ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގައި ވަޒީފާ އަދާކުރަމުންދިޔަ 21 މުވައްޒަފަކު ވަޒީފާއިން ވަކިކުރަން ނޯޓިސް ދިނީ، އެހެން ވަޒީފާތަކަށް ބަދަލުވާން ފުރުސަތު ދިނުމަށްފަހުގައި ކަމަށް މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އިން ބުނެފިއެވެ.

އެމިނިސްޓްރީގެ މީޑިއާ އޮފިޝަލް، ރިޒްނާ ޒަރީރު "ވީނިއުސް"އަށް ވިދާޅުވީ، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިން އަތޮޅުތެރޭގެ އަމާންވެށިތަކަށް ބަދަލުކުރުމާއި ގުޅިގެން، އެ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ، އެ މުވައްޒަފުންނާ ބައްދަލުކުރައްވައި މިނިސްޓްރީގެ އެހެން ތަންތަނުގައި ވަޒީފާ އަދާކުރުމުގެ ފުރުސަތު އެ މުވައްޒަފުންނަށް ދިންކަމަށެވެ.

އެގޮތުން، ރިޒްނާ ވިދާޅުވީ 71 މުވައްޒަފުންގެ ތެރެއިން 43 މުވައްޒަފަކު މިނިސްޓްރީގެ އެހެން ވަޒީފާތަކުގައި މަސައްކަތްކުރަމުން އަންނަ ކަމަށާއި، 21 މުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށް ނޯޓިސް ދީފައިވާނީ ސިވިލް ސަރިވިސްގެ އުސޫލުގެ ދަށުން ކަމަށެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން އެ މުވައްޒަފުންނާ އެވާހަކަ ދެކެވިފަ ވާނީ. މިއީ ކުއްލިއަކަށް ނިންމި ނިންމުމެއް ނޫން. ބައެއް މުވައްޒަފުން އަމިއްލައަށް ވެސް ވަޒީފާއިން ވަކިވެފައިވަނީ.
ޖެންޑަރ މިނިސްޓްރީގެ މީޑިއާ އޮފިޝަލް ރިޒްނާ ޒަރީރް

މީގެއިތުރުން، މުވައްޒަފުން ވަކިކުރަން ނިންމީ ފިނޭންސް މިނިސްޓްރީގެ ލަފާގެ މަތީން ކަމަށާއި، ރަށްރަށުގެ އަމާންވެށިތަކުގައި ވަޒީފާއަދާކުރުމުގެ ފުރުސަތު ދެވެނީ މިހާރު އެ މަގާމުތަކުގައި މަސައްކަތްކުރަމުން އައި މުވައްޒަފުން ވަކި ކުރުމަށްފަހުގައި ކަމަށްވެސް ރިޒްނާ ވިދާޅުވިއެވެ.