ދުނިޔެއިން އަލަށް ފެނިގެންއުޅޭ ކޮވިޑް ވައިރަހުގެ އޮމިކްރޮން ވޭރިއެންޓް، މީހުންގެ މެދުގައި ވަރަށް ހަލުވިކަމާއެކު ބަލި ފަތުރާކަމަށް ބެލެވޭ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާގެ ޗީފް ސައިންޓިސްޓް ސޯމިޔާ ސްވާމިނަތަން ވިދާޅުވެއްޖެއެވެ.

ދެކުނު އެފްރިކާއިން އެންމެ ފުރަތަމަ ފެނުނު އޮމިކްރޮން ވޭރިއެންޓާބެހޭ މާގިނަ މައުލޫމާތެއް ސައިންސްވެރިންނަށް އަދި ހޯދިފައެއް ނުވެއެވެ.

މީޑިއާ ކޮންފަރެންސެއްގައި ސޯމިޔާ ސްވާމިނަތަން ވިދާޅުވީ، އުންމީދު ކުރައްވަނީ އޮމިކްރޮންއަކީ ކިހާ ގޯސްކޮށްލާ ވޭރިއެންޓެއްކަމަށް ކަނޑައަޅަން އަދި މާ އަވަސް ކަމަށާއި، އެކަން ދެނެގަތުމަށް ވަގުތު ނަގާނެ ކަމަށެވެ.

ދުނިޔޭގެ އެކި ހިސާބުތަކުގައި ކޮވިޑްބަލީގެ 99 އިންސައްތަ ފެތުރިގެން ގޮސްފައިވަނީ ޑެލްޓާ ވޭރިއެންޓުގެ ސަބަބުންނެވެ.

ނަމަވެސް، އަލަށް ފެނިގެންއުޅޭ އޮމިކްރޮން ވޭރިއެންޓު، ޑެލްޓާ ވޭރިއެންޓް ފަހަނައަޅައި ދުނިޔޭގައި އެންމެ ގިނަ މީހުންނަށް ބަލި ޖައްސާ ވައިރަސްއަށް ވެގެން ދިއުމަކީ އެކަށީގެންވާ ކަމެއް ކަމަށް ސޯމިޔާ ސްވާމިނަތަން ވިދާޅުވިއެވެ.

ޑރ. ސޯމިޔާ ސްވާމިނަތަން ވިދާޅުވީ، ދެކުނު އެފްރިކައިން އެންމެ ފުރަތަމަ ފެނުނު އޮމިކްރޮން ވޭރިއެންޓް، ބަލިފަތުރާ މިންވަރު މިހާރު އޭގެ ތިންގުނަ އިތުރުވެފައިވާ ކަމަށެވެ.

އޮމިކްރޮން ވޭރިއެންޓުން ބަލިޖެހޭ މީހުންނަށް މިހާރު ދުނިޔޭގައި ބޭނުންކުރާ ވެކްސިންގެ ފައިދާ ކޮންމެވެސް ވަރަކަށް ކުރާކަމަށް ބެލެވޭ ކަމަށްވެސް ސޯމިޔާ ސްވާމިނަތަން ވިދާޅުވިއެވެ.

އައު ވޭރިއެންޓުން ބަލިޖެހޭ މީހުންގެ ތެރެއިން ވެކްސިން ޖަހާފައިވާ މީހުންގެ ބަލީގެ ހާލަތު ގޯސްވެ ނުވަތަ ބަލީގައި ބޮޑުވަރު ނުވާކަން ޑރ. ސޯމިޔާ ފާހަގަ ކުރެއްވިއެވެ. ވެކްސިނުން ރައްކާތެރިކަން ލިބިދޭކަން މިކަމުން ހާމަވާކަމަށް ވިދާޅުވިއެވެ.

އަލަށް ފެނިގެންއުޅޭ ވޭރިއެންޓުގެ ސަބަބުން ކޮވިޑްބަލި ފެތުރުން ހަލުވިވެގެން ދިޔަނަމަވެސް ޕެނިކް ނުވުމަށް ސޯމިޔާ ސްވާމިނަތަންވަނީ ދުނިޔެއަށް އިލްތިމާސް ކުރައްވާފައެވެ.

އޭގެ ބަދަލުގައި ރަނގަޅުގޮތަކީ އެ ވޭރިއެންޓާ ކުރިމަތިލުމަށް ތައްޔާރުވުމާއި، ރައްކާތެރިވެ ތިބުން ކަމަށް ވިދާޅުވިއެވެ.

ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިންވެސް މެމްބަރު ގައުމުތަކަސް ގޮވާލާފައިވަނީ، ސިއްހީ ފަރުވާގެ ކަންކަން އިތުރަށް ވަރުގަދަކުރުމަށާއި، ރައްޔިތުންނަށް ވެކްސިން ޖެހުމަށެވެ.