ފަލަސްތީނުގެ މައްސަލައަށް ހައްލުކުރުމަށް އުންމީދުކަނޑާނުލައި މަސައްކަތްކުރަންޖެހޭ ކަމަށް އދ.ގެ އާންމު މަޖިލީހުގެ ރައީސް އަދި ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ފަލަސްތީނާ ބެހޭ ސުވާލާއި، މެދުއިރުމަތީގެ ހާލަތާ ބެހޭގޮތުން ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުން އަބްދުﷲ ޝާހިދު ވިދާޅުވީ، ފަލަސްތީނާއި އިޒްރޭލާ ދެމެދު އޮތް މައްސަލައާއި އެފަދަ އެހެން މައްސަލަތައް ހައްލުކުރުމަށް މަސައްކަތްކުރާ އދ.ގެ ގުނަވަންތަކުގެ އިތުބާރު ހިފަހައްޓައި، އެދެވޭ މަޝްވަރާތަކާއެކު ހުރިހާ މެމްބަރުންގެ ބައިވެރިވުމާއެކު އުންމީދުކަނޑާނުލައި މަސައްކަތްކުރަންޖެހޭކަމަށެވެ.

އަދި، 1948 ވަނަ އަހަރުން ފެށިގެން، އދ.ގެ އެޖެންޑާގައި ފަލަސްތީނުގެ މައްސަލަ އޮވެމެ، އެމައްސަލައަށް އެކަށީގެންވާ ހައްލެއް ލިބިފައިނުވުމަކީ ހިތާމަހުރި ކަމެއްކަމަށާއި، އެ މައްސަލައަށް ހައްލެއް ގެނެވޭނީ، އަމަލުން މަސައްކަތް ކޮށްގެން ކަމަށްވެސް އަބްދުﷲ ޝާހިދު ވިދާޅުވިއެވެ.

އެ މައްސަލައިގެ ސަބަބުން މުޅި އެ ސަރަހައްދުގެ އަމާންކަން ގެއްލި، ލޮޅުންއަރައިގެންދިޔަ މަންޒަރު ކިތަންމެ ފަހަރަކު ފެނިފައިވާކަން ފާހަގަކުރައްވައި ޝާހިދު ވިދާޅުވީ، މައްސަލައިގެ ސަބަބުން ހަމައެކަނި އެ ސަރަޙައްދުގެ ސުލްހަވެރިކަމާއި، ރައްކާތެރިކަމުގެ އިތުރަށް އދ. ގެ އަސާސީ ތަސައްވުރު ކަމުގައިވާ، ބައިނަލްއަގްވާމީ މުޖުތަމައެއްގެ ގޮތުގައި އެންމެން އެކުވެގެން ޚާރިޖީ ދެބަސްވުންތައް ހައްލުކުރުމުގެ ބާރުވެސް ނުރައްކަލުގެ ތެރޭގައިވާ ކަމަށެވެ.

ފަލަސްތީނު، ހާއްސަކޮށް ޣައްޒާގައި އޮތް އިންސާނިއްޔަތާ ހިލާފު ކާރިސާގެ ވާހަކަ އަޅުގަނޑުމެން ކޮންމެ އަހަރަކު ދައްކަން. އެކަމަކު ހަމައެކަނި ބަސްތަކަކުން ނުފުދޭ. ކަރަންޓާއި ފެނާއި މިފަދަ ޒަރޫރީ ބޭނުންތަކުން މަހުރޫމުވެފައި ތިބި މިލިއަނަށްވުރެ ގިނަ ފަލަސްތީނު ރައްޔިތުން ތަހައްމަލު ކުރަމުންދާ ހިތްދަތި ދިރިއުޅުން ހަމައެކަނި ބަސްތަކަކުން ސިފައެއް ނުކޮށްދެވޭނެ.
އދ.ގެ އާްންމު މަޖިލީހުގެ ރައީސް، އަދި ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު، އަބްދުﷲ ޝާހިދު

އެމަނިކުފާނު ވިދާޅުވީ، އެތައް އަހަރެއްކުރީން ފެށިގެން ނުހައްގުން ފަލަސްތީނުގެ ބިންތަކަށް ވެރިވެގަތުމާއި، ހައްގަކާ ނުލައި މީހުން ހައްޔަރުކޮށް، އެމީހުންނާ ދެކޮޅަށް ހިންގާ އަނިޔާވެރި އަމަލުތަކުން ފަލަސްތީނު ރައްޔިތުން ސަލާމަތްކުރަން ދައްކާ ވާހަކަތަކަކުން ނުފުދޭކަމަށެވެ.

މީގެއިތުރުން، އެމަނިކުފާނުވަނީ ފަލަސްތީނު ރެފިއުޖީންނަށް ބޭނުންވާ އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ ޔޫ.އެން.އާރް.ޑަބްލިއު.އޭ އަށް ފަންޑުކުރުން މިއަހަރު އަލުން ފެށިފައިވީނަމަވެސް، އަހަރު ނިމެންދެން އެ އޮޕަރޭޝަންތައް ހިންގޭހާ ފައިސާ ޔޫ.އެން.އާރް.ޑަބްލިއު.އޭ ގައި ނެތް ވާހަކަ ތަކުރާރުކުރައްވާފައެވެ.

އެކަމުގެ ހައްލަކީ ފަލަސްތީނާއި އިޒްރޭލުގެ ރައްޔިތުންނަށް އެދެބައިމީހުންގެ ހަގީގީ އުންމީދު ވިސްނި، ހަމަޖެހިގެން ސުލްހަވެރިކަމާއި، 1967 ބޯޑަރުތަކުގެ އެއްބަސްވުމުގެ ދަށުން ރައްކާތެރިކަމާއެކު ދިރިއުޅެވޭގޮތްވުންކަން ޝާހިދު ފާހަގަކުރެއްވިއެވެ.

ޝާހިދު ވިދާޅުވީ، ދެގައުމުގެ މީހުންނަށް އިންސާފުވެރިކަމާއި ސުލްހަވެރިކަން ލިބޭނެ ހައްލެއް ހޯދައި އެކަން ބަދަލުކުރުމަށް ބޭނުންވަނީ ގިނަ ގައުމުތަކަކުން އެއްބަސްވާ ސިޔާސަތެއްކަމަށެވެ.