މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް (އެމްޕީއޭއޯ)ގެ ފަރާތުން ފޯރުކޮށްދޭ ޚިދުމަތްތައް، އޮންލައިންކޮށް އެއްތަނަކުން ލިބޭނެގޮތަށް ފަރުމާކޮށްފައިވާ ޕޯޓަލެއް ތަޢާރަފްކޮށްފިއެވެ.

ކޮށާރުގެ ނަމުގައި ތަޢާރަފްކުރި މި ޕޯޓަލް ރަސްމީކޮށް އިފްތިތާހުކޮށްފައިވަނީ މިއަދު ހެނދުނު އޮތް ރަސްމިއްޔާތެއްގައި މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް އަލްއުސްތާޒު ފައްޔާޟް އިސްމާޢީލެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރ ވަނީ މިފަދަ ޕޯޓަލެއް ތަޢާރަފްކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައްވައި ވާހަކަ ދައްކަވާފައެވެ.

މި ޕޯޓަލްގެ އެހީގައި ޕެންޝަން އޮފީހުގެ ހުރިހާ ޚިދުމަތްތައް އޮންލައިން ކުރެވި، ދުނިޔޭގެ ކޮންމެ ތަނަކުން، 24 ގަޑިއިރު މެދުނުކެނޑި ޚިދުމަތް ހޯދޭނެ މަގު ފަހިވެގެން ދާނެއެވެ.

އެގޮތުން ވަޒީފާއަދާކުރާ ފަރާތެއްނަމަ އެފަރާތްތަކުން މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމުގައި ރަޖިސްޓްރީ ވުމާ ހަމައިން، އެމީހަކަށް ބޭނުންވާ ޚިދުމަތްތައް ކަމަށްވާ ޕެންޝަން އެކައުންޓުގެ ތަފްސީލު ބެލުމާއި، ޕޯރޓްފޯލިއޯ ބަދަލު ކުރުމާއި، އެމީހަކަށް ސްކީމުން ލިބޭ ބެނެފިޓްސްތަކުގެ ތަފްސީލު ބެލުމާއި، ޕެންޝަން ޕްލޭން ކުރުމަށް ބޭނުން ކުރާނެ ކަލްކިއުލޭޓަރ ފަަދަ ޓޫލްސްތައް ފަދަ އެއްޗެހި މި ޕޯޓަލްގައި ހިމެނޭނެއެވެ. މިކަމުގެ ސަބަބުން ޒުވާން އުމުރުގައި ޕެންޝަން ޕްލޭން ކުރުމަށް އެހީތެރިކަން ލިބިގެންދާނެއެވެ.

އަދި ޕެންޝަނަރެއްނަމަ ކިއުގައިޖެހި ކަރުދާސް ފޯމު ޕްރިންޓްކޮށް ފިންގަރ ޕްރިންޓް ޖަހައި، ސްކޭން ކޮށް ފޯމު ހުށަހެޅުމުގެ ބަދަލުގައި ފަސޭހައިން އޮންލައިންކޮށް ޕެންޝަނަށް އެދި ހުށަހެޅުމުގެ އިތުރުން އެމީހެއްގެ ޕެންޝަން ޖަމާވާ ބޭންކު އެކައުންޓާއި އެނޫންވެސް މަޢުލޫމާތު ވަގުތުންވަގުތަށް ބަދަލު ކުރެވޭނެއެވެ. މީގެ އިތުރުންވެސް ވަޒީފާދޭ ފަރާތްތަކަށްވެސް ބޭނުންވާނެފަދަ މުހިންމު ފީޗަރތަކެއް މި ޕޯޓަލްގައި ހިމެނެއެވެ.

ޕެންޝަން އޮފީހުގެ ފަރާތުން މި ސިސްޓަމް ފަރުމާކުރުމުގައި، ބޭނުން ކުރަން ފަސޭހަ، އެއަށް ބަރޯސާވެ ކޮންމެ ވަގުތަކުވެސް ޚިދުމަތް ހޯދޭނެ ފަދަ ސިސްޓަމަކަށް މިސިސްޓަމް ހަދަން މަސައްކަތް ކޮށްފައިވާއިރު ޑޭޓާގެ ރައްކާތެރިކަމަށް ވިސްނާފައިވާނެ ކަމަށް ޕެންޝަން އޮފީހުން ބުނެއެވެ.

އަދި އުއްމީދުކުރަނީ ޚިދުމަތްތައް އޮންލައިން ވުމާ އެކުއެކީ، މޯބައިލް ޑިވައިސްތައް ބޭނުންކޮށްގެން ޚިދުމަތް ހޯދޭނެ މަގު ތަނަވަސްވެގެން ދިއުމީ މޯބައިލް ޑިވައިސްތައް ބޭނުންކުރުން އިންތިހާއަށް މަތިވަމުން ދާ މިޒަމާނުގައި، ޚިދުމަތް ހޯދާފަރާތްތަކުން ވަކިން ހާއްސަކޮށް ޒުވާނުން މިސިސްޓަމް ބަލައިގަތުމަށް ލިބޭނެ ހިތްވަރަކަށް ވާނޭކަމަށްވެސް އެ އޮފީހުން ބުނެއެވެ.

މިސިސްޓަމް ވެގެން ދާނީ ރާއްޖޭގައި ޖިޑިޓަލްކޮށް އޮފީހެއްގެ ހުރިހާ ޚިދުމަތްތަކެއް، ޚިދުމަތް ހޯދާ ފަރާތާ ހަމަޔަށް ގެނެސްދޭ ފުރަތަމަ ޕޯރޓަލްއަށެވެ.