ޕްރޮފެޝަނަލް ފެންވަރުގައި ކްރިސްޓިއާނޯ ރޮނާލްޑޯ އޭނާގެ ކެރިއަރުގެ 800 ވަނަ ލަނޑު ޖެހި މެޗުގައި މެންޗަސްޓަރ ޔުނައިޓެޑުން އާސެނަލްގެ މައްޗަށް ކުރިހޯދައިފިއެވެ.
އަމިއްލަ ދަނޑުގައި ކުޅުނު މިމެޗުން ޔުނައިޓެޑް މޮޅުވީ ފަަހަތުން އަރާ 2-3 ގެ ނަތީޖާއަކުންނެވެ.
މި މެޗުގައި ރޮނާލްޑޯ ވަނީ ދެލަނޑު ޖަހާފައެވެ. މިއާއެކު އޭނާގެ ކެރިއަރުގައި ކުލަބުތަކާއި ގައުމީ ޓީމަށް ޖަހައިދިން ލަނޑުތަކުގެ އަދަދު ވަނީ 801 އަށް އަރާފައެވެ.
މި 801 ލަނޑުގެ ތެރެއިން 115 ލަނޑަކީ ޕޯޗުގަލްގެ ގައުމީ ޓީމަށް ރޮނާލްޑޯ ކާމިޔާބުކޮށްދިން ލަނޑުތަކެވެ. ފުޓުބޯޅައިގެ ދިގު ތާރީހުގައިވެސް ގައުމީ ޓީމަކަށް އެންމެގިނަ ލަނޑު ކާމިޔާބުކުރި ކުޅުންތެރިޔާގެ ރެކޯޑުވެސް ހަދާފައިވަނީ ރޮނާލްޑޯއެވެ. ރޮނާލްޑޯ މި ރެކޯޑް ގާއިމްކުރީ މިއަހަރު ބޭއްވި ޔޫރޯ 2020 މުބާރާތުގައި 110 ވަނަ ލަނޑު ކާމިޔާބުކޮށް އިރާންގެ އަލީ ދާއިގެ ލަނޑުޖެހުމުގެ ރެކޯޑާއި އަރާހަމަކޮށްގެންނެވެ.
ރޮނާލްޑޯ އެންމެ މަދުން ލަނޑު ކާމިޔާބު ކޮށްދީފައިވަނީ އޭނާގެ ކެރިއަރު ފެށި ޕޯޗުގަލްގެ ސްޕޯޓިންގ އަށެވެ. އެއީ 5 ލަނޑެވެ. އެއަށްފަހު ދެން ރޮނާލްޑޯ ކުޅުނީ މެންޗަސްޓަރ ޔުނައިޓެޑަށެވެ. ޔުނައިޓެޑްގެ އިތުރުން ދެން ރޮނާލްޑޯ ކުޅެފައިވަނީ ސްޕެއިންގެ ރެއާލް މެޑްރިޑާއި އިޓަލީގެ ޔުވެންޓަސް އަށެވެ.
ރެއާލްގައި ހޭދަކުރި މުއްދަތުގެ ތެރޭގައި އޭނާ ވަނީ އެކުލަބަށް ކުޅެދިން 438 މެޗުން 450 ލަނޑު ކާމިޔާބުކޮށްފައެވެ. މިއީ އެއް ކުލަބަކަށް ރޮނާލްޑޯ އެންމެ ގިނަ ލަނޑު ޖަހާދީފައިވާ ކުލަބެވެ. ދެފަހަރެއްގެ މަތިން ޔުނައިޓެޑަށް ރޮނާލްޑޯ ބަދަލުވެފައިވާއިރު އެޓީމަށް މިހާތަނަށް ކުޅެދިން 308 މެޗުން 130 ލަނޑު ރޮނާލްޑޯ ޖަހާދީފައިވެއެވެ. އަދި ޔުވެންޓަސް އަށް ކުޅެދިން 134 މެޗުން 101 ލަނޑު އެޓީމަށް ވަނީ ކާމިޔާބު ކޮށްދީފައެވެ.
ތާރީހީ ލަނޑުޖެހުމުގެ ރެކޯޑަށް ބޮޅެއް އަނެއްކާވެސް ރޮނާލްޑޯ އިތުރުކުރި މިމެޗުގައި ދެޓީމުގެ ފަރާތުންވެސް ފެނިގެންދިޔައީ ވަރަށް ވާދަވެރި މޮޅު ކުޅުމެކެވެ.
މިމެޗުގައި ފުރަތަމަ ލަނޑުޖަހާ ލީޑުނެގީ އާސެނަލް އިންނެވެ. ކޯނަރަކުން ތަނަވަސްވި ފުރުސަތެއްގައި މެޗުގެ 13 ވަނަ މިނެޓުގައި މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ސްމިތް ރޯ އެވެ. މިއީ ކޯނަރު ނެގި ގަޑީގައި ފަޔަށް ލިބުނު އަނިޔާއެއްގެ ސަބަބުން ޔުނައިޓެޑުގެ ކީޕަރު، ޑެހިއާ ދަނޑުމައްޗަށް ވެއްޓިފައި އޮތް ދަނޑިވަޅެއްގައި އޭރިއާ ބޭރުގައި ހުރެފައި ފޮނުވާލި ހަމަލާއެއް ގޯލުގެ ތެރެއަށް ވައްދާލައިގެން ސްމިތް ރޯ ކާމިޔާބު ކުރި ލަނޑެކެވެ. ޑެހިއާ ދަނޑުމައްޗަށް ވެއްޓިފައި އޮތުމުން ، ރެފްރީ މިއީ ލަނޑެއްކަމަށް ނިންމާފައިވަނީ ކުޅުން މެދުކަނޑާލާ ވީއޭއާރުވެސް ބެލުމަށްފަހުއެވެ.
މެޗުގައި ޔުނައިޓެޑުން ނަތީޖާ ހަމަހަމަކުރީ ފުރަތަމަހާފުގެ 44 ވަނަ މިނެޓުގައެވެ. އޭރިއާ ތެރޭގައި ހުރެފައި ފްރެޑް ދިން ޕާހަކުން މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ބްރޫނޯ ފެރްނާންޑޭޒް އެވެ. މިއީ ފާއިތުވީ 16 މެޗުގެ ތެރެއިން ބްރޫނޯ ޔުނައިޓެޑަށް ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑެވެ.
ޔުނައިޓެޑުން ފުރަތަމަ ފަހަރަށް މެޗުގައި ލީޑުނެގީ ދެވަނަ ހާފުގައި މެޗުގެ 52 ވަނަ މިނެޓުގައެވެ. މިއީ ރޮނާލްޑޯ އޭނާގެ ކެރިއަރުގެ 800 ވަނަ ގޯލު ހަމަކުރި ލަނޑެވެ. މިލަނޑު ޖެހުމަށް ރޮނާލްޑޯ އަށް ފުރުސަތު ތަނަވަސްކޮށްދިނީ ރަޝްފޯޑެވެ.
ޔުނައިޓެޑުން ލީޑުނެގިތާ ދެމިނެޓުފަހުން އާސެނަލް އިންވެސް ވަނީ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މިއީ މާޓިނެލީ ހުރަސްކޮށްދިން ބޯޅައެއް އޭރިއާ ބޭރުގައި ހުރެފައި ފޮނުވާލި ބާރު ހަމަލާއެއް ގޯލުގެ ތެރެއަށް ވައްދާލައިގެން އޮޑެގާޑް ކާމިޔާބުކުރި ލަނޑެކެވެ.
މެޗުގައި ދެވަނަ ފަހަރަށް ލީޑުނަގާދީ، ޔުނައިޓެޑަށް މެޗު ކާމިޔާބުކޮށްދިން ލަނޑު ލިބުނު ޕެނަލްޓީއަކުން 70 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ރޮނާލްޑޯއެވެ. މިއީ އޭރިއާ ތެރެއިން ފްރެޑް އަށް އާސެނަލްގެ އޮޑެގާޑް ކުރި ފައުލަކާއި ގުޅިގެން ލިބުނު ޕެނަލްޓީއެކެވެ.
މެޗުން މޮޅުވެ ޔުނައިޓެޑުން ތާވަލުގެ 7 ވަނައަށް ކުރިއަށް ޖެހިލިއިރު މިއީ އެޓީމަށް މައިކަލް ކެރިކް އިރުޝާދު ދޭނެ އެންމެ ފަހުމެޗެވެ. އޭނާގެ އިރުޝާދުގެ ދަށުން ޔުނައިޓެޑް ޖުމްލަ 4 މެޗު ކުޅެފައިވާއިރު ތިންމެޗުން މޮޅުވެ އެއް މެޗުންވީ އެއްވަރެވެ. މި މެޗަކީ އަމިއްލަ ދަނޑުގައި ކެރިކްގެ އިރުޝާދުގެ ދަށުން ޔުނައިޓެޑް ކުޅުނު ފުރަތަމަ މެޗުކަންވެސް ފާހަގަކޮށްލެވެއެވެ.
ޔުނައިޓެޑުގެ އައު ވަގުތީ ކޯޗު، ރަލްފް ރަންގްނިކަށް ބުރާސްފަތި ދުވަހުގެ ވަގުތެއްގައި ވިސާގެ ކަންކަން ހަމަޖެހިފައިވާއިރު، އެޓީމުން މިމަހުގެ 5 ވަނަ ދުވަހު ކްރިސްޓަލް ޕެލަސް އާއި ދެކޮޅަށް ކުޅޭ މެޗުގައި ނުކުންނާނީ ރަންގްނިކުގެ އިރުޝާދުގެ ދަށުންނެވެ. ޔުނައިޓެޑުގެ ކޯޗުކަމުގެ މަގާމާއި ރަންގްނިކް ހަވާލުވީ މި ސީޒަނުގެ ނިޔަލަށެވެ. އެއަށްފަހުވެސް ކޮންސަލްޓަންޓެއްގެ ގޮތުގައި ރަންގްނިކް 2023 ވަނަ އަހަރުގެ ނިޔަލަށް ޔުނައިޓެޑުގައި މަޑުކުރާނެއެވެ.
މެޗުން ބަލިވުމުން އާސެނަލް އަށް ވަނީ ތާވަލުގެ 4 ވަނައަށް ކުރިއަށް ޖެހިލުމުގެ ފުރުސަތު ގެއްލިފައެވެ. މިހާތަށް ކުޅުނު 14 މެޗުން ލިބުނު 23 ޕޮއިންޓާއެކު އާސެނަލް އަށް ޕްރިމިއަރ ލީގުގެ ޕޮއިންޓު ތާވަލުގައި ލިބެނީ 5 ވަނައެވެ. 4 ވަނައިގައި ވެސްޓްހަމް ޔުނައިޓެޑް އޮތީ 14 މެޗުން 24 ޕޮއިންޓާއެކުއެވެ. ޔުނައިޓެޑު 7 ވަނައިގައި އޮތީ 14 މެޗުން 21 ޕޮއިންޓާއެކުއެވެ.