ކޮވިޑް-19 ބަލީގައި ރާއްޖެއިން އިތުރު މީހަކު މަރުވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ބުނީ ފުވައްމުލަކު ކޮވިޑް މެނޭޖްމަންޓް ފެސިލިޓީގައި ފަރުވާދެމުން ދިޔަ އުމުރުން، 79 އަހަރުގެ ދިވެހި އަންހެނެއް މިއަދު މެންދުރު 14:55 ހާއިރު މަރުވެފައިވާކަމަށެވެ.

މިއާއެކު ކޮވިޑް ބަލީގައި ރާއްޖެއިން މަރުވި މީހުންގެ އަދަދު ވަނީ 251 އަށް އަރާފައެވެ.

މިބަލީގައި އެންމެފަހުން މީހަކު މަރުވެފައިވަނީ ނޮވެމްބަރު މަހުގެ 29 ވަނަ ދުވަހުއެވެ. އެ ދުވަހު ދެ މީހަކު މަރުވެފައިވެއެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް-19 އަށް ރާއްޖެއިން ޕޮޒިޓިވްވިކަމަށް ރެކޯޑު ކުރެވުނު މީހުންގެ ޖުމްލަ އަދަދުވަނީ 91،650 އަށް އަރާފައެވެ.

އެޗްޕީއޭގެ އެންމެފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން މިވަގުތު ބައްޔަށް އެކްޓިވް ކޭސްތަކުގެ އަދަދު މިހާރުވަނީ 1،613 ގައެވެ. މީގެތެރެއިން 11 މީހަކަށް ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން އަންނަނީ ފަރުވާ ދެމުންނެވެ.