ނިމިދިޔަ އޮކްޓޯބަރު މަހު މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލި އެންޑް ސޯޝަލް ސަރވިސަސްއަށް ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާގެ 30 މައްސަލައެއް އެ މިނިސްޓްރީއަށް ހުށަހަޅާފައިވާ ކަމަށް އެ މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ޖެންޑަރއިން ހާމަކޮށްފައިވާގޮތުގައި އޮކްޓޯބަރު މަހު ކުޑަކުދިންނަށް އެކި ވައްތަރުގެ ގެއްލުމާއި އަނިޔާ ކުރިކަމުގެ 95 މައްސަލައެއް އެ މިނިސްޓްރީއަށް ހުށަހަޅާފައި ވެއެވެ.

އެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މައްސަލަތައް ކަން ފާހަގަ ކޮށްލެވެއެވެ.

އެގޮތުން، އަންހެން ކުދިންނާއި ގުޅުންހުރި 54 މައްސަލައަކާއި ފިރެހެން ކުދިންނާއި ގުޅުންހުރި 41 މައްސަލައެއް ހިމެނޭ ކަމަށް ޖެންޑަރގެ ތަފާސހިސާބުން ދައްކައެވެ.

ޖިންސީ އަނިޔާގެ އިތުރުންވެސް، ޖިސްމާނީ ގޮތުންނާއި ނަފްސާނީގޮތުން ދެވޭ އަނިޔާގެ މައްސަލަތަކާއި ގެވެށި އަނިޔާގެ މައްސަލައިގެ ތެރެއިން، ޖިސްމާނީ އަދި ނަފްސާނީ އަނިޔާގެ 22 މައްސަލަ އާއި ގެވެށި އަނިޔާގެ 16 މައްސަލައެއް މިނިސްޓްރީއަށް އޮކްޓޯބަރު މަހުގެ ތެރޭގައި ހުށަހަޅާފައި ވެއެވެ.

އަދި، ކުޑަކުދިންނަށް އިހުމާލުވި 20 މައްސަލައެއް އެ މަހު ހުށަހަޅާފައިވާއިރު ގެވެށި އަނިޔާ ކުރާތަން ކުދިންނަށް ދެއްކި 16 މައްސަލައަކާއި، ޖިސްމާނީ ހާނިއްކައިގެ 12 މައްސަލަ އަދި ކުދިންނަށް ނަފްސާނީ ހާނިއްކައިގެ 10 މައްސަލައެއް ހުށަހަޅައި ބަލަންފަށާފައި ވެއެވެ.

މީގެއިތުރުން، މީހަހަކު ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 45 މައްސަލައަކާއި، އަމިއްލަ ނަފްސަށް ގެއްލުން ދިނުމުގެ ހަތް މައްސަލަ ހުށަހަޅާފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

ކުޑަކުދިންނަށް ލިބެންޖެހޭ ސިއްހީ ހިދުމަތްތަކުން އެ ކުދިން މަހުރޫމުކުރުވުމާއި ބެހޭ މައްސަލައަކާއި ވެކްސިން ޖެހުމަށް އިންކާރުކުރުމާއި ބެހޭ މައްސަލައަކާއި ސްކޫލަށް ކުއްޖާ ފޮނުވަން އިންކާރު ކުރުމާބެހޭ ދެ މައްސަލައެއް ވެސް ޖެންޑާ މިނިސްޓްރީއަށް މިދިޔަ މަހުވެސް ހުށަހަޅާފައިވެއެވެ.

ޖުމްލަ 222 މައްސަލައެއް އެ މިނިސްޓްރީއަށް އޮކްޓޯބަރު މަހު ހުށަހަޅާފައިވާއިރު، މިފަދަ މައްސަލަތައް ދުވަހުން ދުވަހަށް އިތުރުވަމުންދާތީ ޖެންޑަރއިން ވަނީ އެކަމާ ކަންބޮޑުވުން ފާހަގަކޮށްފައެވެ.