީ 2016 ވަނަ އަހަރުއެވެ.

އަދި މި ޕްރޮޖެކްޓުން ފްލެޓް ގަތުމަށް ގިނަ ބަޔަކު ފައިސާ ދައްކާފައިވާ ވެސް ވެއެވެ. އެހެން ނަމަވެސް ދިގުމުއްދަތެއްވެ، ފްލެޓްގެ މަސައްކަތް ނުނިމި މި މަސައްކަތުގައި ބައިވެރިވި މީހުންނަށް ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހުނެވެ.

ފްލެޓް ގަނެ ފައިސާ ދެއްކި 200 އެއްހާ މީހުން ސީލައިފާ ދެކޮޅަށް ސިވިލް ކޯޓަށް މައްސަލަވެސް ހުށަހެޅިއެވެ. މިކަމާއި ގުޅިގެން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ދަނީ، ސީލައިފް ފްލެޓަށް ފައިސާ ދެއްކި އާއިލާތަކަށް އިތުރު ގޮތްތަކެއް ހޯދައިދިނުމަށް މަސައްކަތް ކުރަމުންނެވެ.

މި މައްސަލައިގެ ތެރެއަށް އެޗްޑީސީން ވަދެ ގެއްލުންވި ފަރާތްތަކަށް 45 މިލިއަން ރުފިޔާގެ ބަދަލެއް ކަނޑައަޅާ ބޯހިޔާވަހިކަމުގެ އެހެން މަޝްރޫއަކުން ފްލެޓް ގަތުމަށް ފުރުސަތު ދިނުމަށް އެއްބަސްވުމެއް އެކުލަވާލާ ކޯޓުން ބޭރުގައި މައްސަލަ ވަނީ ހައްލުކޮށްފައެވެ.