ވީނުވީއެއް ނޭނގި ގެއްލިފައިވާ މެލޭޝިޔަން އެއަރލައިންސްގެ މަތިންދާ ބޯޓް އެމްއެޗް370 ވެއްޓިފައިވާ ކަމަށް ބެލެވޭ ސަރަހައްދު، އިނގިރޭސިވިލާތުގެ އޭރޯސްޕޭސް އިންޖިނިއަރަކު ހޯދައިފިއެވެ.

އެމްއެޗް370 މަތިންދާ ބޯޓު ވީނުވީއެއް ނޭނގި ގެއްލުނީ މެލޭޝިޔާގެ ވެރިރަށް ކުއާލަލަމްޕޫރުން ފުރައިގެން، ޗައިނާގެ ވެރިރަށް ބެއިޖިންގަށް ދަތުރުކުރަނިކޮށް 2014 ވަނަ އަހަރުގެ މާޗްމަހުގެ 8 ވަނަ ދުވަހުއެވެ.

މި ބޯޓު ހޯދުމަށް ކުރެވިފައިވާ މަސައްކަތްތަކީ އޭވިއޭޝަންގެ ތާރީޚްގައިވެސް މިހާތަނަށް ހިންގުނު އެންމެބޮޑު އޮޕަރޭޝަންތަކެވެ.

ބައިނަލްއަގްވާމީ ތަޖުރިބާކާރުންގެ އެތައް ޓީމަކުން މި ބޯޓަށް ވީގޮތެއް ހޯދުމަށް ނުވަތަ ބޯޓު ވެއްޓިގައިވާ ތަނެއް ހޯދުމަށް މިހާތަނަށް ކުރެވުނު މަސައްކަތްތަކުން އެއްވެސް އަލިމަގެއް ފެނިފައެއް ނުވެއެވެ.

އެހެން ނަމަވެސް، އިނގިރޭސިވިލާތުގެ އޭރޯސްޕޭސް އިންޖިނިއަރެއް ކަމަށްވާ ރިޗަޑް ގޮޑްފްރީވަނީ، މެލޭޝިޔާގެ ބޯޓު ވެއްޓިފައިވާ ކަމަށް ބެލެވޭ ސީދާ ސަރަހައްދު ފާހަގަކޮށްފައެވެ. އޭނާ އެކަންކުރީ، އެންމެފަހުން އީޖާދުކޮށްފައިވާ އިންގިލާބީ އޭވިއޭޝަން ޓްރެކިންގ ޓެކްނޯލޮޖީގެ ބޭނުންކޮށްގެންނެވެ.

އެގޮތުން ރިޗަޑް ގޮޑްފްރީ، މެލޭޝިޔާގެ ބޯޓު ވެއްޓިފައިވާ ސަރަހައްދު ފާހަގަކުރުމަށް ބޭނުންކޮށްފައިވަނީ "ގްލޯބަލް ޑިޓެކްޝަން އެންޑް ޓްރެކިންގ އޮފް އެނީ އެއަރކްރަފްޓް އެނީވެއަރ (ޖީޑީޓީއޭއޭއޭ) އާއި، ވީކް ސިގްނަލް ޕްރޮޕަގޭޝަން ރެޕޯޓަރ (ޑަބްލިޔޫއެސްޕީއާރް) އެވެ.

އިންގިލާބީ ޓެކްނޯލޮޖީ ބޭނުންކޮށްގެން ރިޗަޑް ގޮޑްފްރީ ހެދި ދިރާސާތަކުގެ ރިޕޯޓް އޭނާވަނީ، އޭނާގެ އަމިއްލަ ވެބްސައިޓްގައި ޝާއިއުކޮށްފައެވެ.

ރިޕޯޓް ބުނާގޮތުން، އެމްއެޗް370 މަތިންދާ ބޯޓް ވެއްޓިފައިވަނީ އިންޑިއާގެ ކަނޑުގެ ދެކުނުގެ ސަރަހައްދަށެވެ.

އެގޮތުން، ބޯޓު ވެއްޓިގައި އޮތްކަމަށް ރިޕޯޓްގައި ފާހަގަކޮށްފައިވަނީ އޮސްޓްރޭލިއާގެ ޕާރތުގެ ހުޅަނގުން 1،933 ކިލޯމީޓަރު ދުރަށެވެ. އަދި ބޯޓު އޮތީ ގާތްގަނޑަކަށް 4،000 މީޓަރު އަޑީގައި ކަމަށްވެސް ބުނެފައި ވެއެވެ.

މެލޭޝިޔާ ބޯޓު ވެއްޓިފައިވަނީ "ބްރޯކަން ރިޖް" ނަމަކަށްކިޔާ ސަރަހައްދަކަށް ކަމަށާއި، އެއީ އަޑިގުޑަންތައް ގިނަ، ކަނޑުއަޑީގެ އަލިފާން ފަރުބަދައެއްވެސް ހިމެނޭ ސަރަހައްދެއް ކަމަށް ވެއެވެ. އަދި އެތަނަށް ފީނުމަކީވެސް އުނދަގޫ ކަމެއް ކަމަށް ވެއެވެ.

ރިޗަޑް ބުނެފައިވަނީ، އޮޓޮމޭޓެޑް އަންޑަރވޯޓަރ ވެހިކަލްސް، އޭޔޫވީ ބޭނުންކޮށްގެން ބޯޓު އޮތްތަން ހޯދުމުގެ މަސައްކަތް ކޮށްދޭން ޝައުގުވެރިޔާ އެތައް ގްރޫޕެއް އެތަތިބި ކަމަށެވެ.

ރިޗަޑް ބުނެފއިވަނީ، އޭޔޫވީގެ އެހީގައި މަސައްކަތް ކޮށްފިނަމަ އެމްއެޗް370 ބޯޓު އޮތްތަން އަންނަ 2022 ވަނ އަހަރުގެ ފަހުކޮޅުގައި ހޯދޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

ބޯޓު ވެއްޓިފައި އޮތްކަމަށް ރިޗަޑް ގަބޫލުކުރާ ސީދާ ތަންވެސް ރަތްތިކި ޖަހައި ޗާޓުން ފާހަގަކޮށްފައި ވެއެވެ. އެއީ، 40 ނޯޓިކަލް މޭލުގެ ސަރަހައްދެކެވެ.

އޯޝަން އިންފިނިޓީ

އެމްއެޗް370 ބޯޓު ހޯދުމަށް އޯޝަން އިންފިނިޓީ އިން 2018 ވަނަ އަހަރު 112،000 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް ބަލައި ފާސްކޮށްފައި ވެއެވެ.

އޮސްޓްރޭލިއަން ޓްރާންސްޕޯޓް ސޭފްޓީ ބިއުރޯއިން 2015 ވަނަ އަހަރު ކުރިއަށް ގެންދިޔަ ސާޗް އޭރިއާގައި ރިޗަޑް ފާހަގަކުރި ސަރަހައްދު ނުހިމެނެއެވެ. ނަމަވެސް، 2016 ވަނަ އަހަރު ކުރިއަށްގެންދިޔަ ސާޗްގައި ބެލި 120،000 އަކަ ކިލޯމީޓަރުގެ ސަރަހައްދުގެ ތެރޭގައި އެތަން ހިމެނެއެވެ.

ރިޗަޑް ގޮޑްފްރީގެ ހޯދުންތަކުގެ ސަބަބުން މެލޭޝިޔާގެ ބޯޓު ފެނިދާނެކަމުގެ އުންމީދު މިހާރުވަނީ އާވެގެން ގޮސްފައެވެ.

އެމްއެޗް370 ހޯދުމަށް ކުރެވުނު މަސައްކަތުގައި އެ ބޯޓުގެ ފުނޑުފުނޑުވެފައިވާ ބައިތަކުގެ ތެރެއިން 33 އެތިކޮޅު ފެނިފައި ވެއެވެ. އެބައިތައް ފެނިފައިވަނީ މޮރިޝަސް، މަޑަގަސްކަރަ، ޓެންޒޭނިއާ އަދި ދެކުނު އެފްރިކާގެ އައްސޭރިފަށުންނާއި ކަނޑުގެ ސަރަހައްދުނެނެވެ.

ގެއްލުނު ބޯޓުގެ ބައެއް ޗެކްކުރަނީ:

ބޯޓުގެ އެތެރެއަށް ނިސްބަތްވާ ބައިތައް ދިރާސާކުރި ފަރާތްތަކުން ބުނެފައިވަނީ، ބޯޓު ވަރަށް ބާރަށް ވެއްޓި ފިސްފިސް ވެގެން ގޮސްފައިވާ ކަމަށެވެ.

ސެޓެލައިޓް ޓްރާންސްމިޝަން އެނަލިސިސްއިންވެސް ދައްކާފައިވަނީ، ބޯޓު ވަރަށް ބާރަށް ތިރިއަށް ވެއްޓޭ މަންޒަރެވެ.

ބޯޓު ގެއްލުނުއިރު އޭގައި، ފަސިންޖަރުންނާއި، ކްރޫންނާއި ޕައިލެޓާއެކު 239 މީހުން ތިއްބެވެ. ފަސިންޖަރުގެ ތެރޭގައި ގިނައީ ޗައިނާ މީހުންނެވެ. ދެން ހިމެނެނީ މެލޭޝިޔާ އަދި އޮސްޓްރޭލިއާ މީހުންނެވެ.

އޮސްޓްރޭލިއާ، މެލޭޝިޔާ އަދި ޗައިނާއިން 2016 ވަނަ އަހަރު ނިންމާފައިވަނީ، އެކަށީގެންވާ ހެކި ލިބުމުންނޫނީ، ބޯޓު ހޯދުމުގެ މަސައްކަތް ދެން ކުރިއަށް ނުގެންދިއުމަށެވެ.