ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ހައްޔަރުކޮށްގެން ކޯޓަށް ހާޒިރުކުރުމުގެ އަމުރު ނެރެފިއެވެ.

ޖިންސީ ގޯނާގެ ކުށުގެ ދައުވާ އުފުލާފައިވާ އަލީ ވަހީދު ބަންދު ކޮށްގެން ކޯޓަށް ހާޒިރުކުރުމަށް ކޯޓުން އަމުރު ނެރެފައިވަނީ އިއްޔެއެވެ.

އަލީ ވަހީދު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް ފުލުހުންނަށް ހުށަހަޅާފައި މިވަނީ، އަލީ ވަހިދު ޙާޒިރު ނުވުމުން އޭނާ ޖާމިނުކޮށްފައިވާ ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްއަދު ޢަލީއަށް ފިޔަވަޅު އަޅަން ކްރިމިނަލް ކޯޓުން ނިންމަފައި ވަނިކޮށެވެ.

ބޭސްފަރުވާއަށް ކަމަށް ބުނެ، މިއަހަރުގެ ކުރީކޮޅު އިނގިރޭސިވިލާތަށް ވަޑައިގަތް އަލީ ވަހީދު ހައްޔަރުކޮށްގެން ކޯޓަށް ހާޒިރުކުރަން އަމުރު ނެރެފައި ވަނީ އިއްޔެގެ ވަގުތެއްގައެވެ.

ކްރިމިނަލް ކޯޓުން އަލީ ވަހީދު ހައްޔަރުކޮށްގެން ގެނައުމަށް އަމުރެއް ނެރެފައި ވާއިރު، އޭނާ ޝަރީއަތަށް ހާޒިރުނުވާ މައްސަލާގައި މިދިޔަ ހޯމަ ދުވަހު އޮތް އަޑުއެހުމުގައި ގާޒީ ހަސަން ސައީދު ވިދާޅުވީ، އަލީ ވަހީދު ބަންދު ކޮށްގެން ކޯޓަށް ހާޒިރުކުރުމަށް އަމުރެއް ނެރުއްވާނެ ކަމަށެވެ.

އިއްޔެ ކްރިމިނަލް ކޯޓުން ނެރުނު އެ އަމުރާ ގުޅިގެން ފުލުހުން ކުރަންޖެހޭ ކަންތައްތައް ކުރަމުންދާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ތިން ދުވަހުގެ ތެރޭ އަލީ ވަހީދު ހާޒިރުނުވެއްޖެ ނަމަ، އޭނާ ބޭސްފަރުވާއަށް ފުރުވާލުމުގައި އެހީތެރިވި ޔޫތު މިނިސްޓްރީގެ ސްޓެޓް މިނިސްޓަރު އަސްއަދު އަލީއަށް ކޯޓުގެ ހުރުމަތް ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ފިޔަވަޅު އަޅަން ކްރިމިނަލް ކޯޓުން ވަނީ ނިންމާފައެވެ.

ޓުއަރިޒަމް މިނިސްޓަރު ކަމުގައި ހުންނެއިރު އެ މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތުގައި ދައުލަތުން އޭނާ އާއި ދެކޮޅަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް އޮންލައިންކޮށް ބާއްވާ މައްސަލަ ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ)ގެ އޮފީހުން ސުޕްރީމް ކޯޓަށް ހުށަހެޅުމުން، އެ މައްސަލާގައި ޖަވާބު ދާރީވުމަށް ކޯޓަށް ހާޒިރުވެފައި ނުވާތީ ސުޕްރީމް ކޯޓުން ވަނީ ކޯޓުގެ ހުރުމަތް ކެނޑި ކަމަށް ބުނެ އަލީ ވަހީދުގެ މައްޗަށް ދެ މަސް ދުވަހުގެ ޖަލުހުކުމެއްވެސް އިއްވާފައެވެ.

އެކަމަށް އިޝާރާތްކޮށް ގާޟީ ވިދާޅުވެފައިވަނީ، އޭނާ ދެން ކޯޓަށް ހާޒިރުކުރާނީ ފުލުހުން މެދުވެރިކޮށް ބަންދުކުރުމަށް ފަހު ކަމަށެވެ. އެކަމާއި ގުޅިގެން ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް އޭނާ ހައްޔަރުކުރުމުގެ އަމުރެއް ނެރޭނެތޯ ދައުލަތުން ސުވާލުކުރުމުން، އެފަދަ އަމުރެއް ނެރުއްވާނެ ކަމަށް މިިދިޔަ އާދިއްތަ ދުވަހު ގާޟީ ވަނީ ވިދާޅުވެފައެވެ.

އަލީ ވަހީދުގެ މައްޗަށް ދަޢުވާ ހުށަހަޅާފައި ވަނިކޮށް ހަތަރު މަސް ދުވަހަށް ބޭސްފަރުވާއަށް ކަމަށް ބުނެ އޭނާ ރާއްޖެއިން ބޭރަށް ވަޑައިގެންނަވަން ކްރިމިނަލް ކޯޓުން 4 މަސް ދުވަހަށް އޭނާގެ ޕާސްޕޯޓު ދޫކޮށްލާފައިވަނީ ޔޫތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަސްއަދު އަލީ (އަޑުބަރޭ) ޖާމިނުވެގެންނެވެ.

އެކަމާ ގުޅިގެން ގާޟީ ވިދާޅުވީ އަލީ ވަހީދު ދެން ޝަރީއަތަށް ހާޒިރު ކުރެވޭނީ ފުލުހުންގެ ބެލުމުގެ ދަށުން ބަންދު ކޮށްގެން ކަމަށާއި، އޭނާ ޝަރީއަތަށް ހާޒިރުވާނެ ކަމުގެ ޔަޤީންކަން ދީ އެކަމުގައި ޖާމިނުވި އަޑުބަރޭއާ މެދުވެސް އެ މޭރުމުން ފިޔަވަޅު އަޅާނެ ކަމަށެވެ.

އިނގިރޭސިވިލާތުގައި ހުންނަވައިގެން އަލީ ވަހީދު ގެންދަވަނީ ޕްރޮސިކިއުޓަރ ޖެނަރަލާއި، ސަރުކާރުގެ އިސްވެރިންނަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވަމުންނެވެ.