ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން ޒުވާނުން ތަމްރީނުކުރުމަށް މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އާއި މިނިސްޓްރީ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމަންޓް އާ ދެމެދު އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ.
މިއެމްއޯޔޫގައި އެމްޑަބްލިޔުއެސްސީގެ ފަރާތުން ކުންފުނީގެ މޭނޭޖިންގ ޑީރެކްޓަރ ހަސަން ޝާހް ސޮއިކުރެއްވީއިރު ޔޫތް މިނިސްޓްރީގެ ފާރާތުން ސޮއިކުރެއްވީ ސެޓޭޓް މިނިސްޓަރ ހުސެއިން އިސްމާއީލްއެވެ.
ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ މަސައްކަތު މާހައުލުގައި ތިބެގެން އެ ދާއިރާތަކުގެ ތަޖުރިބާކާރުންގެ ބެލުމުގެ ދަށުން މަސައްކަތްތައް ދަސްކޮށް، ތަމްރީނާއި ތަޖުރިބާ ހޯދުމުގެ ފުރުސަތު ގައުމީ ފެންވަރުގައި ހުޅުވާލައިގެން ޔޫތު މިނިސްޓްރީން ހިންގާ ޚާއްސާ ޕްރޮގްރާމެކެވެ.
އެމްޑަބްލިޔުއެސްސީއިން ބުނީ ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން އެމްޑަބްލިޔުއެސްސީން ހިންގާ ފުރަތަމަ 2 ބެޗްގައި 17 ދާއިރާއަކުން 73 ޒުވާނަކަށް ފުރުސަތު ލިބިގެންދާނެ ކަމަށާއި މިވަގުތު މަސައްކަތްކުރާ 15 މުވައްޒަފެއްވެސް އެ ޕްރޮގްރާމްގައި ބައިވެރިވާނެ ކަމަށެވެ.
އަދި ޕްރޮގްރާމްގައި ކޮންމެ ބެޗެއްގެ ބައިވެރިން 6 މަސްދުވަހުގެ މުއްދަތަށް އެ ކުންފުނީގައި މަސައްކަތްކޮށް ބައިވެރިވާ ދާއިރާގެ ހުނަރުތައް އަމަލީ ގޮތުން ދަސްކޮށް ތަމްރީން ވެގެންދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ. އެ ޕްރޮގްރާމް ފެށުމަށް ހަމަޖެހިފައިވަނީ މިމަހުގެ ތެރޭގައެވެ.
އެމްޑަބްލިޔުއެސްސީއިން ބުނީ ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމް ފުރިހަމަ ކުރާ ފަރާތްތަކަށް ދިވެހިރާއްޖޭގެ ގައުމީ ސަނަދުގެ އޮނިގަނޑުގައި ހިމެނޭ ލެވެލް 3 ގެ ސެޓްފިކެޓެއް ލިބިގެންދާނެ ކަމަށާއި އަދި މީގެ ދަށުން ހިންގާ ތަމްރީން ޕްރޮގްރާމްތައް ހިންގާނީ މޯލްޑިވްސް ނެޝަނަލް ސްކިލްސް ޑިވެލޮޕްމެންޓް އޮތޯރިޓީގެ "ނެޝަނަލް ކޮމްޕިޓެންސީ ސްޓެންޑަޑްސް" އާ އެއްގޮތަށެވެ.
އެކުންފުނީގެ އުންމީދަކީ އެ ޕްރޮގްރާމްގެ ސަބަބުން މުޖުތަމައުގައި ވަޒީފާގެ ފުރުސަތު ނުލިބި ތިބި ޒުވާނުންނަށް އެފުރުސަތު ތަނަވަސްކޮށްދީ މުޖުތަމައުގައި ބޭނުން ހިފޭ ޒުވާން މަސައްކަތްތެރިންތަކެއް ބިނާކުރުން ކަމަށް އެމްޑަބްލިޔުއެސްސީން ބުނެއެވެ.