މާލޭގެ މަގުތަކާއި ޕާކްތަކާއި މައިޒާންތަކުން ހިލޭ ވައިފައި ލިބޭ ގޮތަށް މާލެ "ޑިޖިޓަލް" ކުރުމަކީ އަންނަ އަހަރު ހިނގާނެ އެންމެ ބޮޑު އެއް މަޝްރޫޢު ކަމަށް މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މި މަސައްކަތުގެ ދަށުން މަގުތަކާއި އާންމުން އެއްވާ ސަރަހައްދުތަކާއި ޕާކުތަކަށް ވަކި ލިމިޓަކާ ހަމައަށް ފްރީ ވައިފައި ލިބޭ ތަނަކަށް ހެދުމުގެ މަސައްކަށް ކުރިޔަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މި ކަމާގުޅޭ ވަރަށް ގިނަ މަސައްކަތް މިހާރު ވެސް ހިނގަމުން އަންނަ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން ސީސީޓީވީ ކަވަރޭޖް ނެޓްވޯކް ގާއިމު ކުރުމުގެ މަސައްކަތްތަކެއް ކުރިޔަށްދާ ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ ފުރަތަމަ ފޭސްގެ ދަށުން ހުރިހާ މިސްކިތްތަކެއްގެ އެތެރެ އާއި ބޭރާއި ވަށައިގެންވާ ސަރަހައްދުތަކުގައި ކެމެރާ ހަރުކުރެވޭނެ ކަމަށާއި ދެވަނަ ފޭސްގެ ދަށުން ބާކީ ހުރި ސަރަހައްދުތަކުގައި ވެސް ކެމެރާ ހަރު ކުރެވޭނެ ކަމަށެވެ.

އަދި ޑިޖިޓަލް ބޯޑުތައް ހަރުކޮށް ޑިޖިޓަލައިޒް ކުރެވި، މާލެއަކީ މޮޑާން، ފެހި، ހިތްފަސޭހަ ތަނަކަށް ހެދުމުގެ މަސައްކަތް އަންނަ އަހަރު ކުރިޔަށްދާނޭ ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.

ހެންވޭރު ހުޅަނގު ދާއިރާގެ ކައުންސިލަރު އަހުމަދު އައިފާން ވިދާޅުވީ ޑިޖިޓަލް ސިޓީއަކަށް މާލެ ސިޓީ ހެދުމުގެ ބޮޑު މަޝްރޫއުގެ ދަށުން މާލެ ޑިޖިޓަލައިޒް ކުރެވިއްޖެނަމަ، މާލެ ސިޓީ ކައުންސިލުންދޭ ހިދުމަތްތަކާއި އެހެނިހެން ކަންކަން ފަސޭހަކަމާއެކު ކުރަން މަގުފަހިވުމުގެ އިތުރުން މާލޭގައި ވައިފައިގެ ހިދުމަތް ލިބޭނެ ގޮތް ހެދުމަކީ ކައުންސިލް އާއި މޭޔަރުގެ ވެސް ވަރަށް ބޮޑު އެއް އަމާޒު ކަމަށެވެ.