ބަންގްލަދޭޝްގައި މިހާރު ކުރިއަށްދާ އިންޓަނޭޝަނަލް ޗެލެންޖް ބެޑްމިންޓަން މުބާރާތުގެ ފިރިހެން ސިންގަލްސް ބައިގައި ވާދަކުރި ރާއްޖޭގެ ތިން ކުޅުންތެރިންނަށްވެސް ނާކާމިޔާބީ އާއި ކުރިމަތިވެއްޖެއެވެ.

މުބާރާތުގެ ފިރިހެން ސިންގަލްސް ބައިގައި ރާއްޖެ ތަމްސީލްކުރަނީ ރިވައިވަލް ސްޕޯޓްސްގެ ފަރާތުން މުބާރާތުގައި ވާދަކުރާ ރިޝްވާން ޝިޔާމް އާއި ހައިޝަމް އިބްރާހިމް އަލީގެ އިތުރުން ޒަޔާން ޒަކީއެވެ.

ރިޝްވާން އާއި ހައިޝަމް ވާދަކުރީ ކޮލިފައިން ބުރުގައެވެ. ޒަޔާން ވާދަކުރީ މެއިން ޑްރޯ، ފިރިހެން ސިންގަލްސް އިވެންޓުގައެވެ.

އުމުރުން 17 އަހަރުގެ ހައިޝަމް ބަލިވީ އިންޑިއާގެ ވާޝޫ ފްރާޝްވާލާ ވާދަކޮށް ސީދާ 2 ސެޓުންނެވެ. މި މެޗުގެ ސެޓުތައް ވާޝޫ ގެންދިޔައީ 21-08 އާއި 21-10 އިންނެވެ. މި ބައްޔާއެކު ހައިޝަމް އަށް މުބާރާތް ވަނީ ނިމިފައެވެ. އެހެންނަމަވެސް ޗެލެންޖް މުބާރާތަށް ފަހު ބަންގްލަދޭޝްގައި ކުރިއަށްދާ ޖޫނިއާ ސީރީސްގައިވެސް ހައިޝަމް ވާދަކުރާނެ އެވެ.

ރިޝްވާން ކުޅުނު މެޗުގައި ނުކުތީ އިންޑިއާގެ ޓުކުމް ލާއާ ދެކޮޅަށެވެ. މިމެޗުގެ ދެސެޓުވެސް ގެންދިޔައީ ޓުކުމް އެވެ. ބާވީސް މިނިޓް ކުޅުނު މި މެޗުގެ ސެޓުތައް ޓުކުމް ގެންދިޔައީ 21-11 އާއި 21-13 އިންނެވެ.

އިންޑްރޯގައި ޒަޔާން ކުޅުނު މެޗުގައި ނުކުތީ އިންޑިއާގެ އަރުނޭޝް ހަރީއާ ދެކޮޅަށެވެ. މި މެޗުގެ ފުރަތަމަ ސެޓު ވަރަށް ވާދަވެރިިކޮށް ގޮސް 17-17 އިން އެއްވަރުވެސްވިއެވެ. އެހެންނަމަވެސް ފަހު ކޮޅުގައި ތަފާތު ދައްކައި އަރުނޭޝް ސެޓު ގެންދިޔައީ 21-17 އިންނެެވެ. ފުރަތަމަ ސެޓުގައި ލިބުނު ކޮންފިޑެންސާ އެކު އަރުނޭޝް ވަނީ ދެ ވަނަ ސެޓު 21-09 އިން ގެންގޮސް މެޗުން މޮޅުވެފަ އެވެ.

މި ތިން ކުޅުންތެރިންގެ އިތުރުން ދެން މި މުބާރާތުގައި ރާއްޖެ ތަމްސީލްކުރާނީ ފާތިމަތު ނަބާހާ އަބްދުލް ރައްޒާގު އާއި އައިމިނަތު ނަބީހާ އަބްދުލް ރައްޒާުގެ ދެބެއިންގެ ޕެއާއެވެ. ނަބާހާ އާއި ނަބީހާ ސިންގަލްސްގައި ވާދަކުރުމުގެ އިތުރުން އަންހެން ޑަބަލްސްގައި ވެސް ވާދަކުރާނެ އެވެ.

މީގެއިތުރުން ނަބާ އާއި ޒަޔާންގެ ޕެއަރ އިން މުބާރާތުގެ މިކްސް ޑަބަލްސް އިވެންޓުގައި ވާދަކުރާނެއެވެ.