ފުޓުބޯޅައިގައި ވަކިވަކި ކުޅުންތެރިންނަށްދޭ އެންމެ ޝަރަފުވެރި އެވޯޑު ކަމުގައިވާ ބެލަންޑޯގެ 2021 ވަނަ އަހަރުގެ އެވޯޑު ހައްގުވާ ކުޅުންތެރިއަކީ ޕޮލެންޑާއި ބަޔާން މިއުނިކުގެ ތަރި ރޮބާޓް ލެވަންޑޮސްކީ ކަމަށް އޭސީ މިލާން އަށް ކުޅެމުން އަންނަ ސްވިޑެންގެ ފޯވާޑް ޒްލަޓަން އިބްރާހިމޮވިޗް ބުނެފިއެވެ.

ލެވަންޑޮސްކީ އާއި ވާދަކޮށް މިފަހަރުގެ ބެލަންޑޯ އެވޯޑް ހާސިލްކޮށްފައިވަނީ މި އެވޯޑް އެންމެ ގިނަފަހަރަށް ހޯދާފައިވާ އާޖެންޓީނާގެ ކެޕްޓަން އަދި ޕީއެސްޖީގެ ތަރި ލިއޮނެލް މެސީ އެވެ. މިއީ މެސީ މި އެވޯޑް ހާސިލްކުރި 7 ވަނަ ފަހަރެވެ.

މިފަހަރުގެ އެވޯޑް ހަފްލާގައި އެވޯޑް ލިބުމަށްފަހު ވާހަކަދައްކަމުން މެސީ ވަނީ 2020 ވަނަ އަހަރުގެ ބެލަންޑޯ އެވޯޑް ހައްގުވާ ކުޅުންތެރިއަކީ ލެވަންޑޮސްކީ ކަމަށް ބުނެފައެވެ. 2020 ވަނަ އަހަރުގެ ބެލަންޑޯ އެވޯޑް ދީފައެއް ނުވެއެވެ. ސަބަބެއްކަމުގައި މި އެވޯޑްދޭ ފްރާންސް ފުޓްބޯޅް މެގަޒިން އިން ބުނީ ކޮވިޑް-19 ގެ ސަބަބުން އެފަހަރުގެ ފުޓްބޯލް ސީޒަނަށް ބޮޑެތި ގޮންޖެހުންތަކަކާއި ހުރަސްތަކެއް ކުރިމަތިވުމުން، މި އެވޯޑް ހައްގުވާ ކުޅުންތެރިއަކު ނިންމުމަކީ އެންމެ އިންސާފުވެރި ގޮތަކަށް ނުވާތީކަމަށެވެ. 2020 ވަނަ އަހަރަކީ މިއެވޯޑް ދޭން ފެށިފަހުން، މެދުކެނޑުމެއް އައި ފުރަތަމަ ފަހަރެވެ.

2020 ވަނަ އަހަރުގެ ބެލަންޑޯ އެވޯޑް ކެންސަލް ކުރުމާއެކު ގިނަބަޔަކު ދިޔައީ، ފްރާންސް ފުޓްބޯލް އިން ލެވަންޑޮސްކީ އަށް "ހައްގު" އެވޯޑެއް ނުދިނުމުން އެކަމާއި ފާޑުކިޔާފައެވެ.

މީގެއިތުރުން މި ސީޒަނުގެ މިހާތަނަށްވެސް އަދި 2020/2021 ވަނަ އަހަރުގެ ސީޒަނުގައިވެސް ލެވަންޑޮސްކީ މޮޅުކުޅުމެއް ދައްކާފައިވުމާއި، ބަޔާން އާއިއެކު ހޯދާފައިވާ ކާމިޔާބީ ތަކާއި އަޅާބަލާއިރު، މެސީ އަށްވުރެ މި އެވޯޑް ހައްގީ ލެވަންޑޮސްކީ އަށްކަމަށް ގިނަބަޔަކު ދަނީ ބުނަމުންނެވެ.

އެގޮތުން 40 އަހަރުގެ ތަޖުރިބާކާރު ފޯވާޑް ޒްލަޓަން ބޭރުގެ މީޑިއާ އަކަށްދިން އިންޓަވިއު އެއްގައި ބުނެފައިވަނީ މެސީ އަކީ މޮޅު ކުޅުންތެރިއެއްކަމަށާއި، އޭނާ ދިރިއުޅެނީވެސް ފުޓުބޯޅައަށްޓަކައި ކަމަށެވެ. އެހެންނަމަވެސް މިއަހަރުގެ ބެލަންޑޯ އެވޯޑް އަސްލު ހައްގުވާ ހަމައެކަނި ކުޅުންތެރިއަކީ ރޮބާޓް ލެވަންޑޮސްކީ ކަމަށް ޒްލަޓަން ބުނެފައިވެއެވެ.

ފާއިތުވީ 2020/2021 ވަނަ އަހަރުގައި ބާސާއަސް ކުޅެދިން 47 މެޗުގައި މެސީ ވަނީ 38 ލަނޑު ކާމިޔާބު ކޮށްދީފައެވެ. އަދި އެ ސީޒަނުގެ ސްޕެނިޝް ލަލީގާގެ ޓޮޕް ސްކޯރަރގެ މަގާމުވެސް ހޯދީ މެސީ އެވެ. އަދި އެއަހަރުގެ ޕިޗިޗި ޓްރޮފީވެސް މެސީއަށް ލިބިފައިވެއެވެ. ބާސާ އާއިއެކު މެސީއަށް އެފަހަރުގެ ސީޒަނުގައި ކާމިޔާބުކުރެވުނު ހަމައެކަނި ޓްރޮފީ އަކީ ކޮޕާ ޑެލްރޭ އެވެ. ސީޒަން ނިމި އައު ސީޒަނުގައި މެސީ ފެނިގެންދިޔައީ ފްރާންސްގެ ޕީއެސްޖީން ނެވެ. އެހެންނަމަވެސް މިހާތަނަށް އައިއިރު މެސީ އަށް ޕީއެސްޖީގައި އެންމެ އެދެވޭ ކުޅުމެއް ދެއްކިފައެއް ނުވެއެވެ.

ލެވަންޑޮސްކީ 2020/2021 ވަނަ އަހަރުގެ ސީޒަނުގައި ބަޔާން އަށް ކުޅެދިން 40 މެޗުން ވަނީ 48 ލަނޑު ކާމިޔާބު ކޮށްދީފައެވެ. އޭނާ ވަނީ ޖަރުމަނު ބުންޑަސްލީގާގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ އެވޯޑުވެސް ހާސިލްކޮށްފައެވެ. އަދި 2020 ވަނަ އަހަރު ފުޓުބޯޅައިގެ މައި އިދާރާ ފީފާ އިން ހޮވި އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާ އަށްދޭ ފީފާ ދަ ބެސްޓް އެވޯޑުވެސް ހޯދީ ލެވަންޑޮސްކީ އެވެ. ބަޔާން އާއިއެކު ލެވަންޑޮސްކީ ވަނީ 2020/2021 ސީޒަނުގައި ބުންޑަސްލީގާ އާއި، ޑީއެފްއެލް ސުޕާ ކަޕްގެ އިތުރުން ޔޫއެފާ ސުޕާ ކަޕާއި ފީފާ ކްލަބް ވޯލްޑް ކަޕްވެސް ކާމިޔާބު ކޮށްފައެވެ. އަދި ސީޒަންގެ "ޔޫރަޕިއަން ގޯލްޑަން ޝޫ" ވެސް ލެވަންޑޮސްކީ އަށް ލިބިފައިވެއެވެ.