ފާއިތުވި ހަ މަސް ދުވަހު މާލޭ ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން ކޮށްފައިވާ މުހިންމު މަސައްކަތްތަކުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާ ހިއްސާކޮށްފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މި ބައްދަލުވުމުގައި މާލޭ ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީން، އެ ކޮމިޓީން ކޮށްފައިވާ މަސައްކަތްތަކުގެ އިތުރުން އެ ކޮމިޓީގެ މަސައްކަތްތައް އިތުރަށް ތަރުތީބުކޮށް، ފުރިހަމަކުރުމަށް ހުރި ގޮންޖެހުންތައް ރައީސް ސޯލިހާ ހިއްސާ ކުރައްވާފައިވާކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ.

ފޮޓޯ: ރައީސް އޮފީސް

މި ބައްދަލުވުމުގައި މެންބަރުން، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންނަށ ދޭ އެލަވަންސް ބޮޑުކުރަން ސަރުކާރުން ނިންމި ނިންމުމަށް ޝުކުރު އަދާކޮށްފައިވެއެވެ. މާލޭ ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން، އެކޮމިޓީގެ މަސައްކަތްތައް ކުރުމަށް ބޭނުންވާ އޮފީސް އިމާރާތެއް ނެތުމުގެ މައްސަލަ ފާހަގަ ކުރެއްވިއެވެ.

މީގެއިތުރުން ކޮމިޓީގެ ވަކިވަކި މެންބަރުން ވަނީ އެކަނބަލުން ތަމްސީލުކުރާ ދާއިރާތަކުގެ ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި މާލޭ ސިޓީގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައާއި ކުނީގެ މައްސަލައިގެ އިތުރުންވެސް މާލެއާއި ވަކިން އޮންނަ މި ސިޓީގެ ދެ އަވަށް ކަމުގައިވާ ވިލިމާލެއާއި ހުޅުމާލޭގައި ހުރި ވަކިވަކި އިޖްތިމާއީ މައްސަލަތަކުގެ މައްޗަށް ވަރަށް ފުޅާދާއިރާއެއްގައި ވާހަކަދައްކަވާ، އެކަންކަން ހައްލުކުރުމަށް ކުރެވެންހުރި ކަންކަމާޢި ގުޅޭގޮތުންވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ މަޝްވަރާކުރިއެވެ. މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ކޮމިޓީގެ މެންބަރުން ވޭތުވެދިޔަ ކުރު މުއްދަތުގެ ތެރޭގައި މާލޭ ސިޓީގެ އަންހެނުންގެ ތަރައްގީއަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވާފައިވާތީ އެކަމާ އުފާކުރައްވާކަން ހާމަކުރެއްވިއެވެ.

ރައީސް ސޯލިހް ވަނީ މާލޭ ސިޓީގެ ތަރައްގީއަށް ރާވަފައިވާ ކަންކަމުގެ އެންމެފަހުގެ މައުލޫމާތު އެ ކޮމިޓީގެ މެންބަރުންނާ ހިއްޞާކުރައްވާފައެވެ.

އަދި ކޮމިޓީގެ މެންބަރުން ފާހަގަކުރެއްވި ވަކިވަކި ކަންކަމުގައި، ކަމާގުޅޭ އިދާރާތަކާއި މަޝްވަރާކުރައްވާ، ހައްލު ކުރެވެންހުރި ކަންކަން ހައްލު ކޮށްދެއްވާނެ ކަމުގައި ރައީސް ސޯލިހްގެ ވާހަކަފުޅުގައި ފާހަގަކުރެއްވި ކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ.