ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އަކީ ކަންމަތީ ފިހާރައެއްފަދަ ތަނެއް ކަމަށް ރައީސް ޔާމީންގެ ގާނޫނީ ވަކީލް އަދި، ކުރީގެ ނައިބު ރައީސް، ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ޑރ. ޖަމީލް މިމޭރުމުން ވާހަކަފުޅު ދެއްކެވީ "މަރުހަބާ ރައީސް ޔާމީން" ގެ ނަމުގައި ކާނިވަލް ސަރަހައްދުގައި އިދިކޮޅުން މިހާރު ބާއްވަމުން ގެންދާ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

އެމްޑީޕީން ޖޭއެސްސީ މިނިވަންވާނެ ކަމަށް ބުނި ނަމަވެސް، ކަންމަތީ ފިހާރައެއް ގޮތުގައި އެ ކޮމިޝަން ސިފަ ކުރައްވައި ޑރ. ޖަމީލް ވިދާޅުވީ، ކަންމަތީ ފިހާރައިން ދަރަންޏަށް އެއްޗެހި ނެގޭ އުސޫލުން، ފައިސާ ދީފައި ޖޭއެސްސީން ހުކުމް ގަންނަން ލިބޭ ކަމަށެވެ.

ތަރައްގީއަކީ އަދުލުވެރިކަން ކަމަށާއި، ތަރައްގީއަކީ އިންސާފުކަން ފާހަގަކުރައްވައި، ރާއްޖޭގެ އަދުލުގެ ނިޒާމު އިސްލާހް ކުރުމުގެ މުހިންމު ކަމުގެ މައްޗަށް ޑރ. ޖަމީލް ވާހަކަ ދެއްކެވިއެވެ.

އަދުގެ ސަރުކާރުން ޝަރުއީ ކޯޓުތައް ބޭނުންކުރަމުންދަނީ ސަރުކާރަށް ސިޔާސީ ބަދަލު ނަގައިދޭ ތަނެއްގެ ގޮތުގައި ކަމަށް ވިދާޅުވެ، އެމަނިކުފާނު ވަނީ ފުލުހުންނާއި، ޕްރޮސެކިއުޓަރ ޖެނެރަލްގެ އިތުރުން ކްރިމިނަލް ކޯޓާއި، ޝަރުއީ ނިޒާމުގައި ހިމެނޭ މުއައްސަސާތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއެވެ.

އަދި، ރައީސް ޔާމީންގެ މައްސަލާގައި މުޅީންވެސް އޮތީ ތަފާތުކުރުން ކަމަށް ޑރ. ޖަމީލް ވިދާޅުވިއެވެ.

"ޖިނާއީ އަދުލުގެ ނިޒާމު ފެށިގެން ތަންފީޒީ މަރުހަލާ ނިމޭ ހިސާބަށް ޔާމީންއާ ދޭތެރޭ ބިޔަކޮށް ވަށާލެވިފައިވާ އަނިޔާވެރިކަމުގެ ފާރެއް ވަނީ ރާނާލެވިފައި. ކޯޓުތަކަކީ ސަރުކާރުގެ އާރުކާރުޓީއެއް ނޫން، ސަރުކާރު ނަަގަހައްޓައިދޭ ތަންތަނެއް ނޫން، ސަރުކާރަށް ސިޔާސީ ބަދަލު ހިފައިދޭ ތަނަކަށް ވެގެންނުވާނެ، ޖިނާއީ ކޯޓު، ފެނިގެން ދަނީ ސަރުކާރަށް ސިޔާސީ ބަދަލު ހިފައިދޭ ތަނެއް ގޮތަށް."
ޑރ. މުހަންމަދު ޖަމީލު އަހްމަދު

ގާނޫނު އަސާސީގައި ލިޔެފައިވާ އެއްވެސް ތަހުޒީބު ކަމެއް ޖިނާއީ އަދުލުގެ ނިޒާމުގައި ނެތްކަން ރައީސް ޔާމީންގެ މައްސަލައިން ފެނިގެން ދިޔަކަމަށްވެސް ޑރ. ޖަމީލް ވިދާޅުވިއެވެ.

މީގެއިތުރުން، ރައީސް ޔާމީންގެ މައްޗަށް ހަމައެކަނި ސަބަބަކީ، ރާއްޖޭގެ ތާރީހުގައި ފެނިފައިނުވާ މިންވަރުގެ ތަރައްގީ އެންމެ ފަސް އަހަރުގެ ތެރޭގައި ރާއްޖެއަށް ގެނެސްދެއްވާފައިވާތީ، ސިޔާސީ ގޮތުން ބަދަލުހިފުމުގެ ބޭނުމުގައި ކަމަށްވެސް ޑރ. ޖަމީލް ވަނީ ވިދާޅުވެފައެވެ.

އެމަނިކުފާނު ވިދާޅުވީ، މާތްﷲގެ އިރާދަފުޅުން ދިވެހިރާއްޖޭގެ އައު ގާނޫނުއަސާސީގެ ދަށުން ރާއްޖޭގެ ވެރިކަމުގެ ދެވަނަ ދައުރެއް އަދާކުރައްވާ ފުރަތަމަ ރައީސަކަށް ވެވަޑައިގަންނަވާނެ ބޭފުޅަކީ ރައީސް އަބްދުﷲ ޔާމީން ކަމަށެވެ.

އަދި، ސުޕްރީމް ކޯޓުން ރައީސް ޔާމީނަކީ މައުސޫމު ބޭފުޅެއް ކަމަށް ކޯޓުން ކަނޑައެޅުމާއެކު، އެމަނިކުފާނު ވެރިކަމަށް ގެނައުމުގެ މަސައްކަތް ފެއްޓެވުމަށް ކޯލިޝަންގެ އާންމު މެމްބަރުންގެ އަރިހުން ޑރ. ޖަމީލް ވަނީ އެދިވަޑައިގެންފައެވެ.