ކުރިއަށް އޮތް ފުޓުބޯޅަ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ނ. އަތޮޅުގައި ކުރިއަށްގެންދާ ތަމްރީނު ކޭމްޕުގެ ތެރެއިން ކުޅުނު ތިންވަނަ މެޗުންވެސް ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވެއްޖެއެވެ.

މާފަރު ދަނޑުގައި އެރަށު ޓީމާއި ދެކޮޅަށް ކުޅުނު މިމެޗު މާޒިޔާ އިން ކާމިޔާބުކުރީ 1-9 ގެ ނަތީޖާއަކުންނެވެ.

މިމެޗުގައި މާޒިޔާ ޓީމުގެ ކެޕްޓަން ބޭންޑު އަޅައިގެން ދަނޑުމަތީގައި އެޓީމު ލީޑުކުރީ ގައުމީ ޓީމުގެވެސް ކެޕްޓަން އަކްރަމް އަބްދުލްޣަނީ (އަކޫ) އެވެ. މާފަރަކީ އަކޫގެ އުފަން ރަށެވެ.

މެޗުގެ ކުރިން މާޒިޔާއިން ވަނީ މާފަރު ކައުންސިލަށް 10 ބޯޅަ ހަދިޔާކޮށްފައެވެ. އަދި މާޒިޔާއިން ވަނީ މާފަރު ކައުންސިލާއި އެރަށުގެ ރައްޔިތުން ޓީމާމެދު ގެންގުޅުނު ގާތްކަމާއި، ކީ މަރުޚަބާއަށް ޝުކުރު އަދާކޮށްފައެވެ.

10 ދުވަހުގެ މުއްދަތަށް މާޒިޔާއިން ކުރިއަށް ގެންދާ މި ތަމްރީނު ކޭމްޕުގައި މީގެކުރިން ކުޅުނު ދެމެޗުގެ ތެރެއިން ފުރަތަމަ މެޗުން ކެނދިކުޅުދޫ އަތުން 0-9 ގެ ނަތީޖާއަކުން މާޒިޔާ ވަނީ މޮޅުވެފައެވެ. އަދި ދެވަނަ މެޗުގައި ކެނދިގުޅުދޫ އަތުން މާޒިޔާ މޮޅުވީ 0-11 ގެ ފަރަގު ބޮޑު ނަތީޖާއަކުންނެވެ.

މި ކޭމްޕުގެ އިތުރުން ކުރިއަށް އޮތް ސީޒަނަށް ޓީމު ވަރުގަދަކުރުމުގެ ގޮތުން، މާޒިޔާއިން ވަނީ މޮޅެތި ކުޅުންތެރިންތަކެއްގެ ސޮއި ހޯދާފައެވެ. އެގޮތުން ނޭޕާލްގެ ގައުމީ ޓީމުގެ ކީޕަރު، ކިރަން ކުމާރް ލިމްބޫ އާއި، ރާއްޖޭގެ ގައުމީ ޓީމުގެ ކެޕްޓަން އަކްރަމް އަބްދުލްޣަނީ (އަކޫ)ގެ އިތުރުން ޒުވާން ތަރި ހައިޝަމް ހަސަން (ބިޑި)ގެ ސޮއި މާޒިޔާ އިން ވަނީ ހޯދާފައެވެ.

މާޒިޔާއިން އާ ސީޒަނަށް ތައްޔާރުވާން ފެށިއިރު އެ ކުލަބުގެ އާ ކޯޗަކަށް ތަޖުރިބާކާރު ޕްރޯ ލައިސަންސް ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ވަނީ ހަމަޖައްސާފައެވެ.

އެފްއޭއެމުން އިއުލާނުކޮށްފައިވާ ގޮތުން އައު ސީޒަން ފަށާނީ ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހު ޗެރިޓީ ޝީލްޑް މެޗުންނެވެ. މި މެޗުގައި ބައްދަލުކުރާނީ ލީގު ޗެމްޕިއަންކަމުގެ ހައިސިއްޔަތުން މާޒިޔާ އާއި ރަނަރަޕްކަން ހޯދި ޓީމުގެ ހައިސިއްޔަތުން ކުލަބް ކުލަބް ވެލެންސިއާ އެވެ.