ރާއްޖޭގައި އުފެދުނު އެންމެ މޮޅު ބެޑްމިންޓަން ކުޅުންތެރިންގެ ތެރޭގައި ގުނާލެވޭ، އަދި ރާއްޖޭގެ ގައުމީ ޓީމަށް ކުޅެމުން އަންނަ އައިމިނަތު ނަބީހާ އަބްދުއްރައްޒާގް (ނަބީ) އާއި ފާތިމަތު ނަބާހާ އަބްދުއްރައްޒާގް (ނަބާ)ގެ ދެބެއިންނަށް، މިމަހު ސްޕެއިން ގައި ބާއްވާ ދުނިޔޭގެ ބެޑްމިންޓަން މުބާރާތުން ފުރުސަތު ލިބިއްޖެއެވެ.

ބަންގްލަދޭޝްގައި ކުރިއަށްދާ އިންޓަނޭޝަނަލް ޗެލެންޖް ބެޑްމިންޓަން މުބާރާތުގައި މިހާރުވެސް ރާއްޖެ ތަމްސީލުކުރަމުން އަންނަ މި ދެބެއިންނަށް ދުނިޔޭގެ ބެޑްމިންޓަން މުބާރާތުން ފުރުސަތު ލިބުންއިރު، މިއީ ބެޑްމިންޓަން ވޯލްޑް ޗެމްޕިއަންޝިޕެއްގައި ރާއްޖޭގެ ކުޅުންތެރިން ތަމްސީލް ކުރާނެ ފުރަތަމަ ފަހަރެވެ.

އަދި މިއަހަރު ޖަޕާނުގެ ވެރިރަށް ޓޯކިއޯ ގައި ކުރިއަށްދިޔަ އޮލިމްޕިކްސްގައި ބެޑްމިންޓަން އިން ރާއްޖެ ތަމްސީލުކޮށް، ނަބާ ވަނީ އެ މުބާރާތުގައި ވާދަކުރި ރާއްޖޭގެ ފުރަތަމަ އަންހެން ބެޑްމިންޓަން ކުޅުންތެރިޔާގެ ޝަރަފުވެސް ހޯދާފައެވެ.

ސްޕެއިންގައި އޮތް މުބާރާތުން ނަބާ އާއި ނަބީއަށް ފުރުސަތު ލިބުނީ މިހާތަނަށް ބައިނަލްއަގްވާމީ މުބާރާތްތަކުގައި އެދެކުޅުންތެރިން ހޯދާފައިވާ ކާމިޔާބީތަކާއި، ނެރެފައިވާ ނަތީޖާތަކަށް ބެލުމަށްފަހުއެވެ. އެންމެފަހުން އިއުލާންކުރި ރޭންކިންގައި މިދެކުޅުންތެރިންގެ ޕެއާ ރޭންކު ކޮށްފައިވަނީ ދުނިޔޭގެ 117 ވަނައިގައެވެ. 2019 ވަނަ އަހަރުގެ ރޭންކިންގައި ބީޑަބްލިއުއެފްގެ އަންހެން ޑަބަލްސް އިވެންޓުގެ ރޭންކިންގެ ގަދަ 100 ތެރޭގައި ހިމެނި ނަބާ އާއި ނަބީ ވަނީ ތާރީހީ ކާމިޔާބެއް ހާސިލްކޮށްފަ އެވެ.

ބައިނަލްއަގްވާމީ ފެންވަރުގައި ރާއްޖެއަށް އެތައް ރަންވަނައެއް ހޯދާދީފައިވާ ނަބާ އާއި ނަބީގެ ޕެއާއިން ވަނީ ބައެއް މުބާރާތްތަކުން ރާއްޖެއަށް ރަން މެޑަލްވެސް ހޯދައިދީފައެވެ. 2019 ވަަނަ އަހަރު ޕާކިސްތާން މުބާރާތުގެ ޑަބަލްސް ބައިން ހޯދި ރަން މެޑަލެވެ. މިއީ ބީޑަބްލިއުއެފް އިން ގަބޫލުކުރާ މުބާރާތެއްގައި ރާއްޖެ އަށް އަންހެން ޑަބަލްސް އިން ހޯދައިދިން ފުރަތަމަ ރަން މެޑަލް އެވެ.

މީގެއިތުރުން ގައުމީ ފެންވަރުގައިވެސް މި ދެކުޅުންތެރިންނަކީ އަދި އެހެން ކުޅުންތެރިންނަށް އަރާހަމަކުރަން އުނދަގޫ ދެކުޅުންތެރިންނެވެ. އެކަމުގެ ހެއްކަކީ އެންމެފަހުގެ ތިން ގައުމީ މުބާރާތުގައިވެސް މި ދެކުޅުންތެރިންގެ ޕެއާ އިން އަންހެން ޑަބަލްސްގެ ޗެމްޕިއަންކަން ހޯދުމެވެ.