އޮމިކްރޮން ވޭރިއެންޓްގެ ފުރަތަމަ ކޭސް އެމެރިކާއިން ފެނިއްޖެއެވެ.

އެމެރިކާއިން މި ވޭރިއެންޓަށް ޕޮޒިޓިވް ވެފައިވަނީ ކޮވިޑް ވެކްސިންގެ ދެޑޯޒް ފުރިހަމަ ކޮށްފައިވާ ކެލިފޯނިއާގެ މީހެކެވެ.

ދެކުނު އެފްރިކާއަށް ދަތުރު ކުރުމަށްފަހު އެމީހާ އެނބުރި އެމެރިކާއަށް އައިސްފައިވަނީ މި ނިމުނު ނޮވެމްބަރު މަހުގެ 22 ވަނަ ދުވަހު ކަމަށް ރިޕޯޓްތައް ބުނެއެވެ. އޭނާ ބައްޔަށް ޕޮޒިޓިވްވީ އެނބުރި އައިތާ ހަތްވަނަ ދުވަހު ކަމަށް ބުނެއެވެ.

ކޮވިޑް ފެތުރުން ހުއްޓުވަން ޚާއްސަކޮށް އޮމިކްރޮން ވޭރިއެންޓް ފެތުރުން ހުއްޓުވަން އެމެރިކާގެ ރައީސް ޖޯ ބައިޑެން ގެންދަވަނީ ކަމާބެހޭ އިދާރާތަކާ މަޝްވަރާ ކުރައްވައި ސިޔާސަތުތައް ކަނޑައަޅުއްވަމުންނެވެ.

އެގޮތުން، އަންނަ އަހަރުގެ މާޗްމަހުގެ މެދަކާ ހިސާބަށް ދާންދެން ދަތުރުފަތުރު ކުރުމުގައި މާސްކް އެޅުން މަޖުބޫރު ކުރުމުގެ އިތުރުން، ބޭރު ގައުމުތަކުން އެމެރިކާއަށް އަންނަ ދަތުރުވެރިން ޓެސްޓްކުރުން އިތުރަށް ހަރުކަށި ކުރަންވެސް ގެންދަނީ ތައްޔާރުވަމުންނެވެ.

އެމެރިކާގެ އެންމެ އިސް އިންފެކްޝަސް ޑީޒީޒް އެކްސްޕާޓް އެންތަނީ ފައުޗީ ވިދާޅުވީ، އޮމިކްރޮން ވޭރިއެންޓް ފެތުރެނީ ކިހާ އަވަސް މިނެއްގައި ކަމާއި، އެ ވޭރިއެންޓުން ކޮވިޑްޖެހޭ މީހުންގެ ބަލީގެ ހާލަތު ގޯސްވެގެންދަނީ ކިހާ މިންވަރަކަށް ކަމާއި، މިހާރު އުފައްދާފައިވާ ކޮވިޑް ވެކްސިންތަކަށް އެ ވޭރިއެންޓު ގުޑަނީ ކިހާ މިންވަރަކަށްކަން ދެނެގަތުމަށް ދެހަފްތާ ނުވަތަ އެއަށްވުރެ ގިނަދުވަސް ނަގާފާނެ ކަމަށެވެ.

އޮމިކްރޮން ވޭރިއެންޓް އެންމެ ފުރަތަމަ ފެނިފައިވަނީ ނޮވެމްބަރުމަހުގެ 8 ވަނަ ދުވަހު ދެކުނު އެފްރިކާގެ ރިސާޗަރުންނަށެވެ.

ދެކުނު އެފްރިކާގެ ނޭޝަނަލް އިންސްޓިޓިއުޓް ފޮރ ކޮމިއުނިކަބްލް ޑިޒީޒަސްއިން ބުނެފައިވަނީ، މި ވޭރިއެންޓް އިންސާނާގެ ހަށިގަނޑުގެ ބައެއް ދިފާއުތަކުން ރެކުނު ނަމަވެސް، މިހާރު އުފައްދައި ބޭނުންކުރަމުންދާ ކޮވިޑް ވެކްސިންގެ ސަބަބުން ބަލީގެ ހާލަތު ގޯސްވުމުން ސަލާމަތްވެ އަދި ބަލީގައި މަރާ ކުރިމަތިލުން ދުރުކޮށްދޭކަން އެޕިޑެމިއޮލޮޖިކަލް ޑާޓާއިން ދައްކާ ކަމަށެވެ.

އޮމިކްރޮން ވޭރިއެންޓާބެހޭ މާގިނަ މައުލޫމާތުތަކެއް ކަމާބެހޭ ފަރާތްތަކަށް އަދި ހޯދިފައި ނުވާއިރު، މި ވޭރިއެންޓް ދުނިޔޭގެ އެތައް ގައުމަކުން މިހާރު ފެނިފައި ވެއެވެ.

އެންމެފަހުން މި ވޭރިއެންޓްގެ ކޭސްތައް ފެނުނު ގައުމުތަކުގެ ތެރޭގައި ސައުދީ އަރަބިއްޔާ، ނޯވޭ، ގާނާ ހިމެނެއެވެ.

އޮމިކްރޮން ވޭރިއެންޓް ހުއްޓުވަން ދުނިޔޭގެ ގައުމުތަކުން ދަތުރުފަތުރު ކުރުމަށް ހަރުކަށި ފިޔަވަޅު އަޅަމުން ގެންދިޔަ ނަމަވެސް، ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ބުނެފައިވަނީ، ބައިނަލްއަގްވާމީ ދަތުރުފަތުރަށް ހުރަސްއެޅުމަކީ ބަލި ފެތުރުން ހުއްޓުވޭނެ ކަމެއް ނޫން ކަމަށެވެ.

އެފަދަ ފިޔަވަޅުތަކުގެ ސަބަބުން އާންމު އެތައް ބައެއްގެ ދިރިއުޅުމާއި، ދިރިއުޅުމުގެ ހާލަތަށް ކުރިމަތިވާނީ އިތުރު ތަކުލީފްތަކެއް ކަމަށްވެސް ޑަބްލިޔޫއެޗްއޯއިން ބުނެފައި ވެއެވެ.

ހަމަ އެއާއެކު، ބަލިކޮށް އުޅޭ މީހުންނާއި، ނާޒުކު ހާލަތުގައި ތިބޭ މީހުންނާއި އަދި އުމުރުން 60 އަހަރުންމަތީގެ މީހުންނާއި، އަދި ވެކްސިން ނުޖަހައި ތިބި މީހުން މިދުވަސްވަރު ދަތުރުފަތުރު ކުރުން މަޑުޖައްސާލަންވެސް ޑަބްލިޔޫއެޗްއޯން ލަފާދީފައި ވެއެވެ.