ރާއްޖެއިން ބޭރުގައި ހުންނެވި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ރާއްޖެ ގެނެސް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމަށް ޖާމިނުވި އޭނާގެ އެންމެ ގާތް އެކުވެރިޔާ އަދި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްއަދު އަލީ (އަޑުބަރޭ)އަށް ކޯޓުން ދިން 72 ގަޑިއިރުގެ މުއްދަތު އިއްޔެ ހަމަވެއްޖެއެވެ.

އަލީ ވަހީދުގެ ބަދަލުގައި ކޯޓުގައި ޖާމިނުވެ އަސްހަދު އެއްބަސްވެފައި ވަނީ އަލީ ވަހީދު ބޭސްފަރުވާއަށް ފުރާތާ 4 މަސް ތެރޭ އޭނާ އަނބުރާ ރާއްޖެއަށް ގެނެސްދޭނެ ކަމަށެވެ. އެކަމަކު، އެ މުއްދަތުގައި އޭނާ ގެނެވިފައި ނުވާތީ އަސްއަދަށް ފިޔަވަޅު އަޅަން މީގެ ކުރިން ވެސް ދައުލަތުން އެދިފައިވެ އެވެ.

މިދިޔަ އާދީއްތަ ދުވަހު ކްރިމިނަލް ކޯޓުގައި ބޭއްވި އަލީ ވަހީދުގެ މައްސަލައިގެ އަޑުއެހުމަށް އަސްއަދު ހާޒިރުކުރި އެވެ. އަލީ ވަހީދުގެ ވަކީލުން ވެސް ވަޑައިގެންނެވި އެ އަޑުއެހުމުގައި މައްސަލަ ބެއްލެވި ގާޒީ ހަސަން ސައީދު އެންގެވީ އަލީ ވަހީދު 72 ގަޑިއިރު ތެރޭ ރާއްޖެއަށް ނުގެނެސްފި ނަމަ އަސްއަދަށް ފިޔަވަޅު އަޅުއްވާނެ ކަމަށެވެ.

އަސްއަދަށް ދިން މުއްދަތު ހަމަވެފައިވާއިރު، މިހާތަނަށް އޭނާއަށް ފިޔަވަޅު އަޅަން އަޑުއެހުމެއް ބާއްވާފައެއް ނުވެއެވެ. ކޯޓުން ދިން މުއްދަތުގައި އަސްއަދަށް އަލީ ވަހީދު ހާޒިރު ނުކުރެވުނަސް، ވަގުތުން ވަގުތަށް ފިޔަވަޅު އަޅާކަށް މަޖުބޫރެއް ނޫނެވެ.

މިހާތަނަށް އަލީ ވަހީދު ރާއްޖެއަށް ގެނެވިފައި ނުވާއިރު ކްރިމިނަލް ކޯޓުން މިހާރު ވަނީ އޭނާ ހައްޔަރުކޮށްގެން ކޯޓަށް ހާޒިރުކުރުމުގެ އަމުރެއް ފުލުހުންގެ މައްޗަށް ނެރެފައެވެ. އަދި ފުލުހުން މިހާރު ގެންދަނީ އޭނާ ހޯދަން އިންޓަޕޮލް ރެޑް ނޯޓިސް ހޯދަން އިންޓަޕޯލްއަށް ހުށަހެޅުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.

މީހަކު ޖާމިނު ކޮށްފައި ދޫކުރާ އިރު ކޯޓުން ކުރާ ޝަރުތުތަކާ ހިލާފުވެއްޖެ ނަމަ، ގާނޫނީ ގޮތުން ޖާމިނުވި މީހާއާ ދެކޮޅަށް ފިޔަވަޅު އެޅޭނެ އެވެ. އެގޮތުން އެއް އަހަރަށް ވުރެ ދިގު ނޫން މުއްދަތަކަށް ޖަލަށްލުން ނުވަތަ ގިނަވެގެން ދެ އަހަރަށް ގޭގައި ބަންދު ކުރުން ނުވަތަ 15،000ރ. އަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރެވިދާނެ ކަމަށް ޖިނާއީ އިޖުރާއަތުގެ ގާނޫނުގައިވެއެވެ.

މި މައްސަލައިގައި ދައުލަތުން އެދިފައި ވަނީ އޭނާ އެއް އަހަރަށް ޖަލަށް ލުމަށެވެ.