ދުނިޔޭގެ ފުޓުބޯޅައިގެ އެންމެ ފާހަގަކޮށްލެވޭ ޒުވާން ކުޅުންތެރިޔާ، ޕީއެސްޖީ އަދި ފްރާންސްގެ އިތުބާރު ފޯވާޑް ކިލިއަން އެމްބާޕޭ އަށްވުރެ، ބާސެލޯނާއަށް ކުޅެމުން އަންނަ ފްރާންސްގެ އޮސްމާނޭ ޑެމްބެލޭ މާ މޮޅު ކަމަށާއި، ބޭނުންވަނީ ބާސާ އާއިއެކު ޑެމްބެލޭ ހަދާފައިވާ އެއްބަސްވުން އައުކުރަންކަމަށް ބާސާގެ ރައީސް، ޔޮއާން ލަޕޯޓާ ބުނެފިއެވެ.

ސްޕެއިންގެ މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި ޑެމްބެލޭގެ ކޮންޓްރެކްޓާއި ބެހޭގޮތުން ވާހަކަދައްކަމުން ލަޕޯޓާ ބުނީ، ކުލަބާއި ޑެމްބެލޭ އާއި ދެމެދު އޮތީ ވަރަށް ގާތް ގުޅުމެއް ކަމަށާއި، ޑެމްބެލޭ ބޭނުންވަނީ ކުލަބުގައި މަޑުކުރަން ކަމަށެވެ. އަދި ކުލަބުންވެސް ބޭނުންވަނީ ޑެމްބެލޭ ކުލަބާއެކު ހަދާފައިވާ އެއްބަސްވުން އައުކުރަން ކަމަށެވެ.

މީގެއިތުރުން ލަޕޯޓާ ބުނީ މިވަގުތުގެ ހާލަތުން އެންމެ ރަނގަޅުވާނީ ޑެމްބެލޭ އަށް ހެޔޮއެދޭ އެޖެންޓަކާއިއެކު ބާސާއިން މަޝްވަރާތައް ކުރުން ކަމަށާއި، ޑެމްބެލޭ އަކީ މޮޅު ކުޅުންތެރިއެއް ކަމަށާއި، އޭނާއަކީ އެމްބާޕޭ އަށްވުރެވެސް މޮޅު ކުޅުންތެރިއެއްކަމަށް ލަޕޯޓާ ބުނެފައިވެއެވެ.

ލަޕޯޓާ މިހެން ބުނެފައިވާއިރު އަނިޔާގެ އެކިއެކި މައްސަލަތަކުގެ ސަބަބުން ޑެމްބެލޭ އަށް ގިނަ ސީޒަންތަކެއްގެ ގިނަ މެޗުތަކެއް ދަނީ ގެއްލެމުންނެވެ. މި ސީޒަނުގެ މިހާތަނަށްވެސް ޑެމްބެލޭ އަށް އަދި ބާސާގެ ޖާޒީގައި ކުޅެދެވިފައިވަނީ އެންމެ ތިން މެޗެވެ. މި ތިންމެޗުން އަދި ޑެމްބެލޭއަށް ލަނޑެއް ކާމިޔާބު ކުރެވިފައެއް ނުވެއެވެ.

އަދި 2020/2021 ވަނަ އަހަރުގެ ސީޒަނުގައި ޑެމްބެލޭ ބާސާއަށް ކުޅެދީފައިވާ 44 މެޗުން 11 ލަނޑު ކާމިޔާބު ކޮށްދީފައިވާއިރު 5 އެސިސްޓް ކޮށްދީފައިވެއެވެ.

އެއާ ހިލާފަށް އެމްބާޕޭ މި ސީޒަނުގެ މިހާތަނަށް ޕީއެސްޖީއަށް 20 މެޗު ކުޅެދީފައިވާއިރު 9 ލަނޑު ކާމިޔާބުކޮށްދީ 12 އެސިސްޓް ކޮށްދީފައިވެއެވެ.

އަދި ފާއިތުވީ ސީޒަނުގައި ޕީއެސްޖީއަށް އެމްބާޕޭ ކުޅެދިން 47 މެޗުން 42 ލަނޑު ކާމިޔާބު ކޮށްދީ 11 އެސިސްޓް ކޮށްދީފައިވެއެވެ.

ފްރާންސްގެ ގައުމީ ޓީމުގައި މި ދެކުޅުންތެރިން ދައްކާފައިވާ ކުޅުމަށް ބަލާލާއިރު، 2016 ވަނަ އަހަރުން ފެށިގެން ފްރާންސްގެ ސީނިއަރ ސްކޮޑުގައި ހިމެނިގެން ކުޅެމުން އަންނަ ޑެމްބެލޭ ވަނީ މިހާތަށް އެގައުމުގެ ޖާޒީގައި 27 މެޗު ކުޅެދީ 4 ލަނޑު ޖަހާދީފައެވެ.

އަދި 2017 ވަނަ އަހަރު ފްރާންސްގެ ސީނިއަރ ސްކޮޑުން ފުރުސަތު ލިބުނު އެމްބާޕޭ ވަނީ މިހާތަނަށް ގައުމީ ޓީމަށް ކުޅެދިން 53 މެޗުން 24 ލަނޑު ކާމިޔާބު ކޮށްދީފައެވެ.

ފުޓުބޯޅައިގައިި އެމްބާޕޭ ހޯދާފައިވާ އިންޑިވިޖުއަލް ކާމިޔާބީތަކަށް ބަލާލާއިރު އޭނާ ވަނީ 2017 ވަނަ އަހަރު ގޯލްޑަން ބޯއިގެ އެވޯޑާއި، 2018 ވަނަ އަހަރުގެ ވޯލްޑް ކަޕުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ އެވޯޑުގެ އިތުރުން ވޯލްޑް ކަޕުގެ ޑްރީމް ޓީމުގައިވެސް ހިމެނި، 2018 ވަނަ އަހަރާއި 2019 ވަނަ އަހަރު ފްރާންސްގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑުގެ އިތުރުން ޔޫއެފާ ނޭޝަންސް ލީގް ފައިނަލްސް 2021 ގެ ގޯލްޑަން ބޫޓުވެސް ހާސިލްކޮށްފައެވެ.

އެމްބާޕޭ އާއި ހިލާފަށް ޑެމްބެލޭ އަށް މިފަދަ އެވޯޑެއް ހާސިލްކުރެވިފައެއް ނުވެއެވެ.