ދިވެހިރާއްޖެއަކީ އިންޑިއާގެ އަވަށެއް ނޫންކަމަށާއި، ރާއްޖޭގެ ސަލާމަތާއި އަމާންކަން ބަލަހައްޓަން ދިވެހިރާއްޖޭގައި އިންޑިއާ ސިފައިން ތިބެން ނުޖެހޭނެ ކަމަށް ވިދާޅުވެ، އިންޑިއާ ސިފައިން ރާއްޖެއިން ފޭބުމަށް ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރ، އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ގޮވާލައްވައިފިއެވެ.

ރައީސް ޔާމީނަށް މަރުހަބާ ދެންނެވުމުގެ ގޮތުން އިދިކޮޅުން ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ވާޙަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ރާއްޖެއަކީ އިންޑިއާގެ އަވަށެއް ކަމަށް އިންޑިއާ އިން ހީކޮށްގެން ނުވާނެ ކަމަށެވެ.

އަދި، ރާއްޖޭގެ ރައީސަކީ އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ ގަވަރުނަރަކަށް ވެގެން ނުވާނެ ކަމަށާއި، ރާއްޖޭގައި ތިބެނީ އެ ނަސްލުގެ މީހުން ނޫން ކަމަށް ވިދާޅުވެ ރައީސް ޔާމީން ވަނީ ވަރަށް ބޮޑަށް އިންޑިއާއަށް ފާޑުވިދޅުވެފައެވެ.

މިތަނުގައި އިންޑިއާގެ ސިފައިން ތިބޭކަށް ނުޖެހޭ. މިއަދު ރަސްމީކޮށް މިދަންނަވަނީ އިންޑިއާގެ އަސްކަރިއްޔާ ޖެހޭނީ ރާއްޖެ އިން ފައިބަން. ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަން ކޮށްފައި ހުރި މީހެއްގެ ހައިސިއްޔަތުން މިދަންނަވަނީ އިންޑިއާގެ އެންމެ ސިފައިންގެ މީހަކު ވެސް ރާއްޖޭގައި ހުންނާކަށް ނުޖެހޭ.
ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރ، އަބްދުﷲ ޔާމީން

މީގެކުރީން، ދިވެހިރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފައިބަންޖެހޭ ކަމަށް ސަރީހަކޮށް ވިދާޅުނުވި ނަމަވެސް، މިހާރު ސާފުކޮށް އެފަދައިން ވިދާޅުވަން ބޭނުންފުޅުވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެގޮތުން، ރައީސް ޔާމީން ވަނީ ދިވެހިރާއްޖޭގެ ކުރީގެ ރައީސެއްގެ ހައިސިއްޔަތުންނާއި، އެތައް ދިވެހި ރައްޔިތުން އިތުބާރުކުރާ ވާދަވެރި ސިޔާސީ ލީޑަރެއްގެ ހައިސިއްޔަތުން ވިދާޅުވާން އޮތީ އިންޑިއާ ސިފައިން ޖެހޭނީ ރާއްޖެއިން ފައިބަން ކަމަށް ވިދާޅުވެފައެވެ.

އެމަނިކުފާނު ވެރިކަމުގައި ހުންނެވިއިރު އިންޑިއާ ސިފައިން ރާއްޖެއިން ބާލަން މަސައްކަތް ކުރެއްވިނަމަ އެކަން ވީސްކަމަށް މިހާރު ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައި ހުންނެވި މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވެފައިވުމާ ގުޅިގެން އެކަމަށް ރައްދު ދެއްވައި ރައީސް ޔާމީން ވިދާޅުވީ، އިންޑިއާގެ ހެލިކޮޕްޓަރުތައްވެސް ރާއްޖެއިން ފޮނުވާލަން މަސައްކަތް ކުރެއްވި ކަމަށާއި، އެކަން ފެންނަން ހުންނާނެ ކަމަށެވެ.

އަދި، ކޮންމެ ސިފައިންގެ މީހަކީ ދިވެހި ރައްޔިތެއް ކަމަށާއި، އެބޭފުޅުން ކުރައްވާފައިވާ ހުވައަކީ ގައުމު ހިމާޔަތްކުރުމުގެ ހުވައެއްކަމަށް ވިދާޅުވެ ރައީސް ޔާމީން ވަނީ ސިފައިންނަށް މެސެޖެއް ރައްދުކުރައްވާފައެވެ.

މީގެކުރިން، މިހާ ފާޅުކަންބޮޑުގޮތެއްގައި އެމަނިކުފާނު އިންޑިއާއާ ދެކޮޅަށް ފާޑުކިޔާފައެއް ނުވެއެވެ.