މިއަހަރުގެ މިހާތަނަށް ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 1،162،425 މިލިއަނަށް އަރައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން މިމަހުގެ 1 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 1،162،425 ފަތުރުވެރިން ޒިޔާރާތް ކޮށްފައިވެއެވެ.

މިއަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކޮށްފައިވަނީ އިންޑިއާއިންނެވެ.

އިންޑިއާއިން ރާއްޖެއަށް 261،164 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކޮށްފައިވާއިރު، 205،246 ފަތުރުވެރިންނާއެކު ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކޮށްފައިވަނީ ރަޝިޔާއިންނެވެ.

އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި ލިސްޓުގައި ދެން ހިމެނެނީ، ޖަރމަނީ، އެމެރިކާ، ސައުދީ އަރަބިއްޔާ، ޔޫކްރެއިން، ސްޕެއިން، އިނގިރޭސިވިލާ އަދި ފްރާންސެވެ.

ރާއްޖޭން ބޭރުގެ 27 އެއާލައިނަކުން ރާއްޖެއަށް މިހާރު ދަތުރުކުރާއިރު، އެންމެ ގިނަ ފަތުުރުވެރިން ރާއްޖެއަށް ޒިޔާރަތް ކޮށްފައިވަނި އެމިރޭޓްސް މެދުވެރިކޮށެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށް ފަހު، މިދިޔަ އަހަރުގެ ޖުލައިމަހުގެ 15 ވަނަ ދުވަހު ބޯޑަރު އަލުން ހުޅުވާލިފަހުން، ފަތުރުވެރިންނަށް ހިދުމަތްދޭ 1،121 ތަނެއް މިހާރު ވަނީ ހުޅުވާލާފައެވެ.

މީގެތެރޭގައި ހިމެނެނީ، 167 ރިސޯޓާއި، 797 ގެސްޓްހައުސްގެ އިތުރުން 157 ސަފާރީއެވެ. މިއީ 52،024މ ބެޑް ކެޕޭސިޓީއެވެ.

ރާއްޖެއަކީ ފަތުރުވެރިންނަށް ރައްކާތެރި މަންޒިލަކަށް ހެދުމުގެ ގޮތުން، ޓުއަރިޒަމް މިނިސްޓްރީން ފެށި ވެކްސިން ޕްރޮގްރާމުގެ ދަށުން މިހާތަނަށް 95 އިންސައްތަ ރިޒޯޓް މުވައްޒަފުން ވަނީ ވެކްސިން ފުރިހަމަ ކޮށްފައެވެ.