"ތަސްވީރު:މޯލްޑިވްސް ޓު އާޓް" އެގްޒިބިޝަން މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމްއެމްޕީއާރުސީ (ވިޒިޓް މޯލްޑިވްސް) އިން ލޯންޗްކޮށްފިއެވެ.

މި އެގްޒިބިޝަން ކުރިއަށް ދަނީ ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ. އެގްޒިބިޝަން ލޯންޗްކުރުމަށް ބޭއްވި ޙާއްސަ ރަސްމިއްޔާތައް ފަހު ކުޑަކުދިންގެ ހަވީރެއްވެސް ވަނީ ބާއްވާފައެވެ. އެގްޒިބިޝަން ލޯންޗްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެމްއެމްޕީއާރުސީގެ ޗީފް އޮޕަރޭޓިން އޮފިސާ އަދި މެނޭޖިން ޑިރެކްޓަރ މުހައްމަދު ތައްޔިބް އާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީގެ އެމްޑީ ސުހައިލް އަހުމަދު އަދި އެމްއެމްޕީއާރުސީއާއި އެޗްޑީސީގެ އިސް އޮފިޝަލުންނާއި، މުވައްޒަފުން ވަނީބައިވެރިވި ކަމަަށް ވިޒިޓް މޯލްޑިވްސް އިން ބުނެއެވެ.

މި ރައްމިއްޔާތުގައި އެމްއެމްޕީއާރުސީގެ ފަރާތުން ސީއީއޯ އަދި އެމްޑީ ވަނީ އެޗްޑީސީގެ އެމްޑީއަށް އެގްޒިބިޝަންގައި ބޭނުންކުރާ ސްޓޭންޑުތައް ހަވާލްކުރުމަށް ރަމްޒީ ޓޯކަންއެއް ހަދިޔާކޮށްފައެވެ. މި ސްޓޭންޑުތައް ހަދިޔާކޮށް ހުޅުމާލެ ސެންޓްރަލް ޕާކުގައި ބެހެއްޓުމުގެ މަޤްސަދަކީ މުސްތަޤްބަލުގައި ފަންނާނުންގެ ޢާޓްވޯކްތައްސެންޓްރަލް ޕާކުގައި ޢާންމުކޮށް ފެންނަ ގޮތައް ބެހެއްޓުމަށް ފުރުސަތު ދިނުމެވެ.

މިރަމްޒީ ޓޯކަން އެޗްޑީސީގެ އޮފިޝަލުންނަށް އެރުވުމަށްފަ، ތަސްވީރު އެގްޒިބިޝަންގެ ކުރެހުންތައް ރަސްމިއްޔާތުގެ ބައިވެރިން ވަނީ ބައްލަވާލައްވާފައެވެ. ތަސްވީރު އެގްޒިބިޝަންގެ ކުރެހުންތައް ސެންޓްރަލް ޕާކުގައި އެޗްޑީސީގެ ބެލުމުގެ ދަށުން މިއަހަރު ނިމެންދެން ބެހެއްޓިފައި ހުންނާނެއެވެ.

އެމްއެމްޕީއާރުސީން އިންތިޒާމްކުރި މި މުބާރާތް ކުރިއަށް ގެންދިޔައީ މޯލްޑިވްސް ޢާޓިސްޓް ކޮމިއުނިޓީ، މެކްއާއި ގުޅިގެން ޖުލައި 15 އިން އޯގަސްޓް 15 ވަނަ ދުވަހުގެ ނިޔަލަށެވެ. މި މުބާރާތަށް ވަނީ 110 ކުރެހުން ހުށަހަޅާފައެވެ.

މިމުބާރާތުގެ ވަނަތައް ހޮވި ރަސްމިއްޔާތު މިދިޔަ އޮކްޓޫބަރު މަހުގެ 20 ވަނަ ދުވަހު ވަނީ ބާއްވާފައެވެ. މި މުބާރާތުގެ ލޯކަލް ކެޓަގަރީން އެއްވަނަ އަށް ހޮވިފައިވަނީ އަހްމަދު ޢިހްސާ އެވެ. ދެވަނައަށް ހޮވިފައިވަނީ އާމިނަތު ރޫބާ ޢަލީ އެވެ. އިންޓަނޭޝަނަލް ކެޓަގަރީއިން އެއްވަނަ ލިބިފައިވަނީ އިންޑިއާގެ މަލާރު ވިޒީ ކަޑަރުކަރައިޕަންޓައި ޢަށެވެ.

މިކެޓަގަރީން ދެވަނަ ލިބުނީ ޕޮލޭންޑްގެ ކެރޮލީނާ ޕަޢިސްއެވެ. މި މުބާރާތުން އެއްވަނައަށް ދިޔަ ކުރެހުންތެރިންނަށް އިނާމެއްގެ ގޮތުގައި 3000 ޑޮލަރު ދީފަވާއިރު ދެވަނައަށް ދިޔަ ކުރެހުންތެރިންނަށް ލިބުނު ޢިނާމަކީ 2000 ޑޮލަރެވެ.

ތަސްވީރު މުބާރާތަކީ، ދިވެހިރާއްޖެ އަކީ މަގުބޫލު ފަތުރުވެރި މަންޒިލެއްގެ ގޮތުގައި އިޝްތިހާރުކޮށް، އެކި ޑިޖިޓަލް ޕްލެޓްފޯމްތަކާއި ސޯޝަލް މީޑިޔާތަކުގައި އެމްއެމްޕީއާރުސީގެ އެންގޭޖްމެންޓް އިތުރުކުރުމަށް އެކުލަވާލާފައިވާ ސޯޝަލް މީޑިޔާ ސްޓްރެޓެޖީގެ ދަށުން މުޅިން އަލަށް ކުރިއަށްގެންދެވުނު ހަރަކާތެކެވެ.

މުބާރާތުގެ އަމާޒަކީ ދިވެހި އާޓިސްޓް ކޮމިއުނިޓީއަށް ހިތްވަރާއި އެއްބާރުލުން ދިނުމާއެކު އެކި މީޑިއަމްތަކުގެ އާޓްވޯކް މެދުވެރިކޮށް ރާއްޖޭގެ ގުދުރަތީ އީކޯސިސްޓަމްތަކުގެ ހިތްގައިމުކަމަށް އަލިއަޅުވާލުން ކަމަށް ވިޒިޓް މޯލްޑިވްސް އިން ބުނެއެވެ.