ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް ދެވަނަ ފުރުސަތެއް ދީގެން ނޫނީ ކޯލިޝަނަކަށް ހިންދަމާ ނުލެވޭނެ ކަމަށް މޯލްޑިވްސް ޓްރޭޑް ޔޫނިއަންގެ ނައިބު ރައީސް ސަައުދުﷲ އަހުމަދު ވިދާޅުވެއްޖެއެވެ.

ސަައުދުﷲ މިހެން ވިދާޅުވެފައިމިވަނީ ކުރިއަށް އޮތް 2023ގެ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ރިޔާސީ ޓިކެޓްގައި ވާދަ ކުރާނެ ބޭފުޅަކު ކަނޑައަޅާނީ އެމްޑީޕީގެ އެތެރޭގައި ބޭއްވޭ ޕްރައިމަރީއަކުން ކަމުގައި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވަނިކޮށެވެ.

ސަައުދުﷲ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ 2023 ވަނަ އަހަރުގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހަށް ދެވަނަ ފުރުސަތެއް ދީގެން މެނުވީ ކޯލިޝަނަށް ހިންދެމިނުލެވޭނެ ކަމަށެވެ.

ޕްރައިމަރީއަކާއި ނުލައި ރައީސް ސާލިހަށް ދެވަނަ ފުރުސަތެއް ދޭންޖެހޭކަމަށާއި، ޑިމޮކްރަސީ ދަންނަ ރީތި ގޮތަކީ ވެރިކަމުގައި ހުރި ފަރާތަށް އެމީހާ ނިސްބަތްވާ ޕާޓީން އެ ފުރުސަތު ދިނުން ކަމަށްވެސް އޭނާ ކުރެއްވި ޓްވީޓުގައިވެއެވެ.

އަންނަ ރިޔާސީ އިންތިޚާބުގެ ޓިކެޓާއި ގުޅޭގޮތުން އެމްޑީޕީ ތެރޭގައި ޚިޔާލު ތަފާތުވުންތަކެއް އުފެދިފަވާ ކަމަށް ބައެއް ސަޕޯޓަރުން އަންނަނީ ބުނަމުންނެވެ.

އެމްޑީޕީގެ ރިޔާސީ ޓިކެޓަކީ އަބަދުވެސް ޕްރައިމަރީއަކުން ލިނޭނެ ޓިކެޓެއް ކަމަށާއި، މިހާރުގެ ރައީސުލްޖުމްހޫރިއްޔާއަށް އެމްޑީޕީގެ ރިޔާސީ ޓިކެޓް ލިބިވަޑައިގެންނެވީ ޓިކެޓް ދޫކޮށް ލެއްވުމުންކަމަށް ރައީސް ނަޝީދު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.