މަތީ ތަޢުލީމުގެ ދާއިރާއިން ސްކޮލަރޝިޕްގެ ފުރުސަތު އިތުރު ކުރަން ނައިބު ރައީސް ފައިސަލް ނަސީމް، ދެކުނު ކޮރެއާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖިއޮންގް ވޫންޖިން، އާ މިއަދު މަޝްވަރާ ކުރައްވައިފިއެވެ.

މިއަދު މެންދުރު ކުރިން ރައީސް އޮފީހުގައި ބޭއްވި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ، ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުންތައް އިތުރަށް ބަދަހިކުރެވިގެންދާނެ ގޮތްތަކާމެދު ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވާފައެވެ.

އަންގާރަ ދުވަހަކީ، ދިވެހިރާއްޖެއާއި ދެކުނު ކޮރެޔާއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރިތާ 54 އަހަރު ފުރުނު މުނާސަބަތުކަން ފާހަގަކުރައްވާ ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވަނީ ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުމުގެ ތެރެއިން، ކޮވިޑް-19 ގެ ބަލިމަޑުކަމުން އަރައިގަތުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތުގައި އެ ގައުމުގެ ސަރުކާރުން ފޯރުކޮށްދީފައިވާ އެހީތެރިކަމާއި އެއްބާރުލުން ފާހަގަކުރައްވާފައެވެ.

ރައީސް އޮފީހުން ބުނީ މަތީ ތައުލީމުގެ ދާއިރާއިން ސްކޮލަރޝިޕް އަދި ބަހުގެ ދާއިރާއިން ތަމްރީނުގެ ފުރުސަތައް އިތުރުކުރުމާއި، އެކްސްޗޭންޖް ޕުރޮގުރާމުތައް އިތުރަށް ފުޅާކުރުމާ ގުޅޭގޮތުން ނައިބު ރައީސް ވަނީ މި ބައްދަލުކުރެއްވުމުގައި މަޝްވަރާކުރައްވާފައި ކަމަށެވެ.

ދެކުނު ކޮރެޔާގެ ސަފީރު ދެއްކެވި ވާހަކަފުޅުގައި، ހުސްވި ނޮވެންބަރު މަހު އިނގިރޭސި ވިލާތުގެ ގްލާޒްގޯގައި ބޭއްވި އދ.ގެ ކްލައިމެޓް ޗޭންޖް ކޮންފަރެންސް އޮފް ދަ ޕާޓީޒް (ކޮޕް26) ގައި ދިވެހިރާއްޖެއިން އަދާކޮށްފައިވާ ދައުރު ފާހަގަކުރައްވައި، އެ ކަމަށް ތަޢުރީފު ކުރައްވާފައެވެ.

ނައިބު ވިދާޅުވީ، މޫސުމަށް އަންނަމުންދާ ނޭދެވޭ ބަދަލުތަކަކީ ރާއްޖެއިން ނުހަނު ކަންބޮޑުވާ އެއް މައްސަލަ ކަމަށެވެ. މީގެ އިތުރަށް ދެ ބޭފުޅުން ވަނީ ތިމާވެށީގެ ދާއިރާއިން ދެ ޤައުމު ގުޅިގެން މަސައްކަތް ކުރުމާ މެދުވެސް މަޝްވަރާކުރައްވާފައެވެ.

ދިވެހިރާއްޖެއާއި ދެކުނު ކޮރެޔާއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކޮށްފައި ވަނީ 1967 ނޮވެންބަރު 30 އެވެ.