ޖުމްހޫރީ ޕާޓީގެ މުސްތަގުބަލް ފެންނަނީ ވަރަށް އުޖާލާކޮށް ކަމަށް އެ ޕާޓީގެ ނައިބު ރައީސް އަހުމަދު ސައުދު ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ޕާޓީން "ރަށު ދަތުރު" މިނަމުގަ ފަށާފައިވާ ހަރަކާތުގެ ތެރެއިން ކާށިދޫ އަދި ގާފަރަށް މިހާރު ކުރަމުންދާ ދަތުރާ ގުޅޭގޮތުން ވީނިއުސްއާ ވާހަކަ ދައްކަވަމުން ޖުމްހޫރީ ޕާޓީގެ ނައިބު ރައީސް އަހުމަދު ސައުދު ވިދާޅުވީ ސިޔާސީ މައިދާނުގައި މިހާރު ފެންނަ މަންޒަރުތަކަށް ބަލާފަ ޕާޓީގެ މުސްތަގުބަލު ފެންނަން އޮތީ ވަރަށް އުޖާލާކޮށް ކަމަށެވެ.

2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓަކު ވާދަކުރައްވާނެ ކަން ފާހަގަކުރައްވާ ސައުުދު ވިދާޅުވީ މިހާރު ކުރަމުންދާ ދަތުރުގެ ތެރެއިން އެންމެ ބޮޑަށް ފާހަގަކުރެވުނީ ރާއްޖޭގެ ސިޔާސީ މަސްރަހު ވަރަށް ބޮޑަށް އެނބުރިގެންދާތަން ކަމަށެވެ.

މީސްމީހުން ތިންވަނަ ބައެއްގެ ގޮތުގައިނަމަވެސް ރާއްޖެއިން އެބަޖެހޭ ތަފާތު ވެރިކަމެއް އެހެން ބޭފުޅަކާ ހަވާލުކުރަން. އިންޑިޕެންޑެންޓް މީހުނާވެސް ބައްދަލުވި. މިފަދަ ކޮންމެ ބޭފުޅެއްގެ ފަރާތުން ފެނުނީ ގާސިމް އިބްރާހިމަށް ތާއީދު އޮތްވަރު. ގާސިމަށް ތާއީދުކުރާ މީހުންވެސް މިއަދު ވަރަށް ގިނަވެއްޖެ. ކާށިދޫ އަދި ގާފަރަކީ މީގެ ކުރިންވެސް ޖުމްހޫރީ ޕާޓީއަށް ތާއީދުއޮތް ރަށެއް."
ޖޭޕީގެ ނައިބު ރައީސް އަހުމަދު ސައުދު

ކާށިދޫ އަދި ގާފަރުގެ ރައްޔިތުންނަށް މިދަތުރުގެ ސަބަބުން އިތުރު ހިތްވަރެއް ލިބުނު ކަމަށާއި ޕާޓީއަށް މުޅިން އަލަށް ގުޅުނު މީހުންވެސް އެ ރަށުން ގިނަކަން ސައުދު ފާހަގަކުރެއްވިއެވެ.

އެގޮތުން ކާށިދޫން 150 ވުރެ މީހުން ޕާޓީއަށް ގުޅުނު ކަމަށާއި ކާށިދޫން ޕާޓީއާ އަލަށް ގުޅުނު ބޭފުޅުންގެ ތެރޭގައި އެމްޑީޕީއަށް ނިސްބަތްވާ ކުރީގެ ކައުންސިލްގެ ރައީސްވެސް ހިމެނޭ ކަމަށްވެސް ސައުދު ވިދާޅުވިއެވެ.

އަދި ޕާޓީއަށް ޒުވާނުން ގުޅުމުގެ ވިސްނުމާއެކު ބޮޑު އިވެންޓެއް ބާއްވަން ކާށިދޫ ޒުވާނުން ބޭނުންވާ ކަމަށް ސައުދު ވިދާޅުވިއެވެ.

މި ދަތުރުގައި ޕާޓީގެ ނައިބު ރައީސް އަޙުމަދު ސައުދު އާއި ޕާޓީގެ ސެކެޓްރީ ޖެނެރަލް އަލީ އާރިފްގެ އިތުރަށް ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ ކަނބަލުން ބައިވެރިވިއެވެ.

ޖުމްހޫރީ ޕާޓީގެ މެމްބަރުން އިސްނަންގަވައިގެން ޕާޓީއަށް މެމްބަރުން އިތުރުކުރުމަށާއި، ޕާޓީގެ މަސައްކަތްތައް އަތޮޅުތެރެއަށް ފުޅާކުރުމުގެ މަސައްކަތް ފެށީ މިދިޔަ މަހުގެ އެގާރަވަނަ ދުވަހުއެވެ.