މިމަހު ބަންގްލަދޭޝްގައި ބާއްވާ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ސީނިއަރ ގައުމީ ވޮލީ ޓީމުން، މުބާރާތަށް ތައްޔާރުވުމަށްޓަކައި ސްރީ ލަންކާގެ ގައުމީ ވޮލީބޯޅަ ޓީމާ ދެކޮޅަށް ތިން މެޗެއް ކުޅޭ ގޮތަށް ހަމަޖެހިއްޖެއެވެ.

މިއީ ހުސްވި ނޮވެމްބަރު މަހު ކުޅިވަރުގެ ދާއިރާއިން ރާއްޖެ އާއި ސްރީ ލަންކާ ގުޅިގެން މަސައްކަތްކުރުމަށް އެމްއޯޔޫއެއްގައި ސޮއިކުރުމަށް ވެވުނު އެއްބަސްވުމުގެ ދަށުން ލިބުނު ފުރުސަތެކެވެ. މި ތިން މެޗުވެސް ކުޅޭނީ ރާއްޖޭގައެވެ.

ވޮލީގެ އިތުރުން ރާއްޖޭގެ އެހެން ކުޅިވަރުތަކަށްވެސް ފުރުސަތުތަކެއް ތަނަވަސްކޮށްދިނުމަށް، ލަންކާގެ ކުޅިވަރާ ބެހޭ ވަޒީރު ނަމަލް ރާޖަޕަކްސަ އާއި ރާއްޖޭގެ ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޚްލޫފް ބޭއްވި ބައްދަލުވުމުގައި ވަނީ އެއްބަސްވެފައެވެ.

މިމެޗުތަކަށް ލަންކާ ޓީމު ރާއްޖެ އަންނާނީ މިމަހުގެ 8 ވަނަ ދުވަހުއެވެ. މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ މި މަހު 9 އާއި، 10 އަދި 12 ވަނަ ދުވަހުއެވެ. ތިން މެޗުގެ ތެރެއިން ރަސްމީ ބޮޑު މެޗެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ މި މަހުގެ 12 ވަނަ ދުވަހު ކުޅޭ މެޗެވެ.

މި މަހުގެ 21 ވަނަ ދުވަހުން ފެށިގެން 29 ވަނަ ދުވަހުގެ ނިޔަލަށް ބަންގްލަދޭޝްގައި ބާއްވާ މުބާރާތާ ގައުމީ ފިރިހެން ވޮލީ ޓީމު ކުރިމަތިލާނީ ތަޖުރިބާކާރު ކޯޗު މުޙައްމަދު ސާޖިދު (ކާއްޓޭ) ގެ އިރުޝާދުގެ ދަށުންނެވެ. މީގެ ކުރިން ދެ ފަހަރެއްގެ މަތިން ހެޑް ކޯޗުގެ މަގާމު ކާއްޓޭ އަދާކޮށްފައިވާއިރު، އޭނާގެ އިރުޝާދުގެ ދަށުން ގައުމީ ޓީމުން މީގެ ކުރިންވެސް ވަނީ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގައި ވާދަކޮށްފައެވެ.

ކާއްޓޭގެ އިރުޝާދުގެ ދަށުން 15 ކުޅުންތެރިންގެ ސްކޮޑެއް މިހާރު ފައިނަލް ކޮށްފައިވާއިރު، ސެންޓްރަލް ޒޯން މުބާރާތަށް ދާނީ 12 ކުޅުންތެރިންގެ ސްކޮޑެކެވެ. އެހެންކަމުން މިހާރު އެކުލަވާލި ސްކޮޑުން އަދި ތިން ކުޅުންތެރިއަކު ބާކީވާނެއެވެ.

މި މަހު ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތް ބަންގާޅުގައި ބާއްވާއިރު، މި މުބާރާތުގައި ވާދަކުރާ ގައުމުތަކަކީ ރާއްޖެ އާއި، ނޭޕާލާއި، ސްރީ ލަންކާ އާއި، އުޒްބެކިސްތާން އަދި ބަންގްލަދޭޝެވެ. މީގެ ކުރިން މި އަހަރުގެ ސެންޓްރަލް ޒޯން ފިރިހެން ވޮލީބޯޅަ މުބާރާތްތައް ތިން ބަޔަކަށް ބަހާލައިގެން ކުރިއަށްގެންދަން ހަމަޖެހިފައި އޮތްއިރު، ރާއްޖެ ވާދަކުރަން އޮތީ ދެކުނު އޭޝިއާގެ މުބާރާތުގައެވެ. އެކަމަކު އެ ތިން މުބާރާތުގެ ބަދަލުގައި އެއް މުބާރާތް ބާއްވަން ނިންމުމާއެކު، މި ފަހަރުގެ މުބާރާތުގައި ލަންކާ އާއި އުޒްބެކިސްތާން ފަދަ ވަރުގަދަ ގައުމުތަކާ ދެކޮޅަށް ރާއްޖެ ކުޅެން ޖެހޭނެއެވެ.