ބަންގްލަދޭޝްގައި ކުރިއަށްދާ އިންޓަނޭޝަނަލް ޗެލެންޖް ބެޑްމިންޓަން މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށް ރާއްޖޭގެ ބެޑްމިންޓަން ތަރިން، ފާތިމަތު ނަބީހާ އާއި އައިމިނަތު ނަބާހާގެ ޕެއާއިން ތާރީހުން ޖާގަ ހޯދައިފިއެވެ.

މިއީ ރާއްޖޭގެ ބެޑްމިންޓަން ތާރީހުގައި އިންޓަނޭޝަނަލް ޗެލެންޖް ލެވަލް މުބާރާތެއްގެ ސެމީ ފައިނަލުން ދިވެހި ކުޅުންތެރިން ފުރުސަތު ހޯދި ފުރަތަމަ ފަަހަރެވެ. މީގެ ކުރިން ދިވެހި ކުޅުންތެރިން އިންޓަނޭޝަނަލް މުބާރާތްތަކުގައި ވާދަކޮށްފައި ހުރީ ފިއުޗާ ސީރީސް ފަދަ މުބާރާތްތަކުގަ އެވެ. ޗެލެންޖް މުބާރާތްތަކަކީ ސީރީސް މުބާރާްތްތަކަށް ވުރެ ލެވަލް މަތި މުބާރާތްތަކެކެވެ.

ސެމީ ފައިނަލްގެ ޖާގައެއް ނަބާ އާއި ނަބީގެ ޕެއާއިން ހޯދީ މިއަދު ހެނދުނު ކުޅުނު މުބާރާތުގެ ކުއާޓަރ ފައިނަލްގައި ބަންގްލަދޭޝްގެ ފާތިމާ ބޭގަމް އާއި ބްރިސްޓީ ކަތުންގެ ޕެއާގެ މައްޗަށް ކުރިހޯދައިގެންނެވެ. ސީދާ ދެ ސެޓުން ނަބީ އާއި ނަބާ މި މެޗު ކާމިޔާބުކުރިއިރު މެޗުގެ ސެޓުތައް ދެކުޅުންތެރިން ގެންދިޔައީ 21-15 އާއި 21-17 އިންނެވެ.

މުބާރާތުގެ ސެމީ ފައިނަލް ކުރިއަށްދާނީ މިއަދު ހަވީރުއެވެ. ނަބާ އާއި ނަބީ ސެމީގައިވާދަކުރަން ޖެހޭނީ ކުއާޓާގައި އިންޑިއާގެ މެހްރީން ރިޒާ އާއި އަރާތީ ސާރާ ސުނިލްގެ ޕެއާ އާއި ބަންގްލަދޭޝްގެ ރަސްމާ އަކްރަތު އާއި އުރްމީ އަކްރަތު ކުޅެގެން މޮޅުވާ ޕެއާ އަކާ އެވެ.

އަންހެން ޑަބަލްސްގެ ސެމީގެ ޖާގަ ލިބުމާ އެކު ނަބާ އާއި ނަބީ އަށް ވަނީ އަންހެން ޑަބަލްސް ބައިން މެޑަލެއް ޔަގީންވެފަ އެވެ. ނަބީ އާއި ނަބާ ވަނީ މީގެ ކުރިން އަންހެން ޑަބަލްސް އިން ރާއްޖެ އަށް ބައިނަލްއަގުވާމީ ނުވަ މެޑަލް ހޯދައިދީފަ އެވެ. އެއީ ރަން މެޑަލަކާއި ހަތަރު ރިހި މެޑަލް އަދި ހަތަރު ލޯ މެޑަލް އެވެ.

ބަންގްލަދޭޝް ޗެލެންޖްގެ މިކްސް ޑަބަލްސްގެ ކުއާޓާ ފައިނަލުގައި މިއަދު ރާއްޖޭގެ ޒަޔާން ޒަކީ އާއި ނަބާގެ ޕެއާ ވާދަކުރާނެ އެވެ. ޒަޔާން އާއި ނަބާގެ ޕެއާ ބައްދަލުކުރާނީ އިންޑިއާގެ ނަޒީރު ހާން އާއި ނިލާ ވަލުވަންގެ ޕެއާއާ އެވެ.

އަނެއްކާވެސް ރާއްޖެއަށް ބެޑްމިންޓަން އިން މެޑަލް އެއް ނަބާ އާއި ނަބީ ހޯދައިދީފައިވާއިރު ބަންގްލަދޭޝް ޗެލެންޖަށް ފަހު މި ދެކުޅުންތެރިން ދެން ކުރިމަތިލާނީ ސްޕެއިންގައި މި މަހު 12-19 އަށް ކުރިއަށްދާ ބެޑްމިންޓަން ވޯލްޑް ޗެމްޕިއަންޝިޕްގަ އެވެ. ނަބާ އާއި ނަބީ ވަނީ ދުނިޔޭގެ މުބާރާތުގެ އަންހެން ޑަބަލްސް އަށް ކޮލިފައިވެފަ އެވެ. މިއީ ބެޑްމިންޓަން ދުނިޔޭގެ މުބާރާތުގައި ރާއްޖެ ތަމްސީލްކުރާނެ ފުރަތަަމަ ފަހަރެވެ.