ޔޫރަޕުގެ އެންމެ ޝަރަފުވެރި ކުލަބު ފުޓުބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ބާސެލޯނާއާ ބަޔާން މިއުނިކް ބައްދަލުކުރާ މެޗު ސަޕޯޓަރުން ނުވައްދާ ކުޅުމަށް ނިންމައިފިއެވެ.

ބަޔާންގެ އެލިއަންޒް އެރީނާގައި ކުޅޭ މިމެޗު ސަޕޯޓަރުން ނުވައްދާ ކުޅުމަށް ނިންމީ މި ދަނޑު ހުންނަ ބަވާރިއާ ސްޓޭޓުގައި ކޮވިޑުގެ ކޭސްތައް އަނެއްކާވެސް ފެންނަ މިންވަރު ބޮޑުތަނުން އިތުރުވުމާއި ގުޅިގެންނެވެ.

މިކަން ހާމަކޮށް ބަވާރިއާ ސްޓޭޓުގެ މިނިސްޓަރ- ޕްރެޒިޑެންޓް މާކަސް ސޮޑާ ބުނީ މިއީ މިދިޔަ ހަފްތާގައި އަމަލުކުރަން މަސައްކަތްކުރި ނިންމުމެއް ކަމަށާއި، މިފިޔަވަޅު އެޅުމަށް ނިންމީ، ފުޓުބޯޅަ އަކީ ގިނަ ބަޔަކު ބަލާ، ފުޓުބޯޅަ ކުޅުންތެރިންނަކީ ގިނަބަޔަކު ރޯލް މޮޑެލް އެއްގެ ގޮތުގައި ބަލާ ބައެއްކަމަށްވުމުން، ކުޅުންތެރިންގެ އަމަލުތަކުން އާންމުރައްޔިތުންނަށް މިސާލުދެއްކުމުގެ ބޭނުމުގައެވެ.

ކޮވިޑްގެ ނުރައްކާ ބޮޑުވެ. ގިނަ ދުވަސްތަކެއް ވަންދެން މީގެކުރިންވެސް ދަނޑުތަކަށް ސަޕޯޓަރުން ނުވައްދާ މެޗުތައް ކުޅެފައިވެއެވެ. އެހެންނަމަވެސް މިއަހަރު ބޭއްވި ޔޫރޯ މުބާރާތަށްފަހު ރަސްމީކޮށް ބޮޑެތި ލީގުތަކުގެ މެޗުތަކަށް ސަޕޯޓަރުން އަންނަނީ ވައްދަމުންނެވެ.

ސަޕޯޓަރުން ނުވައްދާ މިމެޗަކީ ބާސާ އަށް ކޮންމެހެން މޮޅުވުން މަޖުބޫރު މެޗެކެވެ. މިއީ ގްރޫޕް ސްޓޭޖުގައި އެޓީމުން ކުޅޭނެ ފަހުމެޗެވެ. މިމެޗުން މޮޅު ނުވެއްޖެނަމަ ބާސާއަށް އަމިއްލަ ބާރުގައި ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު ގެއްލޭނެއެވެ. މެޗުން ބާސާ މޮޅެއް ނުހޯދައިފިނަމަ ދެން އެޓީމަށް އޮތް ހަމައެކަނި ފުރުސަތަކީ މިމަހުގެ 9 ވަނަ ދުވަހު މި ގުރޫޕުގެ ފުލުގައި އޮތް ޑައިނަމޯ ކީވް އަތުން ބެންފީކާ ބަލިވެގެންނެވެ. އެހެންނަމަވެސް މިހާތަނަށް މި ސީޒަނުގެ ޗެމްޕިއަސްލީގުގައި އަދި މޮޅެއް ހޯދިފައިނުވާ ކީވް އަތުން ބެންފީކާ ބަލިވުމަކީ ވުމަށްވުރެ ނުވުން ގާތް ކަމެކެވެ. އެހެންކަމުން ގާތްގަނޑަކަށް ބަޔާން އަތުން މޮޅުވުން ނޫންގޮތެއް ބާސާއަކަށް ނެތެވެ.

މިހާތަނަށް ބަޔާން އިން ގްރޫޕް ސްޓޭޖުގައި ފަސްމެޗު ކުޅެފައިވާއިރު ހުރިހާ މެޗަކުންވެސް ވަނީ މޮޅުވެފައެވެ. އަދި ގްރޫޕް ސްޓޭޖުގައި މި ދެޓީމުން ކުޅުނު ފުރަތަމަ މެޗުން ބަޔާން ވަނީ 0-3 ގެ ނަތީޖާއަކުން މޮޅުވެފައެވެ.

މި ނަތީޖާއާއިއެކު މިވަގުތު ބާސާއަށް ކުޅުނު 5 މެޗުން ލިިބިފައިވާ 7 ޕޮއިންޓާއެކު ލިބެނީ ތާވަލުގެ ދެވަނައެވެ. އެއްވަނައިގައި ވަރުގަދަ ބަޔާން އޮތީ ހުރިހާ މެޗަކުން މޮޅުވެގެން 15 ޕޮއިންޓާއެކުއެވެ. ތިންވަނައިގައި ބެންފީކާ 5 ޕޮއިންޓާއެކު އޮތްއިރު ފުލުގައި ޑައިނަމޯ ކީވް އޮތީ އެންމެ ޕޮއިންޓަކާއެކުއެވެ.