ކޮވިޑްބަލި ހަލުވިކަމާއެކު ފަތުރާ އޮމިކްރޮން ވޭރިއެންޓް ފެނުނު ގައުމުތަކުގެ އަދަދު 38 އަށް އަރައިފި ކަމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ބުނެފިއެވެ.

މީގެ ދެދުވަސްކުރިން އޮމިކްރޮން ވޭރިއެންޓު ފެނުނު ގައުމުތަކުގެ އަދަދު ހުރީ 23 ގައެވެ. ނަމަވެސް އެ އަދަދު މިއަދުވަނީ 38 އަށް މައްޗަށް އަރާފައެވެ.

އޮމިކްރޮން ވޭރިއެންޓް 38 ގައުމަކުން ފެނުނު ނަމަވެސް، އެ ވޭރިއެންޓުން ބަލިޖެހިގެން އަދި މިހާތަނަށް އެއްވެސް މީހަކު މަރުވިކަމެއް ދުނިޔޭގެ އެއްވެސް ގައުމަކުން އަދި ރިޕޯޓް ކޮށްފައެއް ނުވެއެވެ.

އޮމިކްރޮން ވޭރިއެންޓް، މީހުންގެ މެދުގައި ވަރަށް ހަލުވިކަމާއެކު ބަލި ފަތުރާކަމަށް ބެލެވޭ ކަމަށް ޑަބްލިޔޫއެޗްއޯގެ ޗީފް ސައިންޓިސްޓް ޑރ. ސޯމިޔާ ސްވާމިނަންތަން އިއްޔެ ވިދާޅުވެފައި ވެއެވެ.

އޮމިކްރޮންއަކީ ބަލިޖެހޭ މީހާގެ ހާލަތު ވަރަށް ގޯސްކޮށްލާ ވޭރިއެންޓެއްކަމަށް ކަނޑައަޅަން އަދި މާ އަވަސް ކަމަށާއި، އެކަން ދެނެގަތުމަށް ވަގުތު ނަގާނެ ކަމަށް ވިދާޅުވިއެވެ.

އެހެން ނަމަވެސް، ދެކުނު އެފްރިކައިން އެންމެ ފުރަތަމަ ފެނުނު މި ވޭރިއެންޓް، ބަލިފަތުރާ މިންވަރު މިހާރު އޭގެ ތިންގުނަ އިތުރުވެފައިވާ ކަމަށް ޑރ. ސޯމިޔާ ވިދާޅުވިއެވެ. މާނައަކީ މި ވޭރިއެންޓުގެ ސަބަބުން ބަލިޖެހޭ މީހުންގެ އަދަދުތައް އިތުރުވެގެން ގޮސްފައިވުމެވެ.

ދުނިޔޭގެ އެކި ހިސާބުތަކުގައި ކޮވިޑްބަލީގެ 99 އިންސައްތަ ފެތުރިގެން ގޮސްފައިވަނީ ޑެލްޓާ ވޭރިއެންޓުގެ ސަބަބުން ނަމަވެސް، އޮމިކްރޮން ވޭރިއެންޓު، ޑެލްޓާ ވޭރިއެންޓް ފަހަނައަޅައި ދުނިޔޭގައި އެންމެ ގިނަ މީހުންނަށް ބަލި ޖައްސާ ވައިރަސްއަށް ވެގެން ދިއުމަކީ އެކަށީގެންވާ ކަމެއް ކަމަށް ޑރ. ސޯމިޔާ ވިދާޅުވިއެވެ.

ކޮވިޑްބަލި ޖެހުނު ކަމަށް ރެކޯޑު ކުރެވުނު މީހުންގެ އަދަދު ޔޫރަޕްގައި މިއަދު 75 މިލިއަނަށް އަރައިގެން ގޮސްފައިވާއިރު، ބަލިޖެހިފައިވާ މީހުންގެ އަދަދުތައް ގިނަވެ ޔޫރަޕްގެ ބައެއް ގައުމުތަކުގެ ހޮސްޕިޓަލްތަކަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވެފައި ވެއެވެ.

ދުނިޔެއިން ކޮވިޑްބަލީގެ ހާލަތު ތިންވަނައަށް އެންމެ ގޯސްވެފައިވާ ރަޝިޔާގެ ހާލަތުވެސް އިތުރަށް ގޯސްވާން ފަށާފައި ވާއިރު، އައު ވޭރިއެންޓާއެކު ދެކުނު އެފްރިކާ މިހާރު ތަހައްމަލް ކުރަމުންދަނީ ކޮވިޑްބަލީގެ ހަތަރުވަނަ ރާޅެވެ.

އެމެރިކާގެ 9 ސްޓޭޓަކުން މިހާރު އޮމިކްރޮން ވޭރިއެންޓުގެ ކޭސްތައް ފެނިފައި ވެއެވެ.

އޮމިކްރޮން ވޭރިއެންޓުން ބަލިޖެހޭ މީހުންނަށް މިހާރު ދުނިޔޭގައި ބޭނުންކުރާ ވެކްސިންގެ ފައިދާ ކޮންމެވެސް ވަރަކަށް ކުރާކަމަށް ބެލެވޭ ކަމަށްވެސް ސައިންސްވެރިން ވިދާޅުވެއެވެ.

އޮމިކްރޮން ވޭރިއެންޓު ފެތުރުން ހުއްޓުވުމަށްޓަކައި ގައުމުތަކުން ގެންދަނީ ދަތުރުފަތުރު ކުރުމުގައި ހަރުކަށި ފިޔަވަޅުތައް އަޅައި، ޓެސްޓްކުރުން ވަރުގަދަ ކުރަމުންނެވެ.