30 ނޮވެމްބަރު 2021 ވީ އަންގާރަ ދުވަހުގެ ހެނދުނަށް އަލިވިލުނު ފަހުން އެތައް ބަޔަކު ނޭވާ ހިފަހައްޓާލައިގެން އިންތިޒާރުކުރަމުން ދިޔައީ ރާއްޖޭގެ އެންމެ މަތީ ކޯޓުގައި ހިނގަމުން ދިޔަ އަޑުއެހުމެއް ނިމޭނެ އިރަކަށެވެ. ފަނޑިޔާރުންގެ ނިއާ އިއްވާނެ ވަގުތަކަށެވެ. ކުރިއަށް ދިޔައީ ރާއްޖޭގެ އެންމެ ނުފޫޒު ގަދަ ސިޔާސީ ލީޑަރުންގެ ތެރެއިން އެއް ބޭފުޅަކު ކަމަށްވާ ކުރީގެ ރައީސް އަބްދުﷲ ޔާމިންގެ މައްޗަށް އިއްވާފައިވާ 5 އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފީ ހުކުމް އިއްވުމުގެ މަޖިލީހެވެ.

އިރު މެދު އުޑުން ހުޅަގަށް ޖެހިލުމުން އެ އިންތިޒާރަށް ނިމުން ގެނުވައިފިއެވެ. ހީވެސް ނުކުރާ ފަދަ ސިހުން ގެނުވި ހުކުމެކެވެ. އެތައް ބަޔަކު ހައިރާންކޮށްލި އެ ހުކުމް ވެގެން ދިޔައީ ރައީސް ޔާމީނަށް ތާއީދުކުރާ 96000 އަށް ވުރެ ގިނަ މީހުނަށް ބޮޑު އުފަލަކަށެވެ. ދިވެހިރާއްޖޭގެ ކްރިމިނަލް ކޯޓުން އިއްވި އަދި އޭގެ ފަހުން ހައި ކޯޓުން ވެސް ތާއީދުކޮށްފައިވާ ޖަލު ހުކުމް ސުޕުރީމް ކޯޓުން ބާތިލުކުރުމުން އީދެއް އައި ކަހަލައެވެ.

ފެނިގެން ދިޔައީ ރާއްޖޭގެ އެކިކަންކޮޅުތަކުގައި އުފާފާޅުކުރަމުން ދިޔަ މަންޒަރެވެ. އެއްބަޔަކު އުފަލުން ހެމުން ދިޔަ އިރު އަނެއް ބަޔަކަށް އުފަލުން ރޮވުނުތަން ޓީވީން ވަގުތުން ދުރަށް ދެއްކި މަންޒަރުތަކުން ވެސް ފެނިގެން ދިޔައެވެ.

ސުޕްރީމް ކޯޓުގައި އަންގާރަ ދުވަހު ކުރިއަށް ދިޔަ އިސްތިއުނާފީ ހުކުމް އިއްވުމުގެ މަޖިލީހުގައި ފުރަތަމަ ރަޢުޔު އިއްވާފައި ވަނީ އިސްފަނޑިޔާރު މަހާޒް އަލީ ޒާހިރުއެވެ. އިސްފަނޑިޔާރު ވަނީ އިސްތިއުނާފީ 22 ނުކުތާގެ ތެރެއިން 13 ނުކުތާއަކަށް ރައުޔު އިއްވާފައެވެ.

އެ ރައުޔަށް ދެން ތިއްބެވި ދެ ފަނޑިޔާރުން ވެސް ތާއީދު ކުރެއްވިއެވެ. ރައީސް ޔާމީންގެ ޖަލު ހުކުމްގެ މައްސަލައިގެ އިސްތިއުނާފީ ހުކުމް އިއްވުމުގެ މަޖިލީހުގައި ޖުމްލަ ގޮތެއްގައި މި މައްސަލައިގެ ރައުޔު އިއްވަވަމުން ފަނޑިޔާރު މަހާޒް އަލީ ވަނީ ކްރިމިނަލް ކޯޓާއި ހައިކޯޓުގެ ޙުކުމް ބާތިލު ކުރުމަށް ފެނިވަޑައިގަންނަވާ ކަމަށް ނިންމަވާފައެވެ.

ނަމަވެސް ފަނޑިޔާރު ވަނީ ތަހުގީގީ އިދާރާތަކުން ބަލަމުންދާ ފައިސާތަކެއް އަމިއްލަފުޅަށް އިންވެސްޓު ކުރެއްވުމަކީ ޤާނޫނީ ވެރިކަމަށް ނުބައްލަވައި، އަމިއްލަ މަސްލަޙަތު އިސްކުރެއްވުން ކަމަށް ވިދާޅުވެފައެވެ. ވީމާ މިއީ ބެލޭނެ މައްސަލައެއް ކަމަށާއި، ދައުލަތަށް އެ ޙައްޤު ލިބިގެންވާކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.

ރައީސް ޔާމިން މިނިވަންވުމާއެކު ސަޕޯޓަރުންނާ ސަލާމްކުރެއްވުން --- ފޮޓޯ: ޕީޕީއެމް

ދެން އޮތީ ބޮޑު ސުވާލެވެ. ދެން ވާނީ ކިހިނެއް ހެއްޔެވެ؟ އެމްއެމްޕީއާރުސީ މެދުވެރިކޮށް ގއ. ވޮޑަމުލާ ކުއްޔަށް ދީގެން ލިބުނު އެއް މިލިއަން ޑޮލަރު އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށް، އެ ފައިސާ ލޯންޑަކުރިކަން ސާބިތުވެ ކްރިމިނަލް ކޯޓުން ކުރި ހުކުމް ބާތިލުކުރި އިރު، ރިޝްވަތު ގަބޫލުކުރުމާއި މަނީ ލޯންޑާކުރުމުގެ އިތުރު ދައުވާއެއް އެމަނިކުފާނުގެ މައްޗަށް ދައުލަތުން ވަނީ އުފުލާފައެވެ.

ރައީސް ޔާމިންގެ މައްޗަށް އިތުރު ދައުވާތަކެއް އުފުލާފައި ވީ ނަމަވެސް މިވަގުތަށް ރައީސް ޔާމިން އެ ވަނީ މިނިވަން ވެފައެވެ. އިދިކޮޅު ލީޑަރުގެ ހައިސިއްޔަތުން ޒިންމާ އަދާނުކުރެއްވި ޖަލުގައި ހުންނަވަން ޖެހިވަޑައިގަތުމުން ދެވަނައަށް އެންމެ ބޮޑު ސިޔާސީ ޕާޓީ ޕީޕީއެމްގެ މަސައްކަތްތައް އޮތީ މަޑުޖެހިފަ އެވެ. އިދިކޮޅު ޕާޓީއެއްގެ ޒިންމާ ފުރިހަމައަށް އަދާނުކުރެވި މުޅި ޕާޓީގެ މިސްރާބު ބަދަލުކޮށްލަން ޖެހުނީ އެމަނިކުފާނު މިނިވަންކުރުމަށެވެ. އެކަން ކާމިޔާބު ވެއްޖެއެވެ.

ސިޔާސީ މުފައްކިރުން ވިދާޅުވާ ގޮތުގައި އިދިކޮޅު ފަރާތްތަކުން ދެން އަމާޒު ހިފާނީ މަޑުޖެހިފައި އޮތް ސިޔާސީ މަސައްކަތްތައް ރޭސް ކުރާށެވެ. ޕާޓީއަށް މެމްބަރުން އިތުރުކުރުމާއި ޕާޓީ ބިޔަކޮށް ވަރުގަދަކުރުމުގެ ހަރަކާތައްތައް މުޅި ރާއްޖެއަށް ފުޅާކުރާށެވެ. އެއާއެކު ދެން އަމާޒު ހިފާނީ 2023ގައި އޮންނަ ރިޔާސީ އިންތިޚާބަށެވެ. ރައީސް ޔާމިން މިނިވަންވުމާއެކު އިންތިހާބުގައި ވާދަކުރަން ގާނޫނީ ގޮތުން އޮތް ހުރަސ ވެސް ނެތިއްޖެއެވެ.

އެހެންވެ ޕީޕީއެމްގެ ތެރޭގައި ޕްރައިމަރީގެ ޝައުގުވެރިކަން ހުންނެވި ބޭފުޅުން އެ އުއްމީދުތަކާ އެކު އެއްފަރާތްވެވަޑައިގަންނަވާނެ އެވެ. އެންމެން ވެސް އަމާޒަކަށް ދެން އޮންނާނީ ޔާމީންގެ ފަހަތްޕުޅުގައި މަސައްކަތް ކުރެއްވުމަށެވެ.

ދެން ވާ ގޮތެއް ވެސް ބަލަން ތިބެމާހެވެ.