ސްރީލަންކާ އަދި މެލޭޝިއާ އިން އޮމިކްރޮން ވޭރިއެންޓްގެ ފުރަތަމަ ކޭސް ފެނިއްޖެއެވެ.

ސްރީލަންކާގެ ހެލްތު މިނިސްޓްރީން ބުނީ އެގައުމުން ކޮވިޑްގެ އޮމިކްރޮން ވޭރިއަންޓަށް ޕޮޒިޓިވްވެފައި ވަނީ ނައިޖީރިއާ އިން އެގައުމަށް ދަތުރުކުރި ސްރީލަންކާ ރައްޔިތެއް ކަމަށެވެ.

އޭނާ ސްރީލަންކާއަށް ގޮސްފައިވަނީ މިދިޔަ މަހުގެ 26 ވަނަ ދުވަހުއެވެ.

އޮމިކްރޮން ވޭރިއެންޓް އެންމެ ފުރަތަމަ ފެނިފައިވަނީ ނޮވެމްބަރު މަހުގެ 8 ވަނަ ދުވަހު ދެކުނު އެފްރިކާގެ ރިސާޗަރުންނަށެވެ.

އަދި މިއަދު އޮމިކްރޮން ވޭރިއެންޓްގެ ކޭސް އެއް މެލޭޝިއާ އިން ވެސް ވަނީ ފެނިފައި ކަމަށް އެ ގައުމުގެ މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.

މެލޭޝިއާގެ ހެލްތު މިނިސްޓަރީން ވަނީ އެގައުމުން އޮމިކްރޮން ވޭރިއަންޓް ފެނިފައިވާކަން ކަށަވަރު ކޮށްދެއްވާފައެވެ. ހެލްތު މިންސްޓަރީން ބުނީ މެލޭޝިއާ އިން އޮމިކްރޮން އަށް ޕޮޒިޓިވް ވެފައިވަނީ ދެކުނު އެފްރިކާ އިން މެލޭޝިއާއަށް ދަތުރު ކުރި ބިދޭސީއެއް ކަމަށެވެ.

އަދި އޮމިކްރޮންއަށް ޕޮޒިޓިވް މީހާ ވަނީ މެލޭޝިއާއަށް ދިއުމުގެ ކުރިން ސިންގަޕޫރުގައިވެސް މަޑުކޮށްފައެވެ.

ދެކުނު އެފްރިކާގެ ނޭޝަނަލް އިންސްޓިޓިއުޓް ފޮރ ކޮމިއުނިކަބްލް ޑިޒީޒަސްއިން ބުނެފައިވަނީ، މި ވޭރިއެންޓް އިންސާނާގެ ހަށިގަނޑުގެ ބައެއް ދިފާއުތަކުން ރެކުނު ނަމަވެސް، މިހާރު އުފައްދައި ބޭނުންކުރަމުންދާ ކޮވިޑް ވެކްސިންގެ ސަބަބުން ބަލީގެ ހާލަތު ގޯސްވުމުން ސަލާމަތްވެ އަދި ބަލީގައި މަރާ ކުރިމަތިލުން ދުރުކޮށްދޭކަން އެޕިޑެމިއޮލޮޖިކަލް ޑާޓާއިން ދައްކާ ކަމަށެވެ.

އޮމިކްރޮން ވޭރިއެންޓާބެހޭ މާގިނަ މައުލޫމާތުތަކެއް ކަމާބެހޭ ފަރާތްތަކަށް އަދި ހޯދިފައި ނުވާއިރު، މި ވޭރިއެންޓް ދުނިޔޭގެ އެތައް ގައުމަކުން މިހާރު ފެނިފައި ވެއެވެ.

ހަމަ އެއާއެކު، ބަލިކޮށް އުޅޭ މީހުންނާއި، ނާޒުކު ހާލަތުގައި ތިބޭ މީހުންނާއި އަދި އުމުރުން 60 އަހަރުންމަތީގެ މީހުންނާއި، އަދި ވެކްސިން ނުޖަހައި ތިބި މީހުން މިދުވަސްވަރު ދަތުރުފަތުރު ކުރުން މަޑުޖައްސާލަންވެސް ޑަބްލިޔޫއެޗްއޯން ލަފާދީފައި ވެއެވެ.