ކުރިއަށް އޮތް ފުޓުބޯޅަ ސީޒަނަށް ތައްޔާރުވުމުގެގޮތުން ނ. އަތޮޅުގައި ރާއްޖޭގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ކުރިއަށް ގެންދިޔަ ތަމްރީނު ކޭމްޕުގައި ކުޅުނު ފަހުމެޗުންވެސް ފަރަގު ބޮޑު ނަތީޖާއަކުން މޮޅުވެއްޖެއެވެ.

ކެނދިކުޅުދޫގައި ކެނދިކޮޅު ފުޓުބޯޅަ ކުލަބާއި ދެކޮޅަށްކުޅުނު މިމެޗުން މާޒިޔާ މޮޅުވީ 1-9 ގެ ނަތީޖާއަކުންނެވެ.

މިއީ ކޭމްޕުގައި މާޒިޔާއިން ކުޅުނު 4 ވަނަ މެޗެވެ. 10 ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދިޔަ މި ކޭމްޕުގައި މާޒިޔާއިން އެންމެފުރަތަމަ މެޗުން ކެނދިކުޅުދޫ ފުޓްބޯޅަ ކުލަބު އަތުން މާޒިޔާ މޮޅުވީ 0-9 ގެ ނަތީޖާއަކުންނެވެ.

ކެނދިކުޅުދޫ ޓާފް ދަނޑުގައި ކުޅުނު އެކުވެރިކަމުގެ ދެވަނަ މެޗުން މާޅެންދޫ އަތުން މާޒިޔާ މޮޅުވީ 0-11 ގެ ފަރަގު ބޮޑު ނަތީޖާއަކުންނެވެ. އަދި އެކުވެރިމުގެ ތިންވަނަ މެޗުން މާޒިޔާ ވަނީ އެފްސީ މާފަރު އަތުންވެސް 1-9 ގެ ނަތީޖާއަކުން މޮޅުވެފައެވެ.

މި ކޭމްޕުގެ ތެރެއިން މާޒިޔާއިން ވަނީ ކެނދިކުޅުދޫގައި މާޒިޔާގެ ފުޓުބޯޅަ އެކެޑަމީވެސް ހުޅުވާފައެވެ. މި އެކެޑަމީއަކީ މާޒިޔާ އާއި، ކެނދިކުޅުދޫ ކައުންސިލް އަދި ކެނދިކުޅުދޫ ފުޓްބޯލް ކުލަބު ގުޅިގެން ހިންގާ އެކެޑަމީއެކެވެ. އަދި މި އެކެޑެމީގެ މެއިން ސްޕޮންސަރަކީ އުރީދޫ މޯލްޑިވްސްއެވެ.

މި އެކެޑަމީގައި އުމުރުން ހަ އަހަރާއި 14 އަހަރާ ދެމެދުގެ ކުދިންނަށް ތަމްރީނުދޭއިރު، އެކެޑަމީ ފަށާފައިވަނީ 63 ކުދިންނާއެކުއެވެ. އޭގެ ތެރޭގައި އަންހެން ކުދިންވެސް ހިމެނެއެވެ.

ކެނދިކުޅުދޫގައި މާޒިޔާއިން ފެށި އެކެޑަމީގެ އިސް އޮފިޝަލުންގެ ގޮތުގައި ހަރަކާތްތެރިވާނީ އިބްރާހީމް ޝާފިއު އާއި މުޙައްމަދު އަރީފެވެ.

މި ކޭމްޕުގެ އިތުރުން ކުރިއަށް އޮތް ސީޒަނަށް ޓީމު ވަރުގަދަކުރުމުގެ ގޮތުން، މާޒިޔާއިން ވަނީ މޮޅެތި ކުޅުންތެރިންތަކެއްގެ ސޮއި ހޯދާފައެވެ. އެގޮތުން ނޭޕާލްގެ ގައުމީ ޓީމުގެ ކީޕަރު، ކިރަން ކުމާރް ލިމްބޫ އާއި، ރާއްޖޭގެ ގައުމީ ޓީމުގެ ކެޕްޓަން އަކްރަމް އަބްދުލްޣަނީ (އަކޫ)ގެ އިތުރުން ޒުވާން ތަރި ހައިޝަމް ހަސަން (ބިޑި)ގެ ސޮއި މާޒިޔާ އިން ވަނީ ހޯދާފައެވެ.

މާޒިޔާއިން އާ ސީޒަނަށް ތައްޔާރުވާން ފެށިއިރު އެ ކުލަބުގެ އާ ކޯޗަކަށް ތަޖުރިބާކާރު ޕްރޯ ލައިސަންސް ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ވަނީ ހަމަޖައްސާފައެވެ.

އެފްއޭއެމުން އިއުލާނުކޮށްފައިވާ ގޮތުން އައު ސީޒަން ފަށާނީ ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހު ޗެރިޓީ ޝީލްޑް މެޗުންނެވެ. މި މެޗުގައި ބައްދަލުކުރާނީ ލީގު ޗެމްޕިއަންކަމުގެ ހައިސިއްޔަތުން މާޒިޔާ އާއި ރަނަރަޕްކަން ހޯދި ޓީމުގެ ހައިސިއްޔަތުން ކުލަބް ކުލަބް ވެލެންސިއާ އެވެ.