އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)އިން ދެމުންގެންދާ ޚިދުމަތްތައް ފަސޭހަ ކަމާއެކު ހޯދުމަށް އެޕްލިކޭޝަނެއް ހަދައިފިއެވެ.

އައިޖީއެމްއެޗުން ނެރެފައިވާ ބަޔާނެއްގައި ވަނީ އެ ހޮސްޕިޓަލުގައި ހޮސްޕިޓަލް މެނޭޖްމަންޓް އިންފޮމޭޝަން ސިސްޓަމެއް (އެޗްއެމްއައިއެސް) ގާއިމު ކޮށްފައިވާ ކަމަށެވެ.

ހޮސްޕިޓަލުގެ ކަންކަން ހަރުދަނާކޮށް ފެންވަރު ރަނގަޅު ކުރުމަށް ގާއިމު ކޮށްފައިވާ މި ސިސްޓަމަކީ ޑިޖިޓަލްކޮށް ސިއްހީ ރިކޯޑުތައް މެނޭޖް ކުރުމަށް އެޅިފައިވާ މުހިއްމު ފިޔަވަޅެއް ކަމަށެވެ.

މީގެ އިތުރުންވެސް ހޮސްޕިޓަލުގެ ޚިދުމަތްތައް ރައްޔިތުންނަށް ފަސޭހަކަމާ އެކު އޮންލައިންކޮށް ފޯރުކޮށް ދިނުމަށްޓަކައި އެޗްއެމްއައިއެސްގެ ދަށުން އައިޖީއެމްއެޗް މޮބައިލް އެޕްލިކޭޝަންގެ އިތުރުން ޕޭޝަންޓް ޕޯޓަލްގެ ނަމުގައި އޮންލައިން ޕޯޓަލްއެއް ތައާރަފްކޮށްފައިވާ ކަމަށްވެސް އައިޖީއެމްއެޗުން ބުނެފައިވެއެވެ.

އައިޖީއެމްއެޗުން ބުނީ ތައާރަފްކުރި މި ޚިދުމަތާއެކު އޮންލައިންކޮށް އެޕޮއިންޓްމަންޓް ހެއްދުމާ، ބޭސް ސިޓީ، ލެބް ރިޕޯޓް އަދި އެހެނިހެން ރިޕޯޓުތައް ބަލައި، ޑައުންލޯޑު ކުރުމުގެ އިތުރުން ބިލުތައް ވެސް، ޚިދުމަތް ލިބިގަންނަ ފަރާތްތަކަށް ބަލާލެވޭނެ ކަމަށެވެ.

މީގެ އިތުރުން އަމިއްލަ އެކައުންޓަށް އާއިލާގެ މެންބަރުން އެޑްކުރުމުގެ ފުރުސަތުވެސް ލިބިގެންދާނެ ކަމަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕޮޓަލުގެ ބަޔާނުގައި ބުނެފައިވެއެވެ.

އައިޖީއެމްއެޗުން ބުނީ މިއަދުން ފެށިގެން އެންޑްރޮއިޑް ހުރިހާ ފޯނަކަށް މި އެޕްލިކޭޝަން ޑައުންލޯޑު ކުރެވޭނެ ކަމަށާއި އަދި ކައިރި މުސްތަގުބަލެއްގައި އައިއޯއެސް ފޯނުތަކަށް ވެސް އައިޖީއެމްއެޗްގެ މޮބައިލް އެޕްލިކޭޝަން ޑައުންލޯޑު ކުރެވޭނެ ކަމަށެވެ.

މި އެޕްލިކޭޝަން އައިޖީއެމްއެޗްގެ ވެބްސައިޓުން ވެސް ޑައުންލޯޑް ކުރެވޭނެ ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.

ހޮސްޕިޓަލުން އަބަދުވެސް މަސައްކަތް ކުރަމުންދާނީ ޚިދުމަތް ލިބިގަންނަ ހުރިހާ ފަރާތްތަކާ ގާތުން މަސައްކަތް ކުރުމާއެކު ލުއިފަސޭހަ ކަމާއެކު ޚިދުމަތް ލިބިގަނެވޭނެ ފަދަ ނިޒާމެއް ގާއިމުކުރުމަށް ކަމަށްވެސް ހޮސިޕިޓަލުގައި ބަޔާނުގައި ވެއެވެ.