ގިނަ ބަޔެއްގެ ޝައުގުވެރިކަން ހުއްޓުވާލި ލަވައެއް ކަމުގައިވާ "ތީ ލޯބި ޖަވާހިރެކޭ" ގެ ފުލް ވާޝަން ރިލީސްކޮށްފިއެވެ.
ޒުވާން ލަވަކިޔުންތެރިޔާ އަލީ އިނާން ސައީދު (އައްޔު) ގެ އަޑުން މަޝްހޫރު ވެގެންދިޔަ މި ލަވައިގެ ފުލް ވާޝަން ރިލީސް ކޮށްފައިވަނީ މިއަދު މެންދުރު 14:00 ގައި ލަވަފޮށީގައެވެ. އަދި މިހާރު މިލަވަ ޔޫޓިއުބުންވެސް އަޑުއަހާލެވޭނެއެވެ.
ތީ ލޯބި ޖަވާހިރެކޭ ލަވައިގެ މިއުޒިކް ހަދާފައިވަނީ މަޝްހޫރު ކޮމްޕޯޒަރ ޝަހީދު ލެގަސީއެވެ. އަދި އައްޔުގެ އަޑުން އިވިގެންދާނެ މިލަވައިގެ ލިރިކްސް އަކީ އައްޔުގެ އަމިއްލަ ލިރިކްސްއެވެ. މިލަވައިގެ ފީޗާ ފޮޓޯ ނަގާދީފައިވަނީ މާއިސް ނަސީމް އެވެ. އަދި ފީޗާ ފޮޓޯގެ ޑިޒައިން ތައްޔާރުކޮށްފައިވަނީ ސައިބާ އެބްސްޓްރެކްޓްގެ ފަރާތުންނެވެ.
މި ލަވައާ ގުޅޭގޮތުން ވީނިއުސްއަށް މައުލޫމާތު ދެމުން ކުރިން އައްޔު ބުނެފައިވަނީ މި ލަވައިގެ ފުލް ވާޝަނެއް ނެރުމަށް ނިންމީ ގިނަ ބަޔެއްގެ އެދުމުގެ މަތިން ކަމަށާއި ކުރިން ސޯޝަލް މީޑިއާއަށް ދޫކޮށްލި ލަވައަށް ވުރެ މިއަދު ރިލީސްކުރި ލަވައިގެ ލިރިކްސްއަށްވެސް ބޮޑެތި ބަދަލުތަކެއް އައިސްފައިވާނެ ކަމަށެވެ.
އަދި މި ލަވައިގެ ފުލް ވާޝަން ނެރުމަށްޓަކައި އައްޔުއަށް ޝަހީދު ލެގަސީއާއި އައްޔުގެ އެންމެ ގާތް އެކުވެރި ޝަފީއުގެ ފަރާތުން ލިބުނު އެހީތެރިކަމަށް މިފުރުސަތުގައި ވަރަށް ބޮޑަށް ޝުކުރުއަދާ ކުރާކަމަށް އައްޔު ބުނެފައިވެއެވެ.
ރާއްޖޭގެ "ލަވް އެމްބްލަމް" އަށް ވެގެންގޮސްފައިވާ މި ލަވައަށް ގިނަ ބައެއްގެ ޝައުގުވެރިކަން ހުއްޓި އޮފީސްތަކުގެ މޭޒުތަކުންނާއި ކޮފީ ޝޮޕްތަކުގެ ހިތްގައިމު މާހައުލުންވެސް މިލަވަ އަންނަނީ ހުއްޓުމެއްނެތި އިވެމުންނެވެ.
އަދި މިފަހަކަށް އައިސް ބާއްވާ ގިނަ ކައިވެނި ހަފްލާ ތަކުގައި، ކައިވެނީގެ ދެ އަރޫޝުންނަށާއި ހަފްލާގައި ބައިވެރިވާ މެހެމާނުންނަށް ހަހުރަވެތި ހިތްގައިމު ލޯބި މިލަވަ އަންނަނީ ކުޅެދެމުންނެވެ.
މި ލަވައަކީ މަޝްހޫރު ހިންދީ ލަވަ " މޭ ރަންގ ޝަރްބަތޯކާ " ގެ ދިވެހި ވާޝަންއެކެވެ. އެހެން ނަމަވެސް އައްޔުގެ ލަވައިގެ މިއުޒިކަށް ވަނީ ބޮޑެތި ބަދަލުތަކެއްވެސް ގެނެސްފައެވެ.
މޯލްޑިވިއަން އައިޑޮލްގެ ތެރެއިން އާންމުންނަށް ފުރަތަމަ ފެނިގެންދިޔަ އައްޔު ވަނީ މީގެ ކުރިންވެސް އާންމުންގެ މެދުގައި މަގުބޫލު ކަވަރ ލަވަތަކެއް ނެރެފައެވެ. އެގޮތުން އެންމެ ފާހަގަކުރެވޭ އެއް ލަވައަކީ މިއަހަރުގެ އޯޓިޒަމް އަށް ހޭލުންތެރިކުރުމުގެ ދުވަހު ރިލީޒްކުރި ބީވެދާނެބާ ލަވައެވެ.
ވީނިއުސްއަށް ދިން އިންޓަރވިއު ނިންމާލަމުން އައްޔު ބުނީ ވަރަށް އަވަސް މުސްތަގްބަލެއްގައި ސްޕޮޓިފައި އަދި އެޕަލް މިއުޒިކުންވެސް ލަވަ އަޑުއަހާލެވޭނެ ކަމަށެވެ.