މިސްކިތަށް ކުޑަކަމުދިޔަ މީހާ ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
އެ މައްސަލާގައި ހައްޔަރުކޮށްފައިވަނީ މ. ޝޭޑީހޯމް އުމުރުން 40 އަހަރުގެ ހަސަން ޒޔާދު ނަމަކަށް ކިޔާ މީހެކެވެ. އޭނާ ވަނީ ހުކުރު މިސްކިތާއި އިސްލާމީ މަރުކަޒުގެ އިތުރުން ރައީސް އޮފިސް ކުރިމައްޗަށް ކުޑަކަމުދިޔަ މައްސަލައިގައި ހައްޔަރުކޮށްފައެވެ.
އެ މައްސަލާގައި ހައްޔަރުކުމަށްފަހު ބަންދުން ދޫކޮށްލާފައި ވަނިކޮށް އޭނާ ހައްޔަރުކުރީ އިބްރާހީމް މިސްކިތަށް ވަދެ ޚަތިމަށް ކުޅުޖެހި މައްސަލާގައި ނޮވެމްބަރު މަހުގެ ހަތްވަނަ ދުވަހުއެވެ.
ކޯޓުން އޭނާ ޖަލަށް ލާންކުރި ފުރަތަމަ ހުކުމްގައި ބުނެފައި ވަނީ، ޖުމްހޫރީ މައިދާނަށް ކުޑަކަމުދިޔަ ކަމަށް ޝަރީއަތުގެ މަޖިލީހުގައި އިއުތިރާފްވެފައިވާ ކަމަށާއި، އެހެންކަމުން އާންމު މަސްލަހަތަށް ގެއްލުން ހުރި އަމަލެއް ކުރުމުގެ ކުށުގެ ދައުވާ އޭނާގެ މައްޗަށް ސާބިތުވާ ކަމަށް ކަނޑައަޅައި އެއް މަހާއި ހަ ދުވަހަށް ޖަލަށް ލުމަށް ހުކުމް ކުރާ ކަމަށެވެ.
ކޯޓުން އޭނާގެ މައްޗަށް ކުރި ދެވަނަ ހުކުމުގައި ބުނެފައިވަނީ އިސްލާމީ މަރުކަޒުގައި މަޣްރިބް ނަމާދު ވަގުތު މިސްކިތުގެ އިމާމް މީހާ ކުރިމަތީގައި ގިބްލައަށް ހުރެ ކުޑަކަމުދިޔަ ކަމަށް ޝަރީއަތުގެ މަޖިލީހުގައި އިއުތިރާފްވެފައިވާ ކަމަށާއި، އެހެންކަމުން އާންމު މަސްލަހަތަށް ގެއްލުން ހުރި އަމަލެއް ކުރުމުގެ ކުށުގެ ދައުވާ އޭނާގެ މައްޗަށް ސާބިތުވާ ކަމަށް ކަނޑައަޅައި އެއް މަހާއި ހަ ދުވަހަށް ޖަލަށް ލުމަށް ހުކުމްކުރާ ކަމަށެވެ.
އޭނާ އަކީ ނަފްސާނީ މައްސަލައެއް ހުންނަ މީހެއްކަމަށް ބެލެވޭ ކަމަށް ކުރިން ފުލުހުން ބުނެފައި ވީނަމަވެސް، ޖެންޑާ މިނިސްޓްރީން ބުނީ އޭނާއަކީ ނަފްސާނީ މައްސަލައެއް ހުރި ފަރާތެއް ކަމަށް ފާހަގަ ކުރެވިފައި ނުވާތީ، އެ މައްސަލަ މޯލްޑިވްސް ޕޮލސް ސަރވިސްއަށާއި، އެންޑީއޭއަށް ރެފަރ ކޮށްފައިވާ ކަމަށެވެ.