ގައުމީ ސީނިއަރ ޓީމަށް 10 އަހަރު ކުޅެދިނުމަށްފަހު ތަޖުރިބާކާރު ވޮލީބޯޅަ ކުޅުންތެރިޔާ މުޙައްމަދު އަހުސަން ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފިއެވެ.

އުމުރުން 30 އަހަރުގެ އަހުސަން މިހާރު ވަނީ އޭނާ ކުޅުން ހުއްޓާލަން ނިންމާފައިވާކަން ރާއްޖޭގެ ވޮލީބޯޅައިގެ މައި އިދާރާ، ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އަށް ރަސްމީކޮށް އަންގާފައެވެ.

ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް މިޑްލް ބޮލްކަރު އަހުސަން ގައުމީ ޓީމުން ރިޓަޔާކުރިއިރު، މި މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތަށް ތައްޔާރުވުމަށް އެންމެ ފުރަތަމަ އެކުލަވާލި 21 ކުޅުންތެރިންގެ ސްކޮޑުގައި އަހުސަން ހިމެނުނެވެ. އެހެންނަމަވެސް މިދިޔަ މަހުގެ ފަހުކޮޅު ފައިނަލްކުރި 15 ކުޅުންތެރިންގެ ސްކޮޑުގައި އަހުސަން ހިމެނިފައެއް ނުވެއެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި އަހުސަން ގައުމީ ޓީމަށް ކުޅުން ހުއްޓާލަން ނިންމީ ސިއްހީ ހާލަތު ހުރިގޮތުން، މިހާރު ގައުމީ ފެންވަރުގައި އޭނާއަށް އެންމެ ރަނގަޅު ކުޅުން ދެއްކޭކަމަށް ގަބޫލު ނުކުރާތީ، ޒުވާން ކުޅުންތެރިންނަށް އެފުރުސަތު ދިނުމުގެ ގޮތުންނެވެ.

ނ. ހޮޅުދޫއަށް އުފަން އަހުސަން އެންމެ ފުރަތަމަ ގައުމީ ޓީމަށް ކުޅުނީ 2008 ވަނަ އަހަރު ޖޫނިއާ ޓީމަށެވެ. އޭގެ ފަހުން 2011 ވަނަ އަހަރު ގައުމީ ސީނިއާ ޓީމުން އަހުސަން ޖާގަ ހޯދިއިރު، އޭނާ ވަނީ އެ އަހަރު ސީޝެލްސްގައި އޮތް އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގައި ކުޅެފައެވެ.

ގައުމީ ޓީމާއެކު އަހުސަން ހޯދާފައިވާ ކާމިޔާބީތަކަށް ބަލާލާއިރު، ގަވާއިދުން ގައުމީ ޓީމުން ފުރުސަތު ހޯދަމުން އައި އަހުސަން ވަނީ 2013 އާއި 2015 ވަނަ އަހަރުގެ ސެންޓްރަލް ޒޯން މުބާރާތުން ރާއްޖެއާއެކު ރިހި މެޑަލް ހޯދާފައެވެ. އަދި އޭގެ އިތުރުން އަހުސަން ވަނީ ކެރިއަރުގައި ސެންޓްރަލް ޒޯން މުބާރާތުން ދެ ލޯ މެޑަލްވެސް ހޯދާފައެވެ. އެގޮތުން އެންމެފަހުން ސެންޓްރަލް ޒޯނުގައި އަހުސަން ލޯ މެޑަލް ހާސިލްކުރީ 2016 ވަނަ އަހަރު ބަންގްލަދޭޝްގައި ބޭއްވި މުބާރާތުގައެވެ.

ގައުމީ ޓީމަށް ކުޅުން ހުއްޓާލުމަށް ނިންމިނަމަވެސް އޭނާ ކުލަބު ފެންވަރުގައި ކުޅުން ހުއްޓާލުމަށް އަދި ނިންމާފައެއް ނުވެއެވެ.