އިންޑިއާގެ ޝެންޑަލް މޮރިޝަސް ޕްރައިވެޓް ލިމިޓެޑުން ހުޅުމާލޭގައި އެޕާޓްމަންޓްތަކެއް އެޅުމަށް ޕްރޮޖެކްޓެއް ލޯންޗުކޮށްފިއެވެ.

"ސޮލަޓެއާ"ގެ ނަމުގައި ކުރިއަށް ގެންދާ މި މަޝްރޫއުގެ ދަށުން ހުޅުމާލޭ ސެންޓްރަލް ޕާކުގެ އުތުގައި 10 ފަންގިފިލާގެ ލަގްޒަރީ ފްލެޓްތަކެއް އަޅާނެއެވެ. މި ފްލެޓްތަކުން އެޕާޓްމަންތައް ޕްރީ-ބުކްކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ.

ސޮލަޓެއާގެ އެންމެ ތިރީ ދެ ފަންގިފިލާ ހާއްސަ ކުރަނީ ވިޔަފާރިތަކަށެވެ. ދިރުއުޅުމަށް ހާއްސަ އެޕާޓްމެންޓުތައް ހުންނާނީ މަތީ 8 ފަންގިފިލާގައެވެ.

މި މަޝްރޫއުގެ މަސައްކަތް 2022 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ފެށުމަށް ހަމަޖެހިފައިވާއިރު ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި އެޕާޓްމެންޓުތަކުގައި މީހުންނަށް ދިރިއުޅެވޭވަރު ވާނެކަމަށް އެ ކުންފުނިން ބުނެއެވެ.

މި އެޕާޓްމެންޓުތަކުގެ އަގު އުޅެނީ 3.5 މިލިއަނާއި 9.7 މިލިއަނާ ދެމެދުގައެވެ. 3 ކޮޓަރީގެ އިތުރުން މެއިޑްރޫމެއް ހިމެނޭ މި ފްލެޓުތަކުގައި 1,200 އަކަފޫޓާއި 2,300 އަކަފޫޓުގެ އެޕާޓްމަންޓްތައް ހުރެއެވެ.

އެޕާޓްމެންޓުތަކުގެ އިތުރުން އެ އިމާރާތުގައި ދިރިއުޅޭ ފަރާތްތަކަށް ޒަމާނީ ގިނަ ހިދުމަތްތަކެއް ލިބެން ހުންނާނެ ކަމަށް މައުލޫމާތު ލިބެއެވެ. މި އިމާރާތުގައި ޖިމާއި ޕޫލާއި ޕްލޭ އޭރިއާގެ އިތުރުން ކްލަބް ހައުސް ހުންނާނެއެވެ. އަދި އޯޕެން ޑެކަކާއި ސައިކަލު އަދި ކާރު ޕާކިން އޭރިއާއެއް ވެސް އޮންނާނެ ކަމަށްވެއެވެ.

މި މަސައްކަތުގެ ކޮންޓްރެކްޓަރަކީ އާރްސީއެންސީއެވެ.