މެދުކެނޑުމަކަށް ފަހު ސްރީލަންކާގެ ގައުމީ އެއާލައިން ސްރީލަންކަން އިން އައްޑުއަށް ދަތުރުތައް ފަށައިފިއެވެ.

ސްރީލަންކަންގެ ދަތުރުތައް އަލުން ގަމަށް ފަށާފައިމިވަނީ ކޮވިޑް-19 އާއި ގުޅިގެން ދަތުރުތައް މެދު ކަނޑާލާފައި އޮތުމަށް ފަހުގައެވެ. އަލުން ދަތުރުތައް އައްޑޫއަށް ފަށާއިރު ޝެޑިއުލް ދަތުރުތައް އޮންނާނީ ކޮންމެ ހަފްތާއަކުވެސް ހޮނިހިރު ދުވަހުކަމަށް ސްރީލަންކަން އެއާލައިނުން ބުނެއެވެ.

މިދަތުރުތައް ފަށާފައިވާއިރު ފުރަތަމަ ފްލައިޓް ގަމަށް ޖައްސާފައިވަނީ މިއަދު މެންދުރު 13:30 ހާއިރުއެވެ. އަދި ގަން އެއާޕޯޓުން ވަނީ ހޫނު މަރުހާބައެއް ކިޔާފައެވެ.

އަލުން ދަތުރުތައް ފެށިއިރު އައްޑޫން ކޮލަމްބޯއަށް ދެކޮޅު ޓިކެޓްގެ އަގަކީ (ދިވެހިންނަށް) 271 އޫއެސް ޑޮލަރެވެ. އަދި ގަމުން ދުބާއީއަށް 487 ޔޫއެސް ޑޮލަރަށް ދެކޮޅު ޓިކެޓް ލިބޭއިރު، ގަން ޑާކާ މާލެ ޓިކެޓްގެ އަގަކީ 490 ޔޫއެސް ޑޮލަރެވެ. މީގެ އިތުރުންވެސް އިތުރު ގިނަ މަންޒިލްތަކަށް ސްރީލަންކަން އިން ދަތުރު ކުރެވޭނެ ކަަމަށް އެ އެއާލައިނުން ބުނެއެވެ.

މި ދަތުރުތަކާއި ގުޅޭ އިތުރު މައުލޫމާތު އޭސް އޭވިއޭޝަން ސާވިސް މޯލްޑިވްސްގެ ފަރާތުން ލިބޭނެއެވެ. އެގޮތުން ގުޅޭނެ ނަންބަރު 3333668 ނުވަތަ 7978966 އިން އިތުރު ތަފްޞީލް ލިބޭނެއެވެ. އަދި އައްޑޫގެ ޓިކެޓިންގ އެޑްރެސްއަކީ މިފްރާ، ސ.ފޭދު (ބީޗް ރޯޑް)އެވެ.

އައްޑޫ އާއި ލަންކާ ދެމެދު ކުރެވޭ ދަތުރުތަކަށް އާންމުންގެ ފަރާތުން ބޮޑު ޑިމާންޑެއް އޮވެއެވެ.

ސްރީލަންކަން އިން ގަމަށް ދަތުރުތައް އެންމެ ފުރަތަމަ ފެށީ 1 ޑިސެމްބަރު 2016 ގައެވެ.